އެމްޑީޕީގެ އެތެރޭގައި އުފެދުނު މައްސަލަތަކާއި 2023 ގެ ރިޔާސީ އިންތިހާބު ނާކާމިޔާބުވާން މެދުވެރިވި ސަބަބުތައް، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފުރަތަމަ ފަހަރަށް ތަފުސީލުކޮށް ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމްގެ ކެމްޕޭނަށް ސ. މަރަދުއަށް ވަޑައިގެން ރައީސް ސޯލިހު ވަނީ އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރުގައި ހިނގާދިޔަ ސިޔާސީ އެންމެ ބޮޑެތި ސިއްރުތަކުގެ ފަރުދާ ކަނޑުއްވާލައްވާފަ އެވެ. ސޯލިހު ހާމަކުރެއްވި ގޮތުގައި ވެރިކަން ހިންގުމަށް ކުރިމަތިވި އެންމެ ބޮޑު ހުރަހަކީ ރާއްޖޭގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކޮށް، ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ސިލްސިލާ މަސައްކަތްޕުޅުތަކެވެ.
ދެހާސް ނަވާރައިގެ މަޖިލިސް އިންތިހާބަށް ފަހު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް ސަރުކާރާ ވަކިން ހިންގަން ބައެއް ބޭފުޅުން ނިންމެވި ނިންމެވުމާއެކު ވެރިކަން ހިންގުން ދަތިވި ކަމަށް ސޯލިހު ވިދާޅުވި އެވެ. އޭގެ ސަބަބުން ސަރުކާރުން ހުށަހަޅާ ކޮންމެ ބިލަކަށް މެންބަރުން ކައިރީ "ލޮބީ" ކުރަން ޖެހުނު އިރު، ޕާޓީގެ އެތެރޭގެ ބަޔަކު މަޖިލިސް ތެރޭގައި ސަރުކާރަށާއި ރައީސަށް "ވަގަށް" ގޮވައި، އޭރުގެ އިދިކޮޅު ފަރާތްތަކަށް ވުރެ ބޮޑަށް ސަރުކާރު ފަލީހަތްކޮށް އަގުވައްޓާލަން މަސައްކަތްކުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނިޒާމީ ދެބަސްވުމާއި ރިޔާސީ ޕްރައިމަރީގެ ރެނދު
މައްސަލަ އެންމެ ބޮޑަށް ގޯސްވީ، 2023 ގެ އިންތިޚާބުގެ ކުރިން ރިފަރެންޑަމަކަށް ގޮސް، ނަޝީދު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަންނަވަން އުޅުއްވުމުން ކަމަށް ސޯލިހު ވިދާޅުވި އެވެ. ނަމަވެސް ދިރާސާތަކުން ބަރުލަމާނީއަށް އޮތީ 25 ޕަސެންޓް ތާއިދު ކަމަށް ވުމުން، އެކަން ކޮށްފިނަމަ ރިޔާސީ އިންތިހާބު ގެއްލޭނެ ކަމަށް ނަޝީދަށް ދެންނެވިން ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ. އޭގެފަހުން ޕްރައިމަރީން ބަލިވާ ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓަށް ތާއިދުކުރަން އެއްބަސްވެވަޑައިގަތުމަށްފަހު، ބަލިވުމުން ނަޝީދު އެގޮތަށް އަމަލެއް ނުކުރެއްވި ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.
އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން އެކީގައި މަސައްކަތް ކުރުމަށް ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅި ޝަރުތުތަކަށް ސޯލިހު ފުރަގަސްދެއްވި އެވެ. އޭގެ ތެރޭގައި ހިމެނެނީ:
- އާ ރައީސް ހުވާކުރެއްވުމުގެ ކުރިން ރިފަރެންޑަމް ބޭއްވުން.
- ފިނޭންސް މިނިސްޓަރު އަމީރު ހިމެނޭހެން ކެބިނެޓުގެ 3 ވަޒީރަކު މަގާމުން ވަކިކުރުން.
ސޯލިހު ވިދާޅުވީ ވަޒީރުން ވަކިކުރުމަކީ މާ ގެއްލުން ބޮޑުވާނެ ކަމެއް ކަމަށް ފެނުމުން އެ ޝަރުތުތައް ގަބޫލުނުކުރެއްވީ ކަމަށެވެ. އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް މެދުވެރިކޮށް ދެއްކެވި ވާހަކަތައް ވެސް ނަޝީދު ގަބޫލެއް ނުކުރެއްވި އެވެ.
އިންތިހާބު ނާކާމިޔާބުވީ ފުރަތަމަ ބުރުގައި ކެމްޕޭނު ނުކުރެވުމާއި، ސަރުކާރާ ދެކޮޅަށް ދެއްކި ބޮޑެތި ދޮގުތަކަށް ރައްދު ނުދެވުމުން ކަމަށް ސޯލިހު އެއްބަސްވެވަޑައިގަތެވެ. ނަމަވެސް ވެންޓިލޭޓަރު ވައްކަމާއި، ކަނޑު ވިއްކާލުމާއި، އިންޑިއާ ސިފައިންގެ މައްސަލައަކީ ހަގީގަތެއް ނެތް ދޮގުތަކެއްކަން މިއަދު ސާފުވެފައިވާ ކަމަށާއި، ދަފްތަރުން 39,000 މީހުން ކަނޑާލި ވާހަކައަކީވެސް ދޮގެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސޯލިހު އިތުރަށް ވިދާޅުވީ 2023 ގެ ބަލިވުން ތަކުރާރުވިޔަނުދީ 2028 ކާމިޔާބުކުރަން އެންމެން ގޮވައިގެން ކުރިއަށްދާންޖެހޭ ކަމަށެވެ. އެހެންކަމުން ޕާޓީގެ އެތެރޭގައި މީހުން ބާކީނުކޮށް، އެންމެން ގުޅުވައިދެވޭނެ ހިކުމަތްތެރި ލީޑަރަކީ މީކާއީލް ކަމަށް ވިދާޅުވެ އޭނާއަށް ވޯޓު ދެއްވުމަށް އިލްތިމާސްކުރެއްވި އެވެ.
"މި ވާހަކަ ދެއްކީމަ އަޅުގަނޑާ ދިމާއަށް ފުންމައިގެން އަންނާނެ،" ސޯލިހުގެ ވާހަކަފުޅު ނިންމަވައިލައްވަމުން ވިދާޅުވި އެވެ.
އަސްލަމްގެ ތާއީދު ވެސް މީކާއީލަށް
ޓްރަމްޕް އަނެއްކާވެސް ނަތަންޔާހޫއަށް އިންޒާރުދެއްވައިފި
އެނާޖީ ބުއިންތަކުން ނިދި އަންނަނީ ކީއްވެ؟