މާދަމާއިން ފެށިގެން، ހަވީރު 4:00 އިން ފަތިހު 4:00 އާ ދެމެދު ބޭރަށް ނުކުމެ އުޅުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފި އެވެ.

އެ އެޖެންސީ މިއަދު ބުނީ ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، މާދަމާއިން ފެށިގެން އެއް ހަފުތާގެ މުއްދަތަށް މާލެ ސަރަޙައްދުގައި ހަވީރު 4:00 އިން ފަތިހު 4:00 އާއި ދެމެދު ބޭރަށް ނިކުމެ އުޅުން މަނާކުރުމަށް ނިންމާފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ނުވާތީ އެޗްޕީއޭ އިން ވަނީ މިދިޔަ ހަފުތާގައި ވެސް ފިޔަވަޅުތަކެއް އަޅައިފަ އެވެ.

ކޮވިޑަށް ޕޮޒިޓިވްވާ އަދަދު ދުވާލަކު 400 އަށް ވުރެ މައްޗަށް ދިއުމުން އެޗްޕީއޭ އިން ވަނީ ރޭގަނޑު 9:00ން ފެށިގެން ފަތިހު 4:00 އާ ދެމެދު ބޭރުގައި އުޅުން ވަނީ މަނާކޮށްފަ އެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކާ އެކު ވެސް އަދަދުތައް ދަށް ނުވާނަމަ ފުލް ލޮކްޑައުން އަކަށް ދާންޖެހިދާނެ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑޮކްޓަރު އަހްމަދު ޝަހީދު މިދިޔަ ހޮނިހިރު ވިދާޅުވެފައިވެ އެވެ.

ޑރ. ޝަހީދު ވިދާޅުވީ އައިސީޔޫގައި ފަރުވާދޭ މީހުންނަށް ބަލާއިރު، ޒުވާން އުމުރުގެ މީހުން ވެސް ހިމެނޭ ކަމަށާއި ވަރަށް އަވަހަށް މިއަށްވުރެ ހަރުކަށި މޫވްމެންޓް ރެސްޓްރިކްޝަނެއް ގެންނަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ފަހަކަށް އައިސް މުޅި ރާއްޖެއިން ދުވާލެއްގެ މައްޗަށް 500 އަށް ވުރެ ގިނަ މީހުން އަންނަނީ ޕޮޒިޓިވްވަމުންނެވެ. އަތޮޅު ތެރޭގައި ވެސް ކޮވިޑްގެ ނުރައްކާ ބޮޑުވެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.