ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ދަތުގެ ސިއްހަތަށް ސަމާލުކަން ދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ދުވާލަކު ދެ ފަހަރު ދަތް އުނގުޅުމަކީ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ކުރާ ކަމެއް ނަމަވެސް، ކަންބޮޑު ވާންޖެހޭ ހަގީގަތަކީ ރޭގަނޑު ނިދުމުގެ ކުރިން ދަތް އުނގުޅުމަށް ގިނަ ބަޔަކު ފަރުވާ ކުޑަކުރާ ކަމެވެ.
ދާދިފަހުން ޑޮކްޓަރުންނާއި ސިއްހީ މާހިރުން ވަނީ ރޭގަނޑު ދަތް ނުއުނގުޅާ ނިދުމަކީ ހަމައެކަނި ދަތް ފާސާވުމާއި އަނގަ ވަސް ނުބައިވުމުގެ އިތުރުން، ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ ވަރަށް ބޮޑަށް އިތުރު ކޮށްދޭ ކަމެއް ކަމަށް ބުނެ އިންޒާރު ދީފަ އެވެ.
އަނގައާއި ހިތާ ހުރި ގުޅުމަކީ ކޮބާ؟
މާހިރުން ހާމަކުރާ ގޮތުގައި އަހަރެމެން ކާ އެއްޗެހީގެ ބާކީބައި ދަތްތަކުގެ ދޭތެރޭގައި ހުރުމުން، އަނގައިގެ ތެރޭގައި ނުރައްކާތެރި ޖަރާސީމު އާލާވާން ފަށަ އެވެ.
ރޭގަނޑު ނިދާފައި އޮންނަ ވަގުތަކީ އަނގައިގެ ތެރެއިން ކުޅު އުފައްދާ މިންވަރު މަދުވާ ވަގުތަކަށް ވާތީ، ޖަރާސީމުތައް އިތުރުވުމަށް މާހައުލު މާ ފަހިވެއެވެ.
މި ޖަރާސީމުތަކުގެ ސަބަބުން ހިރުގަނޑު ދުޅަވުމުގެ ބަލި ޖެހެ އެވެ. ހިރުގަނޑު ދުޅަވެ، ލޭއަންނަން ފެށުމުން މި ނުރައްކާތެރި ޖަރާސީމުތައް ލޭގެ ހޮޅިތަކުގެ ތެރެއަށް ދަތުރުކުރެ އެވެ.
ލޭގެ ތެރެއަށް ޖަރާސީމު ވާސިލު ވުމުން ހަށިގަނޑުގައި އިންފްލެމޭޝަން (ދުޅަވުން) އުފެދި، ހިތަށް ލޭ ފޮނުވައިދޭ ހޮޅިތައް ހަނިވެ، ގަނޑުވުމަށް މަގުފަހިވެ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން ހާޓް އެޓޭކް ޖެހުމާއި ހިތުގެ އެކި ބަލިތަކަށް މީހާ ހުށަހެޅިގެންދެ އެވެ.
ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތްމިކަމާ ގުޅޭގޮތުން ހަދާފައިވާ ދިރާސާތަކުން ދައްކާގޮތުގައި، ދުވާލަކު ދެފަހަރު (ހާއްސަކޮށް ރޭގަނޑު ނިދުމުގެ ކުރިން) ދަތް އުނގުޅާ މީހުންނާ އަޅާބަލާއިރު، ރޭގަނޑު ދަތް ނުއުނގުޅާ މީހުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑެވެ.
ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ހެނދުނު ދަތް އުނގުޅުމަށްވުރެ ވެސް ރޭގަނޑު ނިދުމުގެ ކުރިން ދަތް އުނގުޅުން ސިއްހީ ގޮތުން މާ މުހިއްމެވެ.
ރޭގަނޑު ދަތް އުނގުޅުމުގެ ފައިދާތައް
- ޖަރާސީމު ނައްތާލުން: މުޅި ދުވާލު ކައިފައި ހުންނަ ތަކެތިން ދަތްތަކުގައި ހަރުލާފައި ހުންނަ "ޕްލާކް" ނުވަތަ ކާތަކެތީގެ ކުނޑިތައް ސާފުކޮށްދެ އެވެ.
- ހިރުގަނޑު ރައްކާތެރިކުރުން: ހިރުގަނޑުގެ ބަލިތަކުން ސަލާމަތްކޮށްދީ، ހިތުގެ ސިއްހަތު ސަލާމަތް ކުރުމަށް އެހީވެދެ އެވެ.
- ތާޒާކަން ގެނެސްދިނުން: ނިދާއިރު އަނގަ ތާޒާކޮށް ބަހައްޓައިދީ، ހެނދުނު ހޭލާއިރު އަނގަ ވަސް ނުބައިވުމުން ދުރުކޮށްދެ އެވެ.
ދަތް އުނގުޅުމަކީ ހަމައެކަނި ރީތި ހިނިތުންވުމަކަށް ނުވަތަ ދަތް ހުދުކުރުމަށް ކުރާ ކަމެއް ނޫނެވެ. އެއީ މުޅި ހަށިގަނޑުގެ، ހާއްސަކޮށް ހިތުގެ ދުޅަހެޔޮކަމާ ގުޅިފައިވާ މުހިންމު ކަމެކެވެ.
އެހެންކަމުން، ކިތަންމެ ވަރުބަލިވެފައި ހުރި ނަމަވެސް، ރޭގަނޑު ނިދުމުގެ ކުރިން ދެ މިނެޓު ދަތް އުނގުޅުމަށް ހޭދަ ކޮށްލުމަކީ ހިތުގެ ސިއްހަތު ސަލާމަތް ކުރުމަށް އެޅޭނެ އެންމެ ފަސޭހަ އަދި އެންމެ މުހިއްމު ފިޔަވަޅެވެ.