މިއަދު ދިވެހި މުޖުތަމައުގައި ވެސް ކެންސަރު ބައްޔަކީ އާއްމު ވަމުން އަންނަ ބައްޔަކަށް ވާއިރު އެ ބައްޔާ ބެހޭގޮތުން މައުލޫމާތު ހޯދައި ހޭލުންތެރި ވުމަކީ އަހަރުމެން އެންމެންގެ ވެސް ފަރުދީ ޒިންމާ އެކެވެ.

ކެންސަރަކީ ވޭންހުރި ބައްޔެއްކަން އެންމެންނަށް ވެސް އެނގެ އެވެ. އެހެން ނަމަވެސް އެ ބަލީގެ ފަރުވާއާ ބެހޭގޮތުން އަހަރުމެންގެ މުޖުތަމައުގައި ކުރެވޭ ކުށްހީތަކެއް ހުރެ އެވެ.

ކެންސަރުގެ ހާއްސަ ޑޮކްޓަރު ޑރ. ރުޗިރް ތަންޑަން ވަނީ ކެންސަރުގެ ފަރުވާއާ ގުޅިގެން އާއްމުންގެ މެދުގައި ގަބޫލު ކުރެވޭ، ނަމަވެސް އެއްވެސް ހަގީގަތެއް ނެތް 6 ކަމެއް ސާފު ކޮށްދެއްވާފަ އެވެ.

1. ބަޔޮޕްސީ ހެދުމުން ކެންސަރު ފެތުރޭ!

ހަގީގަތް: ބަޔޮޕްސީއަކީ ކެންސަރު ހުރިކަން ކަށަވަރު ކުރުމަށާއި، ކެންސަރުގެ ބާވަތް ދެނެގަނެ، އެންމެ އެކަށީގެންވާ ފަރުވާ ކަނޑައެޅުމަށް ހަދާ ވަރަށް ރައްކާތެރި، އަދި ކޮންމެހެން ބޭނުންތެރި ޓެސްޓެކެވެ. ޒަމާނީ މެޑިކަލް އުސޫލުތަކާ އެއްގޮތަށް ބަޔޮޕްސީ ހެދުމުން ކެންސަރު ފެތުރުމުގެ ފުރުސަތު ނިސްބަތުން ވަރަށް ކުޑަ އެވެ. ބަޔޮޕްސީ ނުހަދައި ދޫކޮށްލުމަކީ ބަލި ދެނެގަތުން ލަސްވެ، ފަރުވާއިން ލިބޭ ކާމިޔާބީ ކުޑަވެގެންދާނެ ކަމެކެވެ.

2. ކީމޯތެރަޕީގެ ސަބަބުން ލިބޭ ވޭން

ހަގީގަތް: ކީމޯތެރަޕީގެ ސަބަބުން މޭ ނުބައިކުރުމާއި، ވަރުބަލިވުމާއި، އިސްތަށި ފޭބުން ފަދަ ސައިޑް އިފެކްޓްތައް ދިމާވި ނަމަވެސް، މެޑިކަލް ސައިންސް ކުރިއަރާފައިވާ މިންވަރުން މިފަދަ އުނދަގޫތައް ކުޑަ ކޮށްދޭނެ ބޭސްތައް މިހާރު ހުރެ އެވެ. ގިނަ ބަލިމީހުން ފަރުވާ ނަގަމުންދާއިރު ވެސް އާންމު ދިރިއުޅުމުގެ ކަންކަން ކުރިއަށް ގަންދެ އެވެ. އަދި ކޮންމެ މީހަކަށް ކީމޯތެރަޕީގެ އަސަރު ކުރާނީ އެކި މިންވަރަށެވެ.

3. ރޭޑިއޭޝަން ދިނުމުން މުޅި ހަށިގަނޑު އަނދާ!

ހަގީގަތް: ރޭޑިއޭޝަން ތެރަޕީއަކީ މުޅި ހަށިގަނޑަށް ދެވޭ އެއްޗެއް ނޫނެވެ. މިއީ ސީދާ ކެންސަރު ސެލްތައް ހުރި ވަކި ސަރަހައްދަކަށް އަމާޒު ކޮށްގެން ދެވޭ ފަރުވާ އެކެވެ. ފަރުވާ ދޭ ސަރަހައްދުގެ ހަންގަނޑު އިރުގެ އަވިން ފިހޭ ފަދައިން ރަތްވުން އެކަށީގެންވީ ނަމަވެސް މާ ބޮޑަކަށް ނުފިހެ އެވެ. މިއީ ތަދެއް އެކުލެވޭ ފަރުވާއެއް ވެސް ނޫނެވެ.

4. ކެންސަރަކީ ގައިން ގަޔަށް އަރާ ބައްޔެއް!

ހަގީގަތް: ކެންސަރަކީ ގައިން ގަޔަށް އަރާ ބައްޔެއް ނޫނެވެ. ބަލިމީހާގެ ގައިގައި ބީހުމުން، އެކުގައި ކެއުމުން ނުވަތަ ގާތުގައި އުޅުމަކުން ކެންސަރު އެހެން މީހެއްގެ ހަށިގަނޑަކަށް ނާރާނެ އެވެ. މިފަދަ ކުށްހީ ތަކުގެ ސަބަބުން ބަލި މީހުން އެކަހެރިވެ، ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރެ އެވެ.

5. ހަކުރު ކެއުން ހުއްޓާލުމުން ކެންސަރު ރަނގަޅުވާނެ!

ހަގީގަތް: ހަށިގަނޑުގެ އެހެން ސެލްތަކެކޭ އެއްފަދައިން ކެންސަރު ސެލްތަކުންވެސް ހަކަތަ ހޯދުމަށް ގުލްކޯޒް ބޭނުންކުރެ އެވެ. ނަމަވެސް، ކެއުމުން ހަކުރު އެއްކޮށް ހުއްޓާލުމުން ކެންސަރު ރަނގަޅުވާނެ ކަމުގެ އެއްވެސް އިލްމީ ހެކިތަކެއް ނެތެވެ. ޑޮކްޓަރެއްގެ އިރުޝާދާ ނުލައި ހަރުކަށި ޑައިޓްތައް ކުރުމުގެ ބަދަލުގައި، ފަރުވާގެ ދުވަސްވަރު ސިއްހަތަށް ފައިދާހުރި ހަމަހަމަ ކެއުމެއް ބޭނުން ކުރުން މުހިއްމެވެ.

6. ކެންސަރަށް ފަރުވާކުރާ ކޮންމެ މީހެއްގެ އިސްތަށިގަނޑު ފައިބާނެ!

ހަގީގަތް: އިސްތަށި ފޭބުން ބިނާ ވެގެންވަނީ ދެވޭ ފަރުވާގެ ބާވަތުގެ މައްޗަށެވެ. ކީމޯތެރަޕީގެ ބައެއް ބޭސްތަކުން އިސްތަށި ފައިބާއިރު، އަނެއްބައި ބޭސްތަކުން އިސްތަށްޓެއް ނުފައިބަ އެވެ. ރޭޑިއޭޝަން ދޭނަމަ އިސްތަށި ފައިބާނީ ސީދާ އެ ފަރުވާދޭ ސަރަޙައްދަކުން އެކަންޏެވެ. އަދި މިހާރު ބޭނުންކުރާ ޓާގެޓެޑް ތެރަޕީ އާއި އިމިއުނޯތެރަޕީ ފަދަ އާ ފަރުވާތަކުގައި އިސްތަށި ފޭބުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.

މުހިންމު ނުކުތާއެއް: ކެންސަރަކީ ކުރީކޮޅު ދެނެގަނެވި، ސައިންސްގެ އަލީގައި ރަނގަޅު ފަރުވާ ދެވިއްޖެނަމަ ފަސޭހަ ކުރެވޭ ބައްޔެކެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ދޮގު މަޢުލޫމާތަށް ބެލުމުގެ ބަދަލުގައި، ސިއްހީ ހާއްސަ ޑޮކްޓަރުންގެ އިރުޝާދު ހޯދުން މުހިއްމެވެ.