ބޮލީވުޑްގެ އެންމެ ފުންނާބު އުސް އެއް ތަރި ކަމަށްވާ އުމުރުން 83 އަހަރުގެ އަމީތާބް ބައްޗަން އޭނާގެ ބްލޮގްގައި ސާޖަރީއަކާއި އައިސީޔޫގައި ހޭދަކުރި ދުވަސްތަކެއްގެ ވާހަކަ ލިޔުމުން، އޭނާގެ ސިއްހީ ހާލަތާމެދު ސަޕޯޓަރުންގެ މެދުގައި އުފެދުނު ބޮޑު ކަންބޮޑުވުންތަކަށް އޭނާ ރައްދު ދީފި އެވެ.

އަމީތާބް ބުނެފައިވަނީ އޭނާ އެއްވެސް ސާޖަރީއެއް ނުހަދާ ކަމަށާއި، އެ ލިޔުމަކީ ފީފާ ވޯލްޑް ކަޕް ފައިނަލްގައި ސްޕެއިން އަތުން އާޖެންޓީނާ ބަލިވުމާ ގުޅިގެން ލިއޮނެލް މެސީ އަށް ކުރިމަތިވި ނާކާމިޔާބީ މިސާލަކަށް ނަގައިގެން ލިޔުނު ލިޔުމެއް ކަމަށެވެ.

އަމީތާބްގެ ބްލޮގްގައި ލިޔެފައިވަނީ ހޮސްޕިޓަލުގައި ސާޖަރީއަކަށްފަހު އައިސީޔޫގައި ބޭއްވުމަށްފަހު ގެއަށް އަންނަ ދުވަސްވަރަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އެންމެ އުނދަގޫ މަރުހަލާ ކަމަށެވެ.

އެންމެން ގަދަރުކުރާ ބޮޑު ޗެމްޕިއަނަކަށް ކުއްލިއަކަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހޭ ދުވަސް އައުމަކީ ދިރިއުޅުމުގެ އެންމެ އުނދަގޫ ވަގުތު ކަމަށް އޭނާ ލިޔުނެވެ.

މި ލިޔުމާ ގުޅިގެން ވަރައިޓީ އިންޑިއާއަށް ދިން އިންޓަވިއުއެއްގައި އަމީތާބް ބުނީ އޭނާގެ ހާލު ވަރަށް ރަނގަޅު ކަމަށާއި އެއްވެސް ސާޖަރީއެއް ނުހަދާ ކަމަށެވެ.

އެއީ މީހުންނަށް އޮޅުން ބޮޅުންވި ލިޔުމެއް ކަމަށާއި، އޭނާ މިސާލެއްގެ ގޮތުން ބުނީ ސާޖަރީއަކަށްފަހު ނުވަތަ އައިސީޔޫއިން ގެއަށް އައިސް އަމިއްލަ ހާލަތާ ކުރިމަތިލާންޖެހޭ ފަދައިން، ބޮޑު ޗެމްޕިއަނަކު ބަލިވުމުން އަމިއްލަ ނަފްސާ ކުރިމަތިލާންޖެހޭ މަރުހަލާއަކީވެސް އެހާ އުނދަގޫ މަރުހަލާއެއް ކަމަށް އޭނާ ސާފު ކޮށްދިނެވެ.

އޭނާ އިޝާރާތްކުރީ ފީފާ ވޯލްޑް ކަޕް ފައިނަލްގައި އާޖެންޓީނާ ބަލިވުމަށާއި، ބަލިވި ބޮޑު ޗެމްޕިއަނެއްގެ ގޮތުގައި މެސީއަށް ކުރިމަތިވި އިހުސާސްތަކަށް ކަމަށްވިޔަސް، މީހުން އަމިއްލައަށް އެއީ އޭނާގެ ސިއްހީ ހާލަތާ ގު ޅޭގޮތުން ލިޔުނު އެއްޗެއް ކަމަށް ނިންމީ ކަމަށް އަމީތާބު ބުންޏެވެ.

އަމީތާބްގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު، ނާގް އަޝްވިންގެ "ކަލްކީ 2898 AD" ގެ ދެވަނަ ބައިގައި އޭނާ އެނބުރި 'އަޝްވަައްތާމާ' ގެ ރޯލުން ފެނިގެންދާނެ އެވެ. މި ފިލްމުގައި ޕްރަބާސް އާއި ކަމާލް ހާސަންވެސް ހިމެނެ އެވެ.

މީގެ އިތުރުން މަގުބޫލު ގޭމް ޝޯ "ކޯން ބަނޭގާ ކްރޯޑްޕަތީ"ގެ އާ ސީޒަން ހޯސްޓް ކުރުމަށް އަމީތާބް އެނބުރި އަންނާނީ އޮގަސްޓް 10 ގަ އެވެ.