ސަރުކާރު ހިންގާ ޕީއެންސީގެ ރަޖިސްޓްރާގެ މަގާމު މީގެ ކުރިން ފުރުއްވި މުހައްމަދު ޝަކީލް، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
މި މަގާމަށް ޝަކީލް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ ހަފުތާގައެވެ. ޝަކީލަކީ ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ޝަކީލަށް ރުހުން ދިނުމަށް އިއްޔެ ފާސްކޮށްފައިވާއިރު، މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ ރިޕޯޓަށް ވޯޓަށް އަހައި 51 މެންބަރުންގެ އަޣުލަބިއްޔަތުން އޭނާ އެ މަގާމަށް އައްޔަން ކުރަން ވަނީ ފާސްކޮށްފަ އެވެ. މި ވޯޓުގައި ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 7 މެންބަރުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމު ހުސްވީ، ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މެއި މަހުގެ ތެރޭގައި އިސްތިއުފާ ދެއްވުމުންނެވެ. ޒާހިދުގެ ބަދަލުގައި އެ މަގާމަށް އައްޔަން ކުރަން ރައީސް އިހްތިޔާރު ކުރެއްވި ހަމައެކަނި ބޭފުޅަކީ ވެސް ޝަކީލެވެ.
ޝަކީލަކީ މިހާރު ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅާ އެވެ. އޭނާ ވަނީ ޕީއެންސީގެ ރަޖިސްޓްރާގެ މަގާމާއި، އެ ޕާޓީގެ ސެނެޓް މެންބަރުކަމާއި އިންތިހާބާ ބެހޭ ކޮމިޓީގެ އިސް މަގާމުތައް ފުރުއްވައިފަ އެވެ. ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅަކު އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަންކުރައްވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.
ކާރުހާނާއަކުން ވޯލްޑް ކަޕަށް: އުންވާޑްގެ އާދަޔާ ހިލާފު ދަތުރު!
އީސީން އިސްތިއުފާދިނީ މިނިވަން މާހައުލެއް ނެތުމުން: ޝަކީލް
ޖިންސީ ގޯނާކުރި މީހަކު ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި
