ފީފާ ވޯލްޑްކަޕްގެ ގްރޫޕް ސީ ގެ އެއްވަނަ ޓީމުގެ ގޮތުގައި ބްރެޒިލް ދެވަނަ ބުރުގެ ޖާގައެއް ހޯދައިފި އެވެ.
ބްރެޒިލް އިން މި ގްރޫޕްގެ އެއްވަނަ މަގާމް ހޯދާފައިވަނީ ރޭ ސްކޮޓްލޭންޑް އާއި ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
އެމެރިކާގެ މަޔާމީ ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް ދުނިޔޭގެ ރޭންކިންގެ އަށްވަނައިގައި އޮތް ބްރެޒިލް ނިކުތްއިރު އެ ޓީމަށް ލިބިފައިވާ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ފޯވާޑް ނޭމާ އަށް މި މެޗުގައި ކުޅެވުމެވެ.
ބްރެޒިލްއިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގެ 7 ވަނަ މިނިޓުގައި ވިނިޝިއަސް ޖޫނިއާ ވަނީ ލަނޑެއް ޖަހާ ބްރެޒިލް އަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ ފަހުން މެޗުގެ 24 ވަނަ މިނިޓުގައި ވިނިޝިއަސް އިތުރު ލަނޑެއް ޖެހި ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ ވަނީ އެ ލަނޑު ޖެހުމުގެ ކުރިން ފައުލް ކޮށްފައިވާކަމަށްބުނެ އެ ނިންމުން ބަދަލުކޮށްފަ އެވެ.
އޭގެ އިތުރުން މެޗުގެ ފުރަތަމަ ހާފުގެ އިންޖަރީ ވަގުތުގައި ވިނިޝިއަސް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. މި ލަނޑާއެކު އޭނާ މި ފަހަރުގެ ވޯލްޑްކަޕްގައި ޖެހި ލަނޑުގެ އަދަދުވަނީ 4 އަށް އަރާފަ އެވެ.
މި މެޗުގައި ބްރެޒިލް އިން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 60 ވަނަ މިނިޓުގައި މެތިއުސް ކޫނިޔާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މި ލަނޑު އޭނާ ޖެހިތާ 16 ވަނަ މިނިޓުގައި ކޫނިޔާގެ ބަދަލުގައި ކާލޯ އެންޗެލޮއްޓީ ވަނީ ނޭމާ ކުޅެން އަރުވާފަ އެވެ. މިއީ 2023 ވަނަ އަހަރުގެ ފަހުން ބްރެޒިލްގެ ޖާޒީގައި ނޭމާ ކުޅުނު ފުރަތަމަ މެޗެވެ.
މި ގްރޫޕްގައި ދެން ހިމެނޭ މޮރޮކޯ އާއި ހެއިޓީ ބައްދަލުކުރި މެޗު 4-2 ގެ ނަތީޖާއަކުން ކާމާޔާބުކޮށް މޮރޮކޯ ވަނީ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.
މި މެޗުގައި މޮރޮކޯ އަށް ލަނޑުތައް ޖަހައިދީފައި ވަނީ އަޝްރަފް ހަކީމީ އާއި އިސްމާއިލް ސައިބާރީގެ އިތުރުން ސުފިޔާން ރަހީމީ އަދި ގެސީމް ޔަސީން އެވެ.
މި މެޗުގައި ހެއިޓީ އިން ޖެހި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑަކީ މޮރޮކޯގެ ގޯލުކީޕަރު ޔަސީން ބޯނޯ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. އަދި ދެވަނަ ލަނޑު މެޗުގެ 43 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައި ވަނީ ވިލްސަން އިސިޑޯ އެވެ.
ތެލުގެ އަގު ދަށަށް ގޮސް، ފީފާއެއް 75 ޑޮލަރަށްވުރެ ތިރިވެއްޖެ
އާޖެންޓީނާ ޓީމުން މެސީގެ ޖާޒީ ހާއްސަވަނީ ކީއްވެ؟
ސިނގިރޭޓުން ޑިއުޓީ ކުޑަކުރަނީ ވައްކަންކޮށް ނިމުމުން: އިދިކޮޅު