ބިދޭސީން ގެންނަން ދޫކުރާ ކޯޓާ ފީން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވައްކަން ކުރައްވާ ކަމަށާއި، އެ މައްސަލަ ރައީސް މުހައްމަދު މުއިއްޒަށް ހުށަހެޅުމުން އިންޒާރު ދެއްވި ކަމަށް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދު މިއަދު ތުހުމަތު ކުރައްވައިފި އެވެ.
ޝައްމާން މި ތުހުމަތުތައް ކުރެއްވީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ހުކުމް އިއްވުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކުރި އަޑުއެހުމުގެ ކުރިން، ކޯޓު ކުރިމަތީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ޝައްމާން ވިދާޅުވި ގޮތުގައި، ކޮންމެ ކޯޓާއަކުން 8,000 ރުފިޔާ އަދި އެޕްރޫވްކުރާ ކޮންމެ ބަންގްލަދޭޝް މީހަކަށް 1,800 ޑޮލަރު ނަގައިގެން މިނިސްޓަރު އިހުސާން ހިންގަވާ ޖަރީމާ ތަކުގެ ހެކި، 16 ޖަނަވަރީ 2025 ގައި އޭނާ ވަނީ ރައީސް މުއިއްޒަށް ހުށަހަޅާފަ އެވެ. ނަމަވެސް އެ މައްސަލައިގައި ރައީސް ދެއްވީ ހަރުކަށި ޖަވާބެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް އެސްޓޯނިޔާގައި ހުންނަވާ ދެއްވި ޖަވާބަކީ މިނިސްޓަރު އިހުސާނާ ދެކޮޅަށް ޝައްމާން ޒާތީ ގޮތުން ކަންކަން ކުރާ ކަމުގެ މައުލޫމާތު ލިބިއްޖެ ކަމަށް. އިހުސާން ގާނޫނާ ހިލާފު ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި،" ރައީސާ ހަވާލާދީ ޝައްމާން ވިދާޅުވި އެވެ. އޭނާ އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި މި ކަންކަމުގައި ރައީސް މުއިއްޒުގެ ބައިވެރިވުން ވެސް އޮވެއެވެ. އަދި އެންމެ ފަހުން ރައީސް ގުޅުއްވައި، "މިކަން އިތުރު ގޮތަކަށް ބަދަލެއް ނުވާނެ" ކަމަށް ވިދާޅުވެ ކޯފާވެ ހުންނަވައި އިންޒާރު ދެއްވި ކަމަށް ވެސް ޝައްމާން ވިދާޅުވި އެވެ.
މީގެ އިތުރުން، ރާއްޖޭގެ ބޯޑާ ކޮންޓްރޯލް ސިސްޓަމް ވަކި ބަޔަކަށް ވިއްކާލުމުގައި މިނިސްޓަރު އިހުސާނާއި ބަންޑާރަނައިބު އަހުމަދު އުޝާމް އިސްކޮށް އުޅުއްވާ ކަމަށް ވެސް ޝައްމާން ތުހުމަތު ކުރެއްވި އެވެ. އޭނާ ވިދާޅުވީ މިކަމުގެ ހެކިތައް ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް އޭނާގެ ފޯނުގައި ހުންނާނެ ކަމަށެވެ.
ރައީސް މުއިއްޒުއަށް ޝައްމާން ކުރެއްވި ތުހުމަތުތައް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު ވަނީ ދޮގުކުރައްވާފަ އެވެ.
ޝައްމާންގެ މައްޗަށް ދައުލަތުން އުފުލި ފޭރުމުގައި ބައިވެރިވުމާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމާއި، މަނީ ލޯންޑްރިންގެ ދައުވާތައް މިއަދު ކްރިމިނަލް ކޯޓުން ވަނީ ސާބިތުވާ ކަމަށް ހުކުމްކޮށްފަ އެވެ. ނަމަވެސް ޝައްމާން ވިދާޅުވަނީ މިއީ އޭނާ ފްރޭމްކޮށްގެން ހިންގާ އަމަލުތަކެއް ކަމަށެވެ.
އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުގައި ހުންނަވަނިކޮށް ޝައްމާން ހައްޔަރުކުރީ ބިދޭސީންގެ އަތުން ފައިސާ ނަގައިގެން އެމީހުން ދޫކޮށްލި ކަމުގެ ތުހުމަތުގަ އެވެ. އެކަމާ ގުޅޭގޮތުން ޝައްމާން ވިދާޅުވީ އެ ބިދޭސީން ދޫކޮށްލީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން ކަމަށެވެ.
އާދަމް ނަސީރު ރައީސް އޮފީހުގެ މުޝީރަކަށް އައްޔަނުކުރައްވައިފި
އަމީނީ މަގުގައި އަލުން ތާރުއަޅަން ފެށޭނެ ދުވަހެއް ނޭނގޭ
ޑުއާ ލިޕާގެ އަގުބޮޑު ކައިވެންޏާއެކު ސިސިލީގައި ބޮޑު މުޒާހަރާއެއް!