ސްކޭމްތަކުގައި ޖެހުނު މީހުންގެ އަތުން މިދިޔަ ހަފުތާގައި ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ގެއްލިފައި ވާއިރު، އެހެން މީހެއް ކަމަށް ހެދިގެން ސްކޭމް ކުރުމުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުން ދައްކައިފި އެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާންމުކުރި މައުލޫމާތަށް ބަލާއިރު، މި މަހުގެ 12 އިން 18 އަށް ހުށަހެޅުނު 43 މައްސަލައެއްގައި ޖުމްލަ 254،517 ރުފިޔާ އާންމުންގެ އަތުން ގެއްލިފައިވެ އެވެ. ނަމަވެސް ފުލުހުން ކުރި މަސައްކަތުން އޭގެ ތެރެއިން 188،799.72 ރުފިޔާ ވަނީ އަނބުރާ ހޯދައި ދީފަ އެވެ.
އާންމުކޮށް އޮންލައިން ވިޔަފާރިތައް މެދުވެރިކޮށް ސްކޭމްކުރުން ގިނަވި ނަމަވެސް، މިދިޔަ ހަފުތާގައި އެހެން މީހެއްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ 14 މައްސަލައެއް ރިޕޯޓުކޮށްފައިވެ އެވެ. މީގެ އިތުރުން އޮންލައިން ވިޔަފާރީގެ 12 މައްސަލައަކާއި ފައިސާ މާރުކުރުމުގެ ދެ މައްސަލައެއް ވެސް މި މުއްދަތުގައި ވަނީ ހުށަހެޅިފަ އެވެ.
ހަމައެއާއެކު ފޭސްބުކް މާކެޓްޕްލޭސް، އައިބޭ އަދި މެސެޖިން އެޕްތަކުގެ އިތުރުން ފޯނު ކޯލުތަކާއި ފިޝިން ލިންކުތައް މެދުވެރިކޮށް އެކައުންޓްތައް ހެކްކޮށްގެން ފައިސާ އަތުލާ މައްސަލަތައް އިތުރުވަމުންދާތީ ފުލުހުން ވަނީ ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން ފައިސާ ފޮނުވުމުގެ ކުރިން މުއާމަލާތްކުރާ މީހާގެ ސައްހަކަން ކަށަވަރުކުރުމަށާއި، އެކައުންޓް ނަންބަރާއި ނަން ދިމާވޭތޯ ބެލުމުގެ އިތުރުން، އޮންލައިންކޮށް ތަކެތި ގަންނައިރު މުދާ ނުލިބެނީސް ފައިސާ ނުފޮނުވުމަށް ފުލުހުންގެ އިރުޝާދުގައި ބަޔާންކޮށްފައިވެ އެވެ.
މުލޫ ނެޝަނަލް ޕާކް: ބޯނިއޯގެ ޖަންގަލިތަކާއި ހޮހޮޅަތަކުގެ ސިއްރު!
ކުޑަކޮށް ހިނގާލިޔަސް ނޭވާ ކުރު ވޭތަ؟ ހިތުގެ ބައްޔަކަށް ވެދާނެ!