މި ސަރުކާރުން ދައުލަތުގެ ކުންފުނިތަކުން 33 ޕަސެންޓް މުވައްޒަފުން ކަނޑާލަން އަންގައިފައި ވާއިރު، އެ ލަނޑުދަނޑިއަށް ވާސިލުވުމަށް 14،000އަށް ވުރެ ގިނަ މީހުން ކަނޑާލަން ޖެހޭނެ ކަމަށާއި އެއީ 50،000އަށް ވުރެ ގިނަ މީހުންނަށް އަސަރުކުރާނެ ކަމެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފައްޔާޒު ތުހުމަތުކުރެއްވި ގޮތުގައި، ކުންފުނިތަކުގެ ހިންގުމުގެ ހަރަދު ކުޑަކުރުމުގެ ނަމުގައި ފިނޭންސް މިނިސްޓްރީއާއި ޕީސީބީން ތިން މަސްދުވަހުގެ ތެރޭގައި 33 އިންސައްތަ މުވައްޒަފުން މަދުކުރަން އެންގި އެންގުމަކީ 14,733 މީހުންގެ ވަޒީފާ ގެއްލި، މަގުމަތިވެގެންދާނެ ނިންމުމެކެވެ.

މީގެ އިތުރުން، ކުރީގެ ސަރުކާރުން އިސްރާފު ބޮޑުކޮށް ވަޒީފާ ބެހި ކަމަށް ބުނެ މި ސަރުކާރުން ވެރިކަމަށް އައީ އޮޅުވާލުމެއްގެ ތެރެއިން ކަމަށާއި، މިހާރު ކުންފުނިތައް "ރައިޓް ސައިޒް" ކުރާއިރު މުވައްޒަފުންގެ އަދަދު ތިރި ވަނީ ހަމަ އެމްޑީޕީ ސަރުކާރުގައި މުވައްޒަފުން ތިބި މިންވަރަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އެހެންކަމުން މުވައްޒަފުން މާބޮޑަށް އިތުރުވި ސަބަބާއި، އިހުމާލުވި ފަރާތްތައް ބަލައި ފިޔަވަޅު އަޅަންޖެހޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި "ބޮޑު ބަދަލު" އޮފީހުގެ ޑިރެކްޓާ ޖެނެރަލް ހަސަން ލަތީފު ވަނީ ކުންފުނިތަކުން މުވައްޒަފުން ވަކިކުރަންޖެހޭނެ އަދަދުތަކުގެ ތަފްސީލު ހާމަކުރައްވާފަ އެވެ. އެގޮތުން އެސްޓީއޯއިން 1,353 މީހުން، ފެނަކައިން 2,607 މީހުން، އަދި އެމްއޭސީއެލްއިން 1,980 މީހުން ވަކިކުރަން ޖެހޭއިރު، ޕޯސްޓް އޮފީހުން 102 މީހުންނާއި ހައްޖު ކޯޕަރޭޝަނުން 15 މީހުން ވަކިކުރަންޖެހޭނެ ކަމަށް އަންދާޒާކުރެއްވި އެވެ.

ސަރުކާރު ކުންފުނިތަކުގެ 42,000 މުވައްޒަފުންގެ ތެރެއިން މުވައްޒަފުން މަދުކުރުމުގެ މަސައްކަތުގެ ތެރެއިން، ފެނަކައާއި އެޗްޑީސީ ފަދަ ބައެއް ކުންފުނިތަކުން މިހާރު ވަނީ އަމިއްލައަށް ވަޒީފާއިން ވަކިވާ މުވައްޒަފުންނަށް ހާއްސަ އިނާޔަތުގެ ޕެކޭޖުތަކެއް ވެސް ހުށަހަޅަން ފަށާފަ އެވެ.