ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ހާލަތު އިންތިހާއަށް ދަށަށް ގޮސްފައިވާކަމަށް ވިދާޅުވެ، ރައްޔިތުންނަށް ހެޔޮއެދިވަޑައިގަންނަވާނަމަ މަގާމުން އިސްތިއުފާ ދެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒަށް ގޮވާލައްވައިފި އެވެ.
ޕީއެންއެފް އިން މިރޭ ބޭއްބި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ، ރައީސް މުއިއްޒު ދައުރު ނިމެންދެން ވެރިކަމުގައި ހުންނަވައިފިނަމަ ގައުމަށް ލިބޭ ގެއްލުން ނުހަނު ބޮޑުވާނެ ކަމަށެވެ. އަދި ގައުމުގެ ހާލަތު ދުވަހަކުވެސް ދަށަށް ނުދާހާ މިންވަރަކަށް މިހާރު ދަށަށް ގޮސްފައިވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މި ހާލަތު ސިފަކޮށްދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، މިއަދު އާންމު ރައްޔިތުން އިންތިހާއަށް ނިކަމެތިވެފައިވީ ނަމަވެސް، ވެރިންނަށް އެކަމުގައި އެއްވެސް އުނދަގުލެއް އަދި ދަތިކަމެއް ނެތް ކަމަށެވެ.
ސަރުކާރުގެ ވަޒީފާތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ، އާދައިގެ މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށެވެ. ނަމަވެސް، ކޮރަޕްޝަން ހިންގުމަށް މަގުފަހިވާ ގޮތަށް އާއިލީ ގުޅުން އޮންނަ މީހުންނަށް އަދިވެސް ވަޒީފާ ދެމުންދާކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވި އެވެ. މީގެ އިތުރުން، ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާއިރު، އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ހޭދަކުރަނީ މުސާރަ ދިނުމާއި ރިކަރަންޓު ޚަރަދުތަކަށް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ، ރާއްޖެ މިހާރު އޮތީ އިންޑިއާއިން ބޭނުންވާ އިރަކު ފިޔަވަޅު އެޅޭހާ މިންވަރަށް އެ ގައުމަށް ދަރަނިވެރިވެފައި ކަމަށެވެ. އަދި އިންޑިއާއިން އެހީވަނީ މަކަރާއި ހީލަތުން ދަރަނީގެ ދަންތުރައެއްގައި ރާއްޖެ ޖެއްސުމަށް ކަމަށާއި، އިންޑިއާ ފިޔަވައި އެހެން ބަޔަކު މި ސަރުކާރަށް އެހީތެރިނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. ގައުމުގެ ހާލަތު ގޯހުން ގޯހަށް ދާތީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި މިސާލުން އިބުރަތް ހާސިލުކުރައްވައި، މަގާމުން އިސްތިއުފާ ދެއްވުމަށް ޔާމީން ވަނީ ރައީސް މުއިއްޒަށް އިލްތިމާސްކުރައްވާފަ އެވެ.
ދޯންޏަކާއި ލޯންޗެއް ޖެހި ފަސް މީހަކަށް އަނިޔާވެއްޖެ
ރާއްޖޭގައި ތަކެތީގެ އަގުތައް އިތުރަށް އުފުލޭނެ: އޭޑީބީ
ޖޫން މަހު މީރާއިން 2.92 ބިލިއަން ރުފިޔާ ބަލައިގަނެފި
