ހުޅުމާލޭ ފޭސް ދޭއްގައި ހިޔާ މަޝްރޫއުގެ ދަށުން އެޅި ފްލެޓްތަކުގެ ގުރުއަތުލުމުގެ ބައި ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

ހިޔާ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓުގައިވާ ގޮތުން 6،720 މީހުންނަށް ފްލެޓް ލިބެ އެވެ.

ފްލެޓްތައް ލިބޭ މީހުންގެ މެދުގައި ގުރުއަތުލާން ފެށީ މިދިޔަ މަހު އަށްވަނަ ދުވަހު އެވެ. އޭގެ ފަހުން ގުރުއަތުލުމުގެ މަސައްކަތް މިދިޔަ ހޯމަ ދުވަހާ ހަމައަށް ދިޔަ އެވެ.

ހައުސިން ޑިވޮލޮމްޕަމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނީ ފްލެޓްތަކުގެ ގުރުއަތުލުން މެދުކަނޑާލީ ކޮވިޑްގެ ހާލަތު މިފަހުން މާބޮޑަށް ގޯސްވުމުން އެޗްޕީއޭއީން އެޅި ފިޔަވަޅުތަކަށް އަމަލުކުރަން ކަމަށެވެ. ފިޔަވަޅުތަކަށް ލުއި ދިނުމުން ގުރުއަތުލުން އަލުން ފަށާނެ ކަމަށާއި އަދި ގުރުއަތު ނަގާނެ ތާރީހާ ލިސްޓު ފަހުން އާންމުކުރާނެ އެޗްޑީސީންއިން ވަނީ ބުނެފަ އެވެ.

ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ އެޗްޑީސީގެ ހެޑް އޮފީހުގައި ފްލެޓް ލިބޭ އެއްވެސް މީހަކު އެތަނަށް ހާޒިރު ނުކޮށް ޕީއެސްއެމްގެ ދަށުން ހިންގާ ޔެސް ޓީވީ މެދުވެރިކޮށް ލައިވްކޮށްގެންނެވެ. އަދި ގުރުއަތުން ފްލެޓް ލިބޭ މީހާ އަށް އެމީހަކަށް ފްލެޓް ލިބޭ ޓަވަރަކާއި ފްލޯ އެނގޭ ގޮތަށް ޓީވީ ސްކްރީނުން ދަނީ ދައްކަމުންނެވެ،

ފްލެޓް ލިބޭ މީހުންނަށް ލިބޭ ފްލެޓް ކަނޑައަޅައި ނިމުމުން އެމީހުން އެތަންތަނަށް ދިރިއުޅުން ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ނިންމަން ތިން މަސް ދުވަހުގެ މުއްދަތެއް ދޭނެ އެވެ. އެ މީހުންނަށް ލިބޭ ފްލެޓް ކަނޑައެޅުމާ އެކު ކޮންމެ މީހަކާ އެކު އެޗްޑީސީން އާއެކު އެއްބަސްވުމެއް ހަދަން ޖެހެ އެވެ. އެ އެއްބަސްވުމުގައި ސޮއިކުރުމުން ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރާނެ ތާރީހެއް ވަރަށް އަވަަހަށް އިއުލާންކުރާނެ އެވެ.

މީގެ ކުރިން ވެސް ސަރުކާރުން ނިންމާފައިވާ ގޮތަށް ހިޔާ ފްލެޓުތަކުގައި ތަށިމުށި ޖެހުމާއި، ދޮރުތައް ހަރުކުރުމާއި، ފަންކާ އާއި ބޮކި ފަދަ ތަކެތި ހަރުކުރުމުގެ މަސައްކަތް ކުރަންޖެހެނީ ފްލެޓް ލިބޭ މީހުން އަމިއްލަ އަށެވެ. އަދި އެތަންތަނަށް ވަނުމަށް ކުރަންޖެހޭ ފިނިޝިންގެ މަސައްކަތްތައް ކުރުމަށް ތިން މަސް ލިބޭއިރު އެ މުއްދަތުގައި ކުލި ދައްކަން ނުޖެހޭނެ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންނަށް ޑައުންޕޭމަންޓް ދައްކަން އުދަގޫވާނަމަ ދިގުމުއްދަތަކަށް ބަހާލައިގެން އެ އަދަދު ދެއްކުމުގެ ފުރުސަތު ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. ނަމަވެސް އެ މީހުން ކުލީގެ ގޮތުގައި ކޮންމެ މަހަކު ދައްކަންޖެހޭ އަދަދު އިތުރުވާނެ އެވެ. އެގޮތުން 25 އަހަރަށް ބަހާލައިގެން ފްލެޓްގެ ޑައުންޕޭމަންޓް ދައްކަން އެއްބަސްވާ މީހުން މަހަކަށް 7،500 ރުފިޔާ ދައްކަން ޖެހޭނެ އެވެ.