ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނޭވާލެވެނީ އެމްޑީޕީ ކަންނެތް ވުމުން ކަމަށާއި އެ ޕާޓީ ވަރުގަދަވާން ޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ދިވެހި ސިޔާސީ މަސްރަހުން މިހާރު ފެންނަމުން ދަނީ ކުރިން ހީވެސްނުކުރާ ފަދަ އާ ބަދަލުތަކެކެވެ. މިނިވަން ނޫސްވެރިކަމުގެ ދިފާއުގައި ސަރުކާރާ ދެކޮޅަށް އެކުގައި މަސައްކަތްކުރައްވަން ރައީސް ޔާމީނާއި، އެމްޑީޕީގެ ކުރީގެ ދެ ރައީސުން ކަމަށްވާ އިބްރާހިމް މުހައްމަދު ސޯލިހު އަދި މުހައްމަދު ނަޝީދު މިހާރު ވަނީ ނިންމަވާފަ އެވެ. މި ސިޔާސީން އެއްގަލަށް އެރުމާއެކު، ޔާމީންގެ ޕީއެންއެފްއާއި އެމްޑީޕީން ވެސް ދަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ.
ޕީއެންއެފްގެ ޓައުންހޯލް ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމަނިކުފާނުގެ ކުޑަ ޕާޓީން ކުރާ އާރުލާ މަސައްކަތްތަކުގެ ނަތީޖާ ބައި-އިލެކްޝަންތަކުން ފެންނަމުންދާ ކަމަށެވެ. އަދި އިގުތިސާދީ ގޮތުން ފިޗް ރޭޓިންއަށް ބެލިޔަސް އަދި އިންތިހާބުތަކަށް ބެލިޔަސް މި ސަރުކާރަށް ކުރިމަގެއް އޮތްތަނެއް ނުފެންނަ ކަމަށާއި، ހުރިހާ ދިމާލަކުން ވެސް ސަރުކާރު ބަލިވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ހަމައެއާއެކު އެމްޑީޕީގެ "އަޑުމަޑު ކަމަށް" ޔާމީން ވަނީ ފާޑުކިޔުއްވައިފަ އެވެ. ސިޔާސީ ގޮތުން ފުންނާބުއުސް ޔާމީން ވަނީ، ރަސްމީ އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ހައިސިއްޔަތުން އެމްޑީޕީން މިހާރަށްވުރެ މާ ވަރުގަދައަށް މައިދާނަށް ނުކުންނަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު ސުވާލު އުފެއްދެވީ، ގިނަ އަދަދެއްގެ އިލްމީ މީހުން ތިބި ބައިބޯ ޕާޓީއަކުން މި ވަގުތު އެކަށީގެންވާ މަސައްކަތްތަކެއް ނުކުރަނީ ކީއްވެތޯ އެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރަށް ސިޔާސީ ގޮތުން ފަސޭހަވެ "ނޭވާލެވެނީ" އެމްޑީޕީގެ ކަންނެތްކަމާއި އަޑުމަޑުކަމުގެ ސަބަބުން ކަމަށް ޔާމީން ސިފަކުރެއްވި އެވެ.
"މިހާރު މި ފެނިގެންދަނީ މުއިއްޒަށް މި ބްރީތް ކުރެވެނީ ނޫނީ ނޭވާލެވެނީ އެމްޑީޕީ ސްލެކް (ކަންނެތް) ކަމުން. އެ ބޭފުޅުންގެ ފަރާތުން މަސައްކަތްތަކެއް ނުކުރެވޭތީ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން މިފަދައިން ވިދާޅުވިއިރު އެމްޑީޕީގެ އެތެރޭގެ ސިޔާސީ ފޯރި ވެސް މިހާރު އޮތީ އިންތިހާއަށް ގަދަވެފަ އެވެ. ކުރިއަށް އޮތް ޗެއާޕާސަންގެ އިންތިޚާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ، ސަރުކާރުން ބޭނުން ވަނީ އެމްޑީޕީ "ނިންދަވާފައި" ބާއްވަން ކަމަށް ވިދާޅުވެފަ އެވެ. އަދި ޕާޓީ ނިދިން ހޭލައްވައި އަލުން ގަދަޔަށް ހިންގާލުމަށްޓަކައި އެމަނިކުފާނު ހޮވަންޖެހޭ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
މި އިންތިޚާބުގައި ރައީސް ސޯލިހުގެ ފުރިހަމަ ތާއީދާއެކު ދެން ޗެއާޕާސަންކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކައިލް އަހުމަދު ނަސީމް ވެސް ދަނީ ވަރުގަދައަށް ކެމްޕޭން ކުރައްވަމުންނެވެ. އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ މި ވާދަވެރިކަމާއެކު އިދިކޮޅު ހަރަކާތްތަކަށް އާ ދިރުމެއް ލިބިގެންދާނެ ކަމަށް ގިނަ ބަޔަކު ލަފާކުރެ އެވެ.
ޓޭލާއާއި ޓްރެވިސް ކައިވެނި ކުރަން ތައްޔާރު ވަނީ؟
ސަބަބެއްނެތި ހޮޑުލެވި ބޯ އެނބުރުމަކީ ކުއްލި ނުރައްކަލަކަށް ވެދާނެ
ސަބްސިޑީއަށް ކުރި ހަރަދު ދެގުނަ މައްޗަށް ގޮސްފި