އެމެރިކާގެ ސިފައިން މަރުވި ހާދިސާގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ބޮޑު އަގު ދައްކަންޖެހޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ އެކު، އެމެރިކާ ސިފައިން އީރާނުގެ ދެކުނާއި ހުޅަނގުގެ ސަރަހައްދުތަކަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީފި އެވެ. މީގެ ރައްދުގައި އީރާނުން ވަނީ ބަހުރޭން، ކުވެއިތު އަދި އުރުދުންގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް އަންގާރަ ދުވަހު ހަމަލާދީފަ އެވެ. މީގެ އިތުރުން ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ޓޭންކަރަކަށް ވެސް ވަނީ ހަމަލާ އަމާޒުވެފަ އެވެ.
މިދިޔަ މަހު ސޮއިކުރި ވަގުތީ ސުލްހައިގެ އެއްބަސްވުން ނިމުމަކަށް އައިސް، ހަމަލާތައް އިތުރުވަމުން ދިއުމާ ގުޅިގެން ތެލުގެ އަގު ވަނީ ގާތްގަނޑަކަށް 2 އިންސައްތަ މައްޗަށް ގޮސްފަ އެވެ. ނަމަވެސް، ތެހެރާނާއި ވޮޝިންގްޓަނުން އަލުން ޑިޕްލޮމެޓިކް މަޝްވަރާތައް ފެށުމަށް ބޭނުންވާ ކަމުގެ ނިޝާންތައް ފެނުމާ އެކު، އަގުތައް މާ ބޮޑަށް އުފުލުން ވަނީ ކޮންމެވެސް ވަރަކަށް ކުޑަވެފަ އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހާމަކުރި ގޮތުގައި، އެންމެ ފަހުން ދިން ހަމަލާތަކުގައި އީރާނުގެ އަސްކަރީ ކޮމާންޑް ސެންޓަރުތަކާއި، ކަނޑުގެ އަސްކަރީ ވަސީލަތްތަކާއި، މިސައިލާއި ޑްރޯން ފޮނުވާ ތަންތަނުގެ އިތުރުން ވައިގެ ދިފާއީ ނިޒާމުތަކަށް ވަނީ އަމާޒުކޮށްފަ އެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ދެކުނުގައި އޮންނަ ޝީރާޒް ސިޓީގެ ވަށައިގެން ގޮވުންތަކުގެ އަޑު ވަނީ އިވިފަ އެވެ. މީގެ އިތުރުން ދެކުނު އައްސޭރީގެ ކޮނަރަކް އަދި ޗާބަހާރުގެ އިތުރުން، ހުޅަނގުގައި އޮންނަ ހޯރަމްއާބާދު ސިޓީއާއި އަބްދާނަން ސިޓީން ބޭރުގައިވާ އާންމުންގެ ސަރަހައްދަކަށް ވެސް ހަމަލާ ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް، ފަހުން އިރްނާ ނިއުސް އެޖެންސީން ވަނީ ހޯރަމްއާބާދުގައި އެއްވެސް ހަމަލާއެއް ދީފައިނުވާ ކަމަށް އެ ސިޓީގެ އޮފިޝަލަކާ ހަވާލާދީ ބުނެފަ އެވެ.
އީރާނުގެ ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެމެރިކާއިން ދިން ހަމަލާތަކުގައި މިހާތަނަށް އާންމުންގެ 50 މީހުން މަރުވެ، 500 މީހުން ވަނީ ޒަހަމްވެފަ އެވެ.
މި ހަމަނުޖެހުންތައް މުޅި ސަރަހައްދަށް ފެތުރެމުން ދާތީ، މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާތީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމެރިކާ ރައްޔިތުން ސަމާލުވުމަށް އަންގާ އާ އިންޒާރެއް ނެރެފަ އެވެ.
ސަރަހައްދީ ފެންވަރުގައި އީރާނުން ދެމުންދާ ހަމަލާތައް
އީރާނުން ވަނީ ގަލްފުގެ ސަރަހައްދުތަކަށް އަލުން ހަމަލާދޭން ފަށާފަ އެވެ. މި ހަމަލާތަކުގައި ފެން ސާފުކުރާ މަރުކަޒުތަކަށް އަމާޒުކުރުމާ ގުޅިގެން ފެނުގެ ދަތިކަން ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. ކުވެއިތުގެ ކަރަންޓާއި ފެން އުފައްދާ ކާރުހާނާތަކަށް ހޯމަ ދުވަހު ދިން ހަމަލާތަކުގެ ސަބަބުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައެއް ޔުނިޓްތައް ނިއްވާލާފައިވާ ކަމަށާއި، މަރާމާތުގެ މަސައްކަތް ކުރަމުންދާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނި ގޮތުގައި، އެމެރިކާގެ ޓެކް ކުންފުނި އެމެޒޯންގެ ބަހުރޭންގައި ހުރި އިންފްރާސްޓްރަކްޗަރަށް ހަމަލާދިނީ، އީރާނުން ބިނާކުރަން އުޅޭ ނިއުކްލިއާ ޕްލާންޓަށް އެމެރިކާއިން ހަމަލާދިނުމާ ގުޅިގެން އޭގެ ބަދަލު ހިފުމުގެ ގޮތުންނެވެ.
އަދި ބަހުރޭންގެ ޝެއިހް އީސާ އެއާބޭސްގައި ތިބި އެމެރިކާ ސިފައިން ދިރިއުޅޭ ތަންތަނަށް ވެސް ހަމަލާދީފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ. ނަމަވެސް މި ހާދިސާތަކާ ގުޅިގެން އެމެރިކާ އަސްކަރިއްޔާއިން، ބަހުރޭނުން ނުވަތަ އެމެޒޯން ކުންފުނިން ވެސް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
އީރާނުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، އަންގާރަ ދުވަހު ކުވެއިތުގައި ހުރި އެމެރިކާގެ ތިން އަސްކަރީ މަރުކަޒަކަށް ޑްރޯން ހަމަލާދީފައިވެއެވެ. އަދި އުރުދުންގައި ހުރި އެމެރިކާގެ މަރުކަޒަކަށް ވެސް ހަމަލާދިން ކަމަށް ރިވޮލިއުޝަނަރީ ގާޑުން ބުނާއިރު، އުރުދުންއިން ބުނެފައިވަނީ އީރާނުގެ ފަސް ޑްރޯން ހުއްޓުވައި ހަލާކުކޮށްލާފައިވާ ކަމަށެވެ.
ޓޭންކަރުތަކަށް ހަމަލާދިނުން
ކަނޑުގެ ސަލާމަތާ ބެހޭ އިދާރާ ޔޫކޭއެމްޓީއޯ އިން ބުނި ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ޓޭންކަރަކަށް ހަމަލާދިނުމާ ގުޅިގެން، އޭގައި ތިބި ފަޅުވެރިން ވަނީ އުޅަނދު ދޫކޮށް ސަލާމަތީ ބޯޓުތަކަށް އަރާފަ އެވެ.
މީގެ އިތުރުން، ކަނޑުއޮޅީގެ ދެކުނު މަގުން ދަތުރުކުރަން އުޅުނު ދެ ތެޔޮ ޓޭންކަރެއްގައި ގޮވުންތަކެއް ހިނގައި އަލިފާން ރޯވެފައިވާ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނެފައިވެއެވެ.
އެމެރިކާއިން އީރާނުގެ ކަރަންޓު އުފައްދާ ވަސީލަތްތަކަށް ހަމަލާދޭ ނަމަ، ރަތް ކަނޑަށް ވަދެވޭ ބާބުލް މަންދަބު ބަންދުކުރުމަށް އީރާނުން ވަނީ ހޫތީންނަށް ބާރުއަޅާފަ އެވެ. މީގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ މުހިންމު ދެ މަގެއް ނުރައްކަލުގެ ތެރެއަށް ވެއްޓިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.
ސުލްހަ ގާއިމުކުރުމުގެ މަސައްކަތް
އީރާނުގެ އިސް އޮފިޝަލަކު ރޮއިޓާސްއަށް މައުލޫމާތު ދެއްވި ގޮތުގައި، ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ އެކު ފެށުނު ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި، 10 ދުވަހުގެ ސުލްހައިގެ ހުށަހެޅުމެއް މެދުވެރިން މެދުވެރިކޮށް ތެހެރާނަށް ލިބިފައިވެއެވެ.
އިޒްރޭލުން މިފަހަރުގެ ހަމަލާތަކުގައި ބައިވެރިވެފައެއް ނުވެއެވެ. އިޒްރޭލުގެ ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް ބުނީ، މިކަމުގެ ތެރެއަށް ވަންނަން ބޭނުން ނުވާ ކަމަށާއި، ނަމަވެސް ކޮންމެ ހާލަތަކަށް ވެސް ތައްޔާރަށް ތިބި ކަމަށެވެ.
އީރާނުގެ އިންޓީރިއާ މިނިސްޓަރު އެސްކަންދަރު މޮމޭނީ ވަނީ މި މައްސަލައިގައި މެދުވެރިއެއްގެ ދައުރު އަދާކޮށްދިނުމަށް ޕާކިސްތާނުގެ ކިބައިން އެދިވަޑައިގެންފަ އެވެ. އޭނާ މިހާރު ހުންނެވީ އިތުރު މަޝްވަރާތަކަށް އިސްލާމްއާބާދުގަ އެވެ.
މި ހަނގުރާމައިގައި މިހާތަނަށް އެމެރިކާ ސިފައިންގެ 17 މީހުން ވަނީ މަރުވެފަ އެވެ. ތެލުގެ އަގު އުފުލުމާ ގުޅިގެން ގައުމުގެ އެތެރޭގެ ފިއްތުންތައް ކުރިމަތިވެފައިވާ ޓްރަމްޕް ވިދާޅުވީ، އީރާނަށް ދިން ހަމަލާތަކަކީ އެމެރިކާ ސިފައިން މަރުވުމުގެ ބަދަލު ހިފުން ކަމަށެވެ.
މި ހަނގުރާމައިގައި މިހާތަނަށް އެތައް ހާސް ބަޔަކު މަރުވެފައިވާއިރު، ގިނައީ އީރާނާއި ލުބުނާނުގެ ރައްޔިތުންނެވެ. ލުބުނާނުގެ ރައީސް ޖޯސެފް އައުން އަންގާރަ ދުވަހު ޓްރަމްޕާ ބައްދަލުކުރައްވައި، ހިޒްބުالله ހަތިޔާރު އެޅުން ހުއްޓުވުމާއި އިޒްރޭލު ސިފައިން ލުބުނާނުން ފޭބުމާ ގުޅޭ މަޝްރޫއެއް ހުށަހެޅުއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ގާނޫނީ ވަކީލު ކަމުގެ އިމްތިހާނު ދެން ހަދަންޖެހޭނީ ފިޒިކަލްކޮށް
ޕްރިޔަންކާގެ އުފަން ދުވަހާ ދިމާކޮށް ނިކްގެ ލޯބި މެސެޖެއް!
ފައިނަލުން ބަލިވުމަކީ ބޮޑު ހިތާމައެއް: މެސީ