ގާނާގެ މުހިންމު މިޑްފީލްޑަރު ތޯމަސް ޕާޓޭއަށް ކެނަޑާގެ ވިސާ ނުލިބުމުން، ވޯލްޑް ކަޕްގައި ގާނާ ކުޅޭ ފުރަތަމަ މެޗުގައި ކުޅުމުގެ ފުރުސަތު އޭނާއަށް ގެއްލިއްޖެ އެވެ.

އާސެނަލްގެ ކުރީގެ މިޑްފީލްޑަރު ޕާޓޭއަށް ކެނަޑާގެ ވިސާ ނުލިބުނީ އިނގިރޭސިވިލާތުގައި އޭނާގެ މައްޗަށް ކޮށްފައިވާ ރޭޕްގެ ތުހުމަތުތަކާ ގުޅިގެންނެވެ.

ފީފާ އިން ބުނީ ޕާޓޭއަށް ވިސާ ހަމަނުޖެހޭތީ، ބުދަ ދުވަހު ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި ޕެނަމާއާ ދެކޮޅަށް ގާނާ ކުޅޭ މެޗަށް ޕާޓޭއަށް ނުދެވޭނެ ކަމަށެވެ.

"ޕާޓޭގެ ވިސާ އެޕްލިކޭޝަން ކެނެޑާގެ ސަރުކާރުން ބަލައިނުގަތް،" ފީފާ އިން ބުންޏެވެ. "ހޯސްޓް ގައުމުތަކުގެ އިމިގްރޭޝަންގެ ކަންތައްތަކަކީ ފީފާގެ ދައުރެއް އޮންނަ ކަމެއް ނޫން. ހޯސްޓް ގައުމަކުން ކަނޑައަޅާނީ ވިސާގެ ހުރިހާ ކަމެއް."

ކެނަޑާގެ އިމިގްރޭޝާން، ރެފިއުޖީސް އެންޑް ސިޓިޒެންޝިޕް ކެނެޑާ (އައިއާރްސީސީ) އިން ބުނީ ކެނެޑާއަށް އެތެރެވާން ވިސާއަށް އެދި ހުށަހަޅާ ކޮންމެ ފަރާތެއްގެ ވިސާާ އެޕްލިކޭޝަން ވަކިވަކިން އެސެސްކޮށް، ވިސާ ދިނުމާމެދު ގޮތެއް ނިންމާނީ "ގާނޫނުތަކުގެ ތެރެއިން، ލިބެން ހުރި މަޢުލޫމާތަށް ބިނާކޮށް،" ކަމަށެވެ.

ކެނަޑާއިން ޕާޓޭއަށް ވިސާ ދޭން ދެކޮޅު ހެދި ނަމަވެސް، މުބާރާތުގެ އެއް ހޯސްޓް ކަމަށްވާ އެމެރިކާއިން އޭނާއަށް ވަނީ ވިސާ ދީފައެވެ. އެހެންކަމުން، ވޯލްޑް ކަޕްގައި މި މަހުގެ 23 ވަނަ ދުވަހު އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗާއި، 27 ވަނަ ދުވަހު ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ މެޗުގައި ޕާޓޭއަށް ކުޅެވޭނެއެވެ. މި ދެ މެޗުވެސް ކުޅޭނީ އެމެރިކާގަ އެވެ.

ޕާޓޭ ވަނީ އޭނާގެ މައްޗަށް އިނގިރޭސިވިލާތުގައި ކޮށްފައިވާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. ޕާޓޭގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ޝަރީއަތް އަންނަ އަހަރު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.