ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލުތަކާއި މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން، ރާއްޖޭގެ ދަތުރުފަތުރުގެ އަގުތައް އިންތިހާއަށް އުފުލި، މިދިޔަ މެއި މަހު ޓްރާންސްޕޯޓް އިންފްލޭޝަން 9.3 އިންސައްތައަށް އަރައިފި އެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ އޭޕްރީލް މަހާ އަޅާބަލާއިރު 1.1 އިންސައްތައިގެ އިތުރުވުމެކެވެ. އޭޕްރީލް މަހު ދަތުރުފަތުރުގެ އިންފްލޭޝަން ހުރީ 8.2 އިންސައްތައިގަ އެވެ. އަދި މާޗް މަހު މި އަދަދު ހުރީ 6 އިންސައްތައިގަ އެވެ.
އަގުތައް މިހާ ބޮޑަށް އުފުލެން މެދުވެރިވި މައިގަނޑު ސަބަބެއް ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލުމާއި، އޭގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ ޓިކެޓު އަގުތައް ބޮޑުވުމެވެ. އެންބީއެސް އިން ފާހަގަކޮށްފައިވާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި އެކަނިވެސް ފްލައިޓް ޓިކެޓުގެ އަގުތަކަށް ވަނީ 5.6 އިންސައްތައިގެ ކުރިއެރުމެއް އައިސްފަ އެވެ.
މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު މިއީ ވަރަށް ބޮޑު އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މެއި މަހު ދަތުރުފަތުރުގެ އިންފްލޭޝަން ހުރީ އެންމެ 0.6 އިންސައްތައިގަ އެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު ގާތްގަނޑަކަށް 1,500 އިންސައްތައިގެ ބޮޑުވުމެކެވެ.
ފާއިތުވި ފަސް އަހަރަށް ބަލާއިރު، މިއީ ދަތުރުފަތުރުގެ އަގުތައް މިހާ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މިއަހަރުގެ ފެބްރުއަރީ މަހާ ހަމައަށް އަގުތައް ހުރީ ދަށްވަމުންނެވެ. އެގޮތުން މިދިޔަ އަހަރު ނިމުނުއިރު އަގުތައް 0.7 އިންސައްތައަށް ދަށްވި ނަމަވެސް، މިއަހަރުގެ ކުރީކޮޅުން ފެށިގެން އަގުތައް ވަނީ ހަލުވިކަމާއެކު މައްޗަށް ދާން ފަށާފަ އެވެ.
މީގެ ކުރިން ދަތުރުފަތުރުގެ އަގުތައް އެންމެ ބޮޑަށް އުފުލިފައިވަނީ 2022 ވަނަ އަހަރު އެވެ. އެ އަހަރު އަގުތައް އުފުލުނީ 6 އިންސައްތައަށެވެ. ނަމަވެސް މިހާރު މިވަނީ އެ މިންވަރަށް ވުރެ ވެސް މައްޗަށް އަގުތައް އަރާފަ އެވެ.
ތެލުގެ އަގު 110 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
ސާކާގެ ހެޓްރިކާއެކު ފްރާންސް ބަލިކޮށް އިންގްލެންޑަށް ތިން ވަނަ
ސަރުކާރުގެ ދެވަނަ ޓެކްސް ކޮމިޝަނަރަކަށް އަމީޒާ