ކޮވިޑް-19 އަށް މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވި އަދަދު ވަރަށް ބޮޑަށްވެއްޖެ އެވެ.

ކޮވިޑަށް މިއަދު މުޅި ރާއްޖެއިން ޕޮޒިޓިވްވީ 31 މީހެކެވެ. މިއީ މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ވެސް ޕޮޒިޓިވް ކޭސް މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. އިއްޔެ ވެސް 75 މީހަކު މުޅި ރާއްޖެއިން ޕޮޒިޓިވްވެފައިވެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން މިރޭ ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް 25 ދިވެއްސަކާއި ހަ ބިދޭސީއަކަށް އަލަށް ކޮވިޑް ޖެހިފައިވާ ކަމަށެވެ. އަލަށް ޕޮޒިޓިވްވި ކޭސްތަކާއެކު 10،045 މީހަކަށް މިހާތަނަށް އެ ބަލި ޖެހިފައި ވެ އެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެ ސަރަހައްދުން ކޮވިޑް ޖެހިފައިވަނީ 26 މީހަކަށެވެ. އެކި ރަށްރަށާއި ރިސޯޓުތަކުން ފަސް މީހަކު ޕޮޒިޓިވްވެފައި ވެ އެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު ވެސް ވަނީ 84 އަށް މަދުވެފަ އެވެ. ބަލިން 81 މީހަކު ރަނގަޅުވެފައިވާތީ މިވަގުތު އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 1،250 މީހުންނެވެ.

މާލޭން ބޭރުން 20 ރަށެއްގައި ކޮވިޑްގެ 37 މީހުން އެބަތިއްބެވެ.

ހެލްތު އެކްސްޕާޓް ޑރ. ޝީނާ މޫސާ އިއްޔެ ރޭ ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލްކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ބަލިޖެހޭ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުކުރެވިފައިވީ ނަމަވެސް ރައްކާތެރި މިންގަނޑެއްގެ ގޮތުގައި ބަލާ ގުޅުން ނެތް ކޭސްތައް 20 ޕަސެންޓަށްވުރެ އަދި ދަށްނުވާ ކަމަށެވެ. އެހެންވެ ރާއްޖޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދޭން އަދި ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ޝީނާ ވިދާޅުވީ ބަލިފެތުރުން ބޮޑުތަނުން މަދުކުރެވޭނީ ހުރިހާ އެންމެން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޯ ލަނބައިގެން ކަމަށެވެ. އަދި ބަލީގެ ހާލަތު ބަދަލުވަމުންދާ މިންގަނޑަށް ބަލާއިރު އަދިވެސް ގްރީން ޒޯނަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ޝީނާ ވިދާޅުވީ ރައްކާތެރިކުރުމުގެ ފިޔަވަޅުތައްއެޅި ނަމަވެސް، ކޮވިޑު-19ގެ ކުރިން އުޅުން ގޮތަށް އާންމު ދިރިއުޅުމަށް ދެވޭނީ މިބައްޔަށް ވެކްސިންއެއް ލިބިގެން ކަމަށެވެ.