އަނގައިގެ ތެރޭގައި ފާރު ނެގުމަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް އާންމުކޮށް ކުރިމަތިވާ ކަމެކެވެ. ގިނަ ފަހަރަށް މިއީ ބިއްސެއް ޖެހުން ނުވަތަ ވިޓަމިން މަދުވުމުގެ ސަބަބުން މެދުވެރިވާ ކަމެއް ކަމަށް ބަލައި އަޅާނުލާ ދޫކޮށްލެވެ އެވެ.
ނަމަވެސް، ޑޮކްޓަރުން އިންޒާރު ދެއްވާ ގޮތުގައި އަނގައިގައި ނަގާ ބައެއް ފާރުކޮޅުތަކަކީ އަނގައިގެ ކޭންސަރުގެ ފެށުން ކަމުގައި ވެސް ވެދާނެ އެވެ.
އަނގައިގެ ކޭންސަރުގެ 5 މުހިންމު ނިޝާން
- ފަސޭހަނުވާ ފާރު: އާންމުކޮށް އަނގަޔަށް ނަގާ ފާރުކޮޅުތައް ހަފްތާއެއް ނުވަތަ ދެ ހަފްތާ ތެރޭގައި ރަނގަޅުވެ އެވެ. ނަމަވެސް، ދެ ހަފްތާއަށްވުރެ ގިނަ ދުވަސްވެ، ފަސޭހަނުވެ ހުންނަ ފާރަކީ ސަމާލުވާންޖެހޭ ބޮޑު ނިޝާނެކެވެ.
- އަނގައިގެ ތެރޭގައި ރަތް ނުވަތަ ހުދު ކުލައިގެ ތަންކޮޅުތައް: އަނގައިގެ ތެރޭގައި، ކޯތާފަތުގެ އެތެރެއިންނާއި ދޫ މަތިން ފެންނަ ރަތް ކުލައިގެ ނުވަތަ ހުދު ކުލައިގެ ތަންކޮޅުތަކަކީ ކޭންސަރަށް ބަދަލު ވުމުގެ ފުރުސަތު ބޮޑު ނިޝާން ތަކެކެވެ.
- ގަނޑު އުފެދުމާއި ދުޅަވުން: އަނގައިގެ ތެރޭގައި، ތުންފަތުގައި ނުވަތަ ކޯތާފަތް ކައިރީގައި ނުފިލާ ގަނޑެއް އުފެދިފައި ހުރުމާއި، އެ ސަރަހައްދު ހަރުވެފައި ހުރުމަކީ ނުރައްކާތެރި އަލާމާތެކެވެ.
- ދިރުވަން އުނދަގޫވުމާއި ތަދުވުން: ކާނާ ދިރުވާއިރު ނުވަތަ ވާހަކަ ދައްކާއިރު ކަރު ތެރޭގައި ތަދެއް ހުރުން، ނުވަތަ އެއްޗެއް ތިލަވެފައި ހުންނަހެން ހީވުމަކީ އަނގައިގެ ނުވަތަ ކަރުގެ ފަހަތުގެ ކޭންސަރުގެ އަލާމާތަކަށް ވެދާނެ އެވެ.
- ދަތްތައް ދޫވުމާއި ސަބަބެއް ނެތި ލޭއައުން: ދަތުގެ އެއްވެސް ބައްޔެއް ނެތި، ދަތްތައް ދޫވާން ފެށުމާއި، އަނގައިގެ ތެރެއިން ސަބަބެއް ނެތި ލޭ އައުމަކީ ވަގުތުން ޑޮކްޓަރަށް ދައްކަންޖެހޭ ކަމެކެވެ.
ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން
- ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުންފަތުގެ ބާވަތްތައް ބޭނުންކުރުން ހުއްޓާލުން: މިއީ އަނގައިގެ ކޭންސަރު ޖެހުމަށް މެދުވެރިވާ އެންމެ މައިގަނޑު ސަބަބެވެ.
- އަނގަޔާއި ދަތްޕިލަ ސާފުކޮށް ބެހެއްޓުން: ގަވާއިދުން ދަތް އުނގުޅުމާއި، ދަތުގެ ޑޮކްޓަރަށް ގަވާއިދުން ދެއްކުން.
- ސިއްހަތަށް ފައިދާހުރި ކާނާ ބޭނުން ކުރުން: މޭވާއާއި ކޫރު ހުންނަ ތަރުކާރީ ގިނައިން ކެއުމުގައި ބޭނުން ކުރުން.
އަނގައިގެ ތެރޭގައި އާދަޔާހިލާފު މައްސަލައެއް ފާހަގަ ކުރެވި، ދެ ހަފްތާއަށްވުރެ ދިގުލައިގެންދާނަމަ، ލަސްނުކޮށް ދަތުގެ ޑޮކްޓަރަކަށް ނުވަތަ އީއެންޓީ ޑޮކްޓަރަކަށް ދައްކައި ފަރުވާ ކުރުން ވަރަށް މުހިންމެވެ.
ލީޖަން 1 ލޯންޗާއި އެކްސިޑެންޓުވުމުން މަޑުނުކުރި އުޅަނދު ހޯދަނީ
މިލިއަނުން ސްކޭމް ހިންގުމުން ވެސް މައްސަލަ ތަހުގީގެއް ނުކުރޭ
ޕްރިންސް ހެރީއާއި މޭގަން ދަރިންނާއެކު އިނގިރޭސި ވިލާތަށް؟