ފީފާ ވޯލްޑް ކަޕްގެ ގުރޫޕް ޖީގައި ރޭ ނިއުޒިލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ފަހަރު ފަހަތުން އަރައި 2-2 އިން މެޗު އެއްވަރުކޮށް، މުބާރާތުގެ ކުރިން އަދި މުބާރާތުގެ ތެރެއިންވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ އީރާނުން ޕޮއިންޓެއް ހޯދައިފި އެވެ.

މި ގުރޫޕްގައި ރޭ ބެލްޖިއަމް އާއި މިސްރު ބައްދަލުކުރި މެޗުވެސް ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

އެމެރިކާ އާއި އީރާނާއިދެމެދު ކުރިއަށް ދިޔަ ހަނގުރާމައާ ގުޅިގެން، މުބާރާތުގެ ކުރިންވެސް ވިސާ އާއި އިންތިޒާމްތައް ހަމަޖެއްސުމުގައި އީރާނަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި އެވެ.

އެމެރިކާގެ ލޮސް އެންޖަލިސްގައި ރޭ ކުޅުނު މެޗުގައި އީރާންގައި ދިރިއުޅޭ އެ ޤައުމުގެ ރައްޔިތުންނާއި އީރާން ދަރިކޮޅު މީހުން ދަނޑަށްވަދެ، އީރާންގެ ސަރުކާރާ ދެކޮޅަށް ޝުއޫރުފާޅުކުރި އެވެ. މެޗުގެ ކުރިން ދަނޑުގެ ބޭރުގައިވެސް އީރާންގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރިއަށްދިޔައިރު، މި މެޗުގެ ސަލާމަތީ ފިޔަވަޅުތައް އޮތީ ވަރަށް ވަރުގަދަކޮށްފަ އެވެ.

މެޗުގެ ކުރީކޮޅު ނިއުޒިލޭންޑުން ލީޑު ނެގީ އެލައިޖާ ޖަސްޓް ކާމިޔާބުކުރި ގޯލުންނެވެ. އެކަމަކު އީރާންގެ ރާމިން ރެޒައިން ވަނީ 32 ވަނަ މިނިޓުގައި ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

ނިއުޒިލޭންޑަށް މެޗުގެ 55 ވަނަ މިނިޓުގައި ދެވަނަ ފަހަރަށްވެސް ލީޑު ހޯދައިދިނީ އެލައިޖާ އެވެ. އީރާނުން މި ލަނޑާއެކުވެސް ހިތްވަރު ދޫނުކޮށް ކުރި މަސައްކަތުން، 64 ވަނަ މިނިޓުގައި މުހައްމަދު މޮހޭބީ ވަނީ ލަނޑު ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

އެމެރިކާގައި ރޭ ކުޅުނު މެޗަށް ފަހު، އީރާންގެ ޓީމަށް ވަނީ އެ ގައުމުގައި އިތުރަށް މަޑުނުކޮށް، އެ ޓީމުގެ ކޭމްޕްކޮށްފައިވާ މެކްސިކޯއަށް އެނބުރި ދާން އަންގައިފަ އެވެ.

އީރާންގެ ކޯޗު އާމިރު ގަލެނޯއީ މެޗަށް ފަހު ބުނީ އެ ޓީމުން ރާވައިގެން ތިބީ މެޗަށް ފަހު، އެމެރިކާގައި އެއް ރޭ މަޑުކޮށް، ރިކަވަރީ ސެޝަނެއް ކުރިއަށް ގެންދިއުމަށް ފަހު މެކްސިކޯއަށް އެނބުރި ދިއުމަށެވެ.

"އެކަމަކު މެޗު ނިމުނު ގޮތަށް އަންގައިފި އިތުރަށް މަޑުނުކޮށް، މެކްސިކޯއަށް އެނބުރި ދިއުމަށް،" ގަލެނޯއީ ބުންޏެވެ. "އަވަހަށް ދަތުރުކުރަން އެމީހުން އެ މަޖުބޫރުކުރަނީ. އިތުރަށް އަހަރަމެންނަށް އުނދަގޫ މި ޖައްސަނީ. އެކަމަކު މި ކަމުން އަހަރަމެންގެ މަސައްކަތަށް ހުރަސް ނޭޅޭނެ."

މި ނަތީޖާއާއެކު ގުރޫޕް ޖީގައި ކޮންމެ ޓީމެއްވެސް އެއް މެޗު ކުޅުނުއިރު، ހަތަރު ޓީމުވެސް އޮތީ އެއް ޕޮއިންޓާއެކު އެވެ. މި ގުރޫޕްގައި ރޭ ބެލްޖިއަމް އާއި މިސްރު ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި މިސްރުން ލީޑު ނެގީ އެމާން އަޝޫރް ޖެހި ލަނޑުންނެވެ.

އެކަމަކު މެޗުގެ 66 ވަނަ މިނިޓުގައި މެޗުގެ ނަތީޖާ ހަމަހަމަވީ މިސްރުގެ ޑިފެންޑަރު މުހައްމަދު ހާނީ އަތުން ބައިކޮޅަށް ވަތް ގޯލުންނެވެ.