ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ރެކޯޑު މިންވަރަކަށް އުފުލި، ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު ފުރަތަމަ ފަހަރަށް ޑޮލަރެއްގެ އަގު 20.50 ރުފިޔާއަށް އަރައިފި އެވެ.

މިއީ އެންމެ ގިނަ ދުވަސްތަކެއް ވަންދެން ޑޮލަރުގެ އަގު ދަށަށް ނުގޮސް، 20 ރުފިޔާއަށް ވުރެ މަތީގައި ހިފެހެއްޓިފައިވާ ފުރަތަމަ ފަހަރެވެ. ޑޮލަރު ވިޔަފާރިކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި، ކޮވިޑުގެ ދުވަސްވަރު ވެސް ކުރު މުއްދަތަކަށް އަގު މިވަރަށް އުފުލުނު ނަމަވެސް، މިހާރު ރެކޯޑު މިންވަރަކަށް އަގު މައްޗަށް ދިއުމުގެ މައިގަނޑު ސަބަބަކީ ސަރުކާރުން ތަންފީޒުކުރަން ފެށި ޑޮލަރު މާރުކުރުން މަޖުބޫރުކުރާ ސިޔާސަތެވެ. މީގެ އިތުރުން ފަތުރުވެރިން އަންނަ މިންވަރު ދަށްވުމާއި، ޑޮލަރުން މުސާރަ ލިބެމުންދިޔަ ފަރާތްތަކަށް އެ ފުރުސަތު ގެއްލުމުގެ ސަބަބުން ބާޒާރުގައި ޑޮލަރުގެ ސަޕްލައި ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

މެދުއިރުމަތީގެ ދަތުރުތައް ފަސޭހަވެ މުދާ އެތެރެކުރުން އިތުރުވުމާއެކު، ކުރިއަށް އޮތް ތާނގައި ވެސް ޑޮލަރުގެ ޑިމާންޑު މަތިވެ އަގު ދަށްވާނެ ކަމަކަށް ނުބެލެވޭ ކަމަށް ބައެއް ވިޔަފާރިވެރިން ބުންޏެވެ.

ޑޮލަރު މާރުކުރުމުގެ ގާނޫނު ތަންފީޒުކުރަން ފެށުމުން ޑޮލަރުގެ އަގު މައްޗަށް ނާރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވީ ނަމަވެސް، އެ ސިޔާސަތަށް އަމަލުކުރަން ފެށިފަހުން އާންމު ގޮތެއްގައި ޑޮލަރުގެ އަގު ހުރީ 20 ރުފިޔާއަށް ވުރެ މަތީގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ޑޮލަރުގެ ރޭޓް ރަސްމީ ރޭޓަށް ފަސޭހައިން ބަދަލުކުރެވޭނެ ކަމަށް އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފަ އެވެ.