ގަލްފު ސަރަހައްދުގައި ހުރި އެމެރިކާގެ ސީއައިއޭ (ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ) ގެ މަރުކަޒުތަކަށް އީރާނުން ދިން ޑްރޯން ހަމަލާތަކުގައި، ހަމަލާދޭންވީ ތަންތަނުގެ މައުލޫމާތު ފޯރުކޮށްދިނުމުގައި ނުވަތަ ޒަމާނީ ޑްރޯން ޓެކްނޮލޮޖީ ފޯރުކޮށްދިނުމުގައި ރަޝިޔާގެ ދައުރެއް އޮތްތޯ އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުން ތަހުގީގު ކުރަން ފަށައިފި އެވެ. މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ އިންޓެލިޖެންސް މައުލޫމާތު އެނގޭ ހަތަރު މަސްދަރަކުންނެވެ.

ގައުމީ ސަލާމަތާ ގުޅުންހުރި ކަމަކަށްވާތީ ނަން ހާމަނުކުރުމަށް އެދި އެ ފަރާތްތަކުން ބުނި ގޮތުގައި، މި ހަމަލާތަކުގައި ރަޝިޔާގެ ބައިވެރިވުން އޮތް މިންވަރާ މެދު އިންޓެލިޖެންސް އޮފިޝަލުން އަދި ވަކި ގޮތެއް ނުނިންމަވައެވެ. ނަމަވެސް، ދިން ހަމަލާތަކުގެ ސީދާކަމާއި (ޕްރެސިޝަން) ކާމިޔާބީގެ އިތުރުން، އީރާނަށް ރަޝިޔާ އިން ފޯރުކޮށްދޭ ފަންނީ އެހީތެރިކަމަށް ބަލާއިރު، މިއީ ރަޝިޔާގެ ބައިވެރިވުން އޮވެދާނެ ކަމުގެ ހެއްކެއް ކަމަށް އެ ފަރާތްތަކުން ދެކެއެވެ.

މީގެ ކުރިން ރޮއިޓާސް އާއި އެހެން މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގަލްފު ސަރަހައްދުގައި ހުރި އެމެރިކާގެ އަމާޒުތަކަށް އީރާނުން ހަމަލާދިނުމުގައި ރަޝިޔާ އިން އެހީތެރިކަން ފޯރުކޮށްދެ އެވެ. އެހެންނަމަވެސް، ސީދާ ސީއައިއޭ ގެ މަރުކަޒުތަކަށް ދިން ހަމަލާތަކުގައި ރަޝިޔާގެ ބައިވެރިވުން އޮތްތޯ ބަލަމުންދާކަން މިއީ އަލަށް ހާމަވި މައުލޫމާތެކެވެ.

މިދިޔަ މާޗު މަހު ސީއައިއޭ ގެ މަދުވެގެން ދެ މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ރިޔާދުގައި ހުންނަ އެމެރިކާ އެމްބަސީ ތެރޭގައި ހިންގާ ސީއައިއޭ ސްޓޭޝަނާއި، އިރާގުގެ އިރުމަތީގައި ހުރި މަރުކަޒެއް ހިމެނެއެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އިތުރު މަރުކަޒުތަކަށް ވެސް ހަމަލާ އަމާޒުވި ނަމަވެސް، އެކަމުގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.

އިންޓެލިޖެންސް މެމޯ

ހަމަލާދޭނެ ތަންތަން ކަނޑައެޅުމުގައި ރަޝިޔާގެ އެހީތެރިކަންހުޅަނގުގެ އިންޓެލިޖެންސް އެޖެންސީއެއްގެ އެތެރޭގެ ރިޕޯޓަކާ ހަވާލާދީ ސަރަހައްދީ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ސީއައިއޭ ގެ މަރުކަޒުތަކަށް ހަމަލާދިނުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުގައި ރަޝިޔާގެ ބައިވެރިވުން އޮތުމުގެ ފުރުސަތު ބޮޑެވެ.

ގަލްފު ސަރަހައްދުގެ ދެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ރިޔާދަށް ދިން ހަމަލާގައި ބޭނުންކޮށްފައިވަނީ ރަޝިޔާގެ އެހީގައި ފެންވަރު މަތިކޮށްފައިވާ އީރާނުގެ 'ޝާހިދު' ޑްރޯންތަކެކެވެ. މި ހަމަލާގައި އެއް ޑްރޯން އެމްބަސީގެ އިމާރާތުގެ ބޭރު ފާރުން ބައެއް ފޫއަޅުވާލިއިރު، ދެވަނަ ޑްރޯން އެ ލޯވަޅުން އެތެރެއަށް ވަދެ ގޮވާފައިވެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ރަޝިޔާ އާއި އީރާނުގެ ގާތް ގުޅުމުގެ ސަބަބުން މިފަދަ އެހީތެރިކަން ފޯރުކޮށްދިނުމަކީ އާކަމަކަށް ނުވި ނަމަވެސް، ސީދާ ސީއައިއޭ ގެ މުހިއްމު މަރުކަޒުތަކަށް އަމާޒުކުރުމަކީ އެމެރިކާގެ މަސައްކަތްތަކަށް ހުރަސްއެޅުމަށް ރަޝިޔާ އިން އިތުރު ފިޔަވަޅުތަކެއް އަޅަން ތައްޔާރަށް އޮތްކަމުގެ ނިޝާނެކެވެ.

ސިއްރު މަރުކަޒުތައް

މަސްދަރުތަކުން ބުނާ ގޮތުގައި، ރަޝިޔާ އިން ވަނީ އީރާނުގެ 'ޝާހިދު-136' ޑްރޯންތަކުގެ ސެޓެލައިޓް ނެވިގޭޝަން ނިޒާމު (ކޮމެޓާ-އެމް) ފޯރުކޮށްދީ، އޭގެ އަމާޒު ހިފުމުގެ ގާބިލުކަން އިތުރުކޮށްދީފަ އެވެ. މިއީ އީރާނުން އަމިއްލައަށް އުފައްދާ ނިޒާމަށްވުރެ މާ މަތީ ފެންވަރެއްގެ އަދި ހުއްޓުވަން އުނދަގޫ ނިޒާމެކެވެ.

ބޭރު ގައުމުތަކުގައި ހުންނަ ސީއައިއޭ ގެ މަރުކަޒުތަކަކީ ވަރަށް ބޮޑަށް ސިއްރު ކުރެވިފައިވާ ތަންތަނެވެ. އެހެންކަމުން، މިފަދަ މުހިއްމު ތަންތަނުގެ މައުލޫމާތު ހޯދައި، އެތަންތަނަށް ހަމަލާދިނުމުގެ ގާބިލުކަން ރަޝިޔާ ފިޔަވައި މަދު ގައުމަކަށް ނޫނީ ނޯންނާނެ ކަމަށް ބައެއް މުހައްލިލުން ދެކެ އެވެ.

ސީއައިއޭ ގެ ކުރީގެ އިސް އޮފިޝަލެއް ކަމަށްވާ ޑެނިއަލް ހޮފްމަން ވިދާޅުވި ގޮތުގައި، ރަޝިޔާ އާއި އީރާނުގެ ސްޓްރެޓީޖިކް ގުޅުމަށް ބަލާއިރު، މިފަދަ ކަމެއްގައި ރަޝިޔާ އިން އެހީތެރިވުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. ސަބަބަކީ އެ ދެ ގައުމުގެ ވެސް އަމާޒަކީ އެ ސަރަހައްދުތަކުގައި އޮތް އެމެރިކާގެ ނުފޫޒު ކުޑަކުރުން ނުވަތަ އެއްކޮށް ނައްތާލުން ކަމަށްވާތީ އެވެ.

މި މައްސަލައާ ގުޅިގެން ސީއައިއޭ އިންނާއި، އދ. ގައި ހުންނަ އީރާނުގެ މިޝަނުންނާއި، ރަޝިޔާގެ ދިފާއީ ވުޒާރާގެ އިތުރުން ސައުދީ ސަރުކާރުން ވެސް ވަނީ ވަކި އެއްޗެއް ބުނަން އިންކާރުކޮށްފަ އެވެ.