އިންސާނާގެ ދިރިއުޅުމުގައި އުފާވެރިކަމާއި، ސިއްހަތު ރަނގަޅު ދިގު އުމުރެއް ލިބުމުގެ އަސްލަކީ ކޮބައި ހެއްޔެވެ؟ ގިނަ މީހުން ގަބޫލުކުރާ ގޮތުގައި އެއީ ބޮޑު މުއްސަނދިކަމެއް، އިޖުތިމާއީ އުސް މަގާމެއް ނުވަތަ ކާމިޔާބު ކެރިއަރެކެވެ.
ނަމަވެސް އެމެރިކާގެ މަޝްހޫރު ހާވަޑް ޔުނިވަރސިޓީން 88 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ކުރިއަށް ގެންދިޔަ ތާރީހީ ދިރާސާއަކުން ދައްކާ ގޮތުގައި މި ސުވާލުގެ ޖަވާބު މުޅިން ތަފާތެވެ.
ހާވަޑްގެ ދިރާސާވެރިން ވަނީ އެއް ބަޔަކު ޒުވާން އުމުރުން ފެށިގެން އުމުރުން ދުވަސްވެ، ދުނިޔެ ދޫކުރަންދެން އެމީހުންގެ ދިރިއުޅުން ވަރަށް ގާތުން ބަލައި މައުލޫމާތު އެއްކޮށް ފައެވެ.
މި ދިރާސާގެ ނަތީޖާއާ ބެހޭ ގޮތުން އެމެރިކާގެ މަޝްހޫރު ގޭސްޓްރޯއެންޓްރޮލޮޖިސްޓް ޑޮކްޓަރު ސައުރަބް ސޭތީ ހާމަ ކުރެއްވި ގޮތުގައި، ދިރާސާގެ އެންމެ ފަހުގެ ނަތީޖާ ފެނިފައި ދިރާސާވެރިންނަށް ވެސް ލިބުނީ ބޮޑު ހައިރާން ކަމެކެވެ.
އުފާވެރިކަމުގެ ސިއްރަކީ މުއްސަނދިކަމެއް ނޫން!
އިންސާނާގެ ދިރިއުޅުމުގެ އުފާވެރިކަމާއި، ސިއްޙަތު ރަނގަޅު ދިގު އުމުރެއްގެ އިތުރުން ސިކުނޑީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެންމެ ބޮޑު ދައުރެއް އަދާކުރަނީ މާލީ ތަނަވަސްކަމެއް ނޫނެވެ. އަދި ޒުވާން އުމުރުގައި ހުންނަ ޖިސްމާނީ ދުޅަހެޔޮ ކަމެއްވެސް ނޫނެވެ. އެންމެ ބޮޑު ދައުރެއް އަދާކުރަނީ އަމިއްލަ ދިރިއުޅުމުގައި އޮންނަ ގާތް ގުޅުންތަކުގެ ފެންވަރެވެ.
ޑރ. ސޭތީ ފާހަގަ ކުރެއްވި ގޮތުގައި، މިއީ އެކުވެރިންގެ އަދަދު ގިނަވުމެއް ނުވަތަ އިޖުތިމާއީ ގޮތުން ގިނަ ބަޔަކާ ބައްދަލުވުމެއް ނޫނެވެ. އެހެނެއް ކަމަކު އޭގެ އަސްލަކީ އެންމެ ގާތް މީހުންނާއެކު އޮންނަ އިހްލާސްތެރި އަޅާލުމާއި އޯގާތެރިކަން އެކުލެވޭ ރަނގަޅު ގުޅުމެވެ.
ގާތް ގުޅުންތަކުގެ ޖިސްމާނީ އަސަރު!
މި ދިރާސާއިން އެނގުނު އެންމެ އާދަޔާހިލާފު އެއް ކަމަކީ، އިންސާނާގެ އުފާވެރިކަމާއި ޖިސްމާނީ ސިއްހަތާ ހުރި ބޮޑު ގުޅުމެވެ. އުމުރުން 50 އަހަރުގައި އެމީހުންގެ ގުޅުން ތަކާމެދު އެންމެ ހިތްހަމަޖެހިގެން އުޅުނު މީހުންނަކީ، އުމުރުން 80 އަހަރު ވީއިރު ސިއްހަތު އެންމެ ރަނގަޅު، އަދި ބަލިތަކަށް ނުގުޑާ ފަދަ ވަރުގަދަ ދުޅަހެޔޮ ކަމެއްގައި ތިބި މީހުންނެވެ.
އޭގެ ބަދަލުގައި އެކަނިވެރިކަމުގައި އުޅޭ މީހުންގެ ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭކަން ދިރާސާއިން އެނގުނެވެ. ދިގު ދެމިގެންދާ އެކަނިވެރިކަމަކީ ދުވާލަކު 15 ސިނގިރޭޓް ހުއްޓުމެއްނެތި ބުއިމާ އެއްވަރުގެ ނުރައްކާތެރި ޖިސްމާނީ ގެއްލުމެއް ހަށިގަނޑަށް ފޯރުވައިދޭ ކަމެއް ކަމަށް ދިރާސާގެ ތަފާސް ހިސާބުތަކުން ދައް ކައެވެ.
އިންސާނާގެ މުޅި ޙަޔާތުގައިވެސް އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދޭންޖެހެނީ މާލީ ކާމިޔާބީތައް އެއްކުރުމަށްވުރެ ބޮޑަށް، އާއިލާއާއި އެކުވެރިންގެ މެދުގައިވާ ގުޅުންތައް ބަދަހިކޮށް، އެކަކު އަނެކަކަށް އަޅާލުމަށެވެ. އެއީ ހަމައެކަނި އުފާވެރިކަން ލިބޭ ކަމެއް އެކަންޏެއް ނޫނެވެ. އެއީ ދުޅަހެޔޮ، ދިގު އުމުރެއްގެ ތަޅުދަނޑި އެވެ.