އިންޑިއާގެ މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް 11" ގައި އެކުގައި އުޅުނު ދުވަސްވަރުން ފެށިގެން ހީނާ ޚާން އާއި ޝިލްޕާ ޝިންޑޭގެ މެދުގައި އުފެދިފައިވާ ވާދަވެރިކަން، "ލޮކް އަޕް 2" ގެ ތެރެއިން އަނެއްކާވެސް މިވަނީ ފެންމަތިވެފަ އެވެ.

ރިއަލިޓީ ޝޯ "ލޮކް އަޕް 2" ގެ އެންމެ ފަހުގެ "ޖަޖްމަންޓް ޑޭ" އެޕިސޯޑުގައި ހީނާއާއި އޫރްފީ ޖާވެދު ވަނީ "ޖަންތާ ކީ އަވާޒް" (އާންމުންގެ އަޑު)ގެ ގޮތުގައި މެހެމާނުންގެ ގޮތުގައި ބައިވެރިވެފަ އެވެ.

މިއާއެކު، ޝޯގެ ބައިވެރިއެއްގެ ގޮތުގައި ވާދަ ކުރަމުންދާ ޝިލްޕާއާއި ހީނާ ވަނީ އަހަރު ތަކަކަށްފަހު އަނެއްކާވެސް ސީދާ ކުރިމަތިލުމަކަށް ގޮސްފަ އެވެ.

ޕްރޯމޯއިން ފެންނަ ގޮތުގައި، އޫރްފީ ޖާވެދު ވަނީ ނުރައްކަލުގެ އިމުގައި ތިބި ބައިވެރިންގެ ކައިރީގައި، ޝޯގައި ތިބި މީހުންގެ ތެރެއިން އެންމެ ނުރައްކާތެރި މީހަކީ ކާކުތޯ ސުވާލު ކޮށްފަ އެވެ.

މި ސުވާލަށް ޖަވާބު ދެމުން ހަރްޝަދު ޗޯޕްރާ އާއި ވަރުން ޔާދަވް ވަނީ ޝިލްޕާ ޝިންޑޭގެ ނަން ނަގާފަ އެވެ. ހަރްޝަދު ބުނި ގޮތުގައި ޝިލްޕާއަކީ މީހުން ރުޅި އަރުވާ ފަދަ ވާހަކަތައް ދައްކާ މީހެކެވެ. މި ވާހަކައަށް ތާއީދު ކުރަމުން ހީނާ ވަނީ "އެއީ ހަމަ ޝިލްޕާ ޝިންޑޭގެ އާދަ" ކަމަށް ބުނެފަ އެވެ.

ރައްދުގައި އެންމެން އޭނާ ދެކެ ބިރުގަންނަނީތޯ ޝިލްޕާ ސުވާލު ކުރުމުން ސުވާލުގެ ޖަވާބުގައި ހީނާ ބުނީ ދިރިއުޅުމުގައި ބިރުގަންނަންވީ ކާކު ދެކެ ކަމާއި، ބިރުގަންނަން ނުޖެހެނީ ކާކު ދެކެކަން ދެނެގަންނަން އެމީހުންނަށް ތަމްރީނު ބޭނުންވާ ކަމަށެވެ.

މީގެ އިތުރުން ހީނާ ވަނީ ޝޯގެ ބައިވެރިން މާ އާދައިގެ ގޮތަކަށް އުޅެގެން އެހެން މީހަކު މާ މަތީ މަގާމަކަށް ނުނެގުމަށާއި، އަމިއްލަ ގޭމު ވަރުގަދަ ކުރުމަށް އިރުޝާދު ދީފަ އެވެ.

2017 ވަނަ އަހަރު ބޭއްވި "ބިގް ބޮސް 11" ގައި ހީނާ އާއި ޝިލްޕާގެ މެދުގައި ހިންގި ބޮޑެތި މާރާމާރީތަކާއި ހޫނު ބަހުގެ ހަމަލާތަކަކީ އިންޑިއާގެ ރިއަލިޓީ ޓީވީ ތާރީހުގައިވެސް އެންމެ ފާހަގަ ކޮށްލެވުނު އެއް މައްސަލައެވެ. އެ ފަހަރުގެ ފައިނަލްގައި ހީނާ ފަހަތަށް ޖައްސާލުމަށްފަހު ތަށި އުފުލާލީ ޝިލްޕާ އެވެ.

މީގެ އިތުރުން، ފަހުންވެސް ޝިލްޕާ ޝިންޑޭ އަމިއްލައަށް ދެއްކި ބައެއް ވާހަކަތަކަކާ ގުޅިގެން ހީނާ ވަނީ ސޯޝަލް މީޑިއާގައި އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

"ލޮކް އަޕް 2" ގެ ތެރެއިން މި ދެ ތަރިން އަލުން ކުރިމަތިލުމުން، ޝޯގެ ފޭނުންނާއި ބެލުންތެރިންގެ މެދުގައި ވަނީ ބޮޑު ފޯރިއެއް އުފެދިފަ އެވެ.