މާލޭގެ ފުރުޤާން މިސްކިތުގެ ކުޑަދޮރަކަށް ގެއްލުންދީ، އެ ދޮރުގެ ބިއްލޫރިގަނޑު ރޭގެ ވަގުތެއްގައި ތަޅާލައިފި އެވެ.

މިސްކިތް ބަލަހައްޓަމުންދާ މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، މި މައްސަލައިގެ މައުލޫމާތު ލިބުމާއެކު މިހާރު ވަނީ މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތަށް ރިޕޯޓުކޮށްފަ އެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިސްކިތަށް ގެއްލުންދިން މި އަމަލު ކުށްވެރިކުރައްވައި، މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ މިފަދަ ކަންކަން ކުރާ މީހުން ހޯދައި، އެމީހުންނަށް ހައްގު އަދަބު ދިނުމަށް ގޮވައިލައްވާފަ އެވެ. މޭޔަރު ވިދާޅުވީ މިސްކިތްތަކަކީ އިސްލާމްދީނުގައި ހުރުމަތްތެރިކޮށް ހިތުމަށް އަންގަވާފައިވާ މުގައްދަސް ތަންތަން ކަމަށާއި، އެއީ ހުރިހާ ރައްޔިތުންގެ އިހުތިރާމާއި ރައްކާތެރިކަން ލިބެންޖެހޭ ތަންތަން ކަމަށެވެ. އަދި މިފަދަ ހުތުރު އަމަލުތަކަކީ މުޖުތަމައު ތެރޭގައި އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫންކަންވެސް މޭޔަރު ފާހަގަކުރެއްވި އެވެ.

ފުރުޤާން މިސްކިތަށް މިފަދަ ގެއްލުންތަކެއް ދީފައި މިވަނީ، މީގެ ކުރިންވެސް އެ މިސްކިތަށް ގެއްލުންތަކެއް ދީފައި ވަނިކޮށެވެ. އެގޮތުން ނޮވެންބަރު 2024 ގައި އެ މިސްކިތުގެ ހަތިމުތައް އުކާލައި، އިމާމު ހުންނަ ދިމާލުގައި ހުރި ކަރަންޓު ބޯޑުތަކާއި އެޑެޕްޓަރުތައް ހަލާކުކޮށްލައި، ފެން އިސްކުރުތައް ބިންދާލި މައްސަލައެއް ފެންމަތިވި އެވެ. އެ މައްސަލައިގައި އޭރު މީހަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތުވެސް ޖަހާފައިވެއެވެ.

ފަހަކަށް އައިސް މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މިސްކިތްތަކަށް ގެއްލުންދިނުމާއި، މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ އަމަލުތައް ހިންގާ މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ.