އިންގްލެންޑްގެ ވިންގަ ބުކާޔޯ ސާކާގެ ހެޓްރިކާއެކު ފީފާ ވޯލްްޑް ކަޕްގެ ތިން ވަނަ ހޮވުމަށް ރޭ ކުޅުނު މެޗުގައި ފްރާންސް އަތުން 6-4 އިން މޮޅުވެ، އިންގްލެންޑް މުބާރާތުގެ ތިން ވަނަ މަގާމު ހޯދައިފި އެވެ.

މުބާރާތުގެ ސެމީ ފައިނަލުން ބަލިވި އިންގްލެންޑާއި ފްރާންސް ރޭގެ މެޗަށް ނުކުތީ ގިނަ ބަދަލުތަކާއެކު އެވެ. އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް ނެރުނު ފުރަތަމަ 11ގައި އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން އަދި ޖޫޑް ބެލިންގްހަމް ނުހިމަނަ އެވެ. ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސްގެ ފުރަތަމަ 11ގައި ބްރެޑްލީ ބަކޯލާ އަދި އުސްމާނޭ ޑެމްބެލޭ ނުހިމަނަ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އިންގްލެންޑުން ވަނީ 4-0ގެ ލީޑެއް ނަގައިފަ އެވެ. މެޗުގެ ތިން ވަަނަ މިނިޓުގައި އިންގްލެންޑުން ލީޑު ނެގީ ޑެކްލަން ރައިސް ޖެހި ލަނޑުންނެވެ. އަދި މެޗުގެ 18 ވަނަ މިނިޓުގައި އެރިކް ކޮންސާ އެ ޓީމުގެ ދެވަނަ ލަނޑު ޖެހިއިރު، ފުރަތަަމަ ހާފުގައި ސާކާ ވަނީ އިންގްލެންޑަށް އިތުރު ދެ ލަނޑު ކާމިޔާބުކޮށްދީފަ އެވެ.

ދެވަނަ ހާފަށް ފްރާންސް ނުކުތީ ހަތަރު ބަދަލާއެކު އެވެ. ފްރާންސްގެ ކޯޗު ޑެޝޯމްޕްސް ވަނީ ޑެމްބެލޭ އާއި ބަކޯލާގެ އިތުރުން، ޑަޔޯ އުޕަމެކާނޯ އަދި ލޫކަސް ޑީން ކުޅެން އަރުވައިފަ އެވެ.

ދެވަނަ ހާފުގައި ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ ވަނީ ދެ ލަނޑު ޖަހައި، އެމްބާޕޭ ވަނީ ރަންބޫޓަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓުގެ އެއްވަަނައަށް ޖެހިލައިފަ އެވެ. އަދި ވޯލްޑް ކަޕްގައި ޖުމްލަ 22 ލަނޑު ހަަމަކޮށް، އެމްބާޕޭ ވަނީ ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެއްވަނަ އަށް ޖެހިލައިފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި ފްރާންސްގެ ޑެމްބޭލޭވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ. އެކަމަކު ޕެނަލްޓީއަކުން ސާކާ އިތުރު ލަނޑެއް ޖަހައި ހެޓްރިކެއް ހެދިއިިރު، އިތުރު ވަގުތުގައި ބެލިންގްހަމް ވެސް ވަނީ އިންގްލެންޑަށް ލަނޑު ޖަހައިދީފަ އެވެ.

ސާކާ އަކީ މިހާތަނަށް ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗެއްގައި ހެޓްރިކެއް ހެދި އިންގްލެންޑްގެ ދެވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ 1966 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްގައި ހެޓްރިކެއް ހެދި ޖެފް ހާސްޓްގެ އަތުގަ އެވެ.

މި މެޗުގައި ޖެހި ލަނޑާއެކު، ބެލިންގްހަމް ވަނީ ވޯލްޑް ކަޕްގައި ހަތް ލަނޑު ހަމަކޮށްފަ އެވެ. ބެލިންގްހަމްއަކީ ވޯލްޑް ކަޕެއްގައި އިންގްލެންޑްގެ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ.