އަވަހަށް ތައްޔާރު ކޮށްލެވޭ އިންސްޓަންޓް ނޫޑްލްސްއަކީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައި ވެސް ވަރަށް މަގުބޫލު އުފެއްދުމެކެވެ. ނަމަވެސް، މި ފަހުން ކާނާ ވިހަ ވުމުގެ ރިޕޯޓްތަކަކާއެކު ބާޒާރުން ގަންނަ ނޫޑްލްސް ޕެކެޓުތަކުގެ ރައްކާތެރިކަމާމެދު ސިއްހީ މާހިރުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެހެންކަމުން، އިންސްޓަންޓް ނޫޑްލްސް ގަނެ ބޭނުން ކުރުމުގެ ކުރިން ސަމާލު ވާންޖެހޭ މުހިންމު ކަންތައްތަކެއް ސިއްހީ މާހިރުން ވަނީ ހިއްސާ ކުރައްވާފަ އެވެ.

އެންމެ ފުރަތަމަ ކަމަކަށް ސަމާލު ވާންޖެހެނީ ޕެކެޓުގެ ބޭރުފުށުގެ ރައްކާތެރިކަމަށެވެ. ނޫޑްލްސް ޕެކެޓު ފެޅިފައި، ލޯވަޅު އެޅިފައި ނުވަތަ ވައިވަދެ ފުއްޕާފައި ހުރެގެން ނުވާނެ އެވެ.

ޕެކެޓަށް ނުވަތަ ތަށްޓަށް ގެއްލުމެއް ލިބިފައިވާނަމަ، އޭގެ ތެރެއަށް ވައިގެ ތެރޭގައި ހުންނަ ޖަރާސީމާއި ފަންގަސް ވަދެ، ކާނާ ނުބައިވުމުގެ ފުރުސަތު ބޮޑުވެ އެވެ. މީގެ އިތުރުން، މުއްދަތު ހަމަވާ ތާރީހު ތަކުރާރުކޮށް ބެލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ދެވަނަ ކަމަކީ ނޫޑްލްސް ކައްކާއިރު އޭގެ ވަހާއި ކުލައަށް ބެލުމެވެ. ޕެކެޓު ކަނޑާލުމަށްފަހު ނޫޑްލްސް ގަނޑުން ނުވަތަ އޭގައިވާ މަސާލާ ޕެކެޓުން ނުބައި ވަހެއް ދުވާނަމަ ނުވަތަ ކުލައަށް ބަދަލެއް އައިސްފައިވާނަމަ އެ ބޭނުން ކޮށްގެން ނުވާނެ އެވެ.

ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި، ތެތްކަން ހުންނަ ތަންތަނުގައި ނޫޑްލްސް ގެންގުޅެވިއްޖެނަމަ މުއްދަތު ހަމަނުވި ކަމުގައިވިޔަސް އޭގައި ފޫ ނުވަތަ ފަންގަސް ޖެހުމުގެ ފުރުސަތު އޮވެ އެވެ.

ތިންވަނަ ކަމަކީ ކައްކާ އިރުޝާދުތަކާ އެއްގޮތަށް ތައްޔާރުކުރުމެވެ. ގިނަ މީހުން ނޫޑްލްސް ރަނގަޅަށް ނުކައްކައި، ކުޑަކޮށް ފެނު ކައްކާލައިގެން ކެއުމުގެ އާދައަކީ އާއްމު އާދަ އެކެވެ.

ނަމަވެސް، ރަނގަޅަށް ނުކެކި ހުންނަ ނޫޑްލްސްގެ ސަބަބުން ބަނޑުގައި ރިއްސުމާއި، ހަޖަމު ކުރަން އުނދަގޫވުން ފަދަ މައްސަލަތައް ދިމާވެ އެވެ. އެހެންކަމުން، ރަނގަޅަށް ކައްކައި، ކެއުމުގެ ކުރިން އަތާއި ބޭނުންކުރާ ތަށި ފަދަ ތަކެތި ސާފުތާހިރުކޮށް ބެހެއްޓުމަކީ ވެސް މުހިއްމު ކަމެކެވެ.

އިންސްޓަންޓް ނޫޑްލްސްއަކީ އާންމުކޮށް ލޮނާއި ސެޗުރޭޓެޑް ފެޓް މަތީ މިންވަރަކަށް އެކުލެވޭ އެއްޗަކަށްވާތީ، މިއީ ދާއިމީކޮށް ކެއުމަށް ރަނގަޅު އެއްޗެއް ނޫންކަމަށް މާހިރުން އިރުޝާދު ދެއްވަ އެވެ.

އެއާއެކު ނޫޑްލްސް ކައްކާއިރު އޭގެ ތެރެއަށް ތާޒާ މޭވާ، ތަރުކާރީ ނުވަތަ ބިސް ފަދަ ފައިދާހުރި ބާވަތްތައް އެއްކުރުމަކީ އޭގެއިން ލިބޭ ނިއުޓްރިޝަން އިތުރު ކޮށްދޭނެ ކަމެކެވެ.