ފީފާ ވޯލްޑް ކަޕްގެ ގަދަ 32ގެ ބުރުގައި ރޭ އޮސްޓްރޭލިއާ އަތުން ޕެނަލްޓީ ޖަހައިގެން 4-2 އިން މޮޅުވެ، މިސްރު މުބާރާތުގެ ގަދަ 16ގެ ޖާގައެއް ފުރަތަމަ ފަހަރަށް ހޯދައިފި އެވެ.

އެމެރިކާގައި ރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. އިތުރު ވަގުުތުގެ ދެ ހާފުގައި ވެސް ނަތީޖާއަށް ބަދަލެއް ނާދެ އެވެ.

މެޗުގެ 13 ވަނަ މިނިޓުގައި މިސްރުން ލީޑު ނެގީ އެމާމް އަޝޫރް ޖެހި ލަނޑުންނެވެ. އެކަމަކު މެޗުގެ 55 ވަނަ މިނިޓުގައި މިސްރުގެ މުހައްމަދު ހާނީ އަތުން ބައިކޮޅަށް ވަތް ލަނޑާއެކު މެޗުގެ ނަތީޖާ ހަމަހަމަވި އެވެ. މިއީ މި އަހަރުގެ ވޯލްޑް ކަޕްގައި ހާނީ އަތުން ބައިކޮޅަށް ވަތް ދެވަނަ ލަނޑެވެ.

މެޗުގެ އިތުރު ވަގުތުގެ ދެވަނަ ހާފު ނިމެނިކޮށް އޮސްޓްރޭލިއާ އިން ވަނީ ޕެނަލްޓީ ޝޫޓްއައުޓަށް ތަޖުރިބާކާރު ގޯލްކީޕަރު މެޓް ރަޔާން ނެރިފަ އެވެ. އެކަަމަކު ޕެނަލްޓީ ޝޫޓްއައުޓްގައި މިސްރުން ޖެހި ހުރިހާ ޕެނަލްޓީއެއް ވެސް ވަނީ ކާމިޔާބުކޮށްފަ އެވެ. އޮސްޓްރޭލިއާގެ ހެރީ ސޫޓާ އާއި ލޫކަސް ހެރިންޓަން ފޮނުވާލި ޕެނަލްޓީތައް ގޯލަށް އަމާޒެއް ނުވި އެވެ.

މިއީ ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗަކުން މިސްރު މޮޅުވި ފުރަތަމަ ފަހަރެވެ.

ގަދަ 16ގެ ބުރުގައި މިސްރު ނުކުންނާނީ އާޖެންޓީނާއާ ދެކޮޅަށެވެ.