ވޯލްޑް ކަޕްގައި ހައިޓީ ކުޅޭ ފުރަތަމަ މެޗަށް މަދު ދުވަސްކޮޅެއްގައި އޮއްވައި އެ ގައުމުގެ ޖޯޒީގެ ޑިޒައިން ބަދަލުކުރަން ފީފާ އިން އަންގައިފި އެވެ.

ހައިޓީގެ ޖޯޒީގެ ޑިޒައިން ބަދަލުކުރުމަށް ފީފާ އިން އެންގީ ފީފާގެ ގަވައިދަށް އެ ޑިޒައިން ނުފެތޭތީ އެވެ. ވޯލްޑް ކަޕްގައި ބޭނުންކުރުމަށް އެ ޓީމުގެ ކިޓް ހަދާ ސައޭޓާ އިން ތައްޔާރުކުރި ޖޯޒީގައި އެ ގައުމަށް މިނިވަންކަން ލިބުމަށް މަގު ފަހިވެގެންދިޔަ 1803 ވަނަ އަހަރުގެ "ވެރްޓިއޭރޭސް" ހަނގުރާމަ ރަމްޒުކޮށްދެ އެވެ. އެހެން ނަމަވެސް، މިއީ ފީފާގެ "އިކުއިޕްމަންޓް ރެގިއުލޭޝަންސް" އާ ހިލާފު ކަމެކެވެ.

އެ ގަވައިދުގައި ވާ ގޮތުން، އެއްވެސް ޖޯޒީއެއްގައި "ދީނީ، ސިޔާސީ، އަމިއްލަ މެސެޖެއް ނުވަތަ ސްލޯގަން" އެއް ހިމަނައިގެން ނުވާނެ އެވެ.

ސައޭޓާ އިން ބުނީ އެ ކުންފުނިން ހެދި ޖޯޒީ ޑިޒައިންކުރީ "ސިޔާސީ" ވިސްނުމެއްގައެއް ނޫން ކަމަށެވެ. އަދި މިއީ ހައިޓީގެ ކުރިމަގަށް މަސައްކަތްކުރާ އެ ގައުމުގެ ރައްޔިތުންނަށް ޖޯޒީގައި ހާއްސަކުރުމަށް ހެދި ޑިޒައިނެއް ކަމަށެވެ.

"އެހެން ނަމަވެސް، ފީފާގެ ގަވައިދުތަކުގެ ދަށުން އެ ޖޯޒީގައި ހިމެނޭ ބައެއް ކަންތައްތައް މާނަކުރެވޭ ގޮތް ތަފާތު ވާތީ، އެ ޖޯޒީ ޑިޒައިން ބަދަލުކުރުމަށް ވަނީ އަންގާފައި،" ސައޭޓާ އިން ބުންޏެވެ.

ހައިޓީ ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި އާދިއްތަ ދުވަހު ނުކުންނާނީ ސްކޮޓްލެންޑާ ދެކޮޅަށެވެ.