އިންޑިއާގައި ކުރިއަށްދާ ދަރިވަރުންގެ އިޙްތިޖާޖުތަކުގެ ތެރެއިން، ސުލްހަވެރިކަމާއެކު އިހްތިޖާޖުކުރި ދަރިވަރުންގެ ގްރޫޕަކަށް ފުލުހުން ހަމަލާދީ (ލާޓީ ޗާޖުކޮށް) އަނިޔާ ކުރުމާ ގުޅިގެން، އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރިޖީތު ސިންގް ވަނީ ވަރަށް ރުޅިގަދަވެ ސަލާމަތީ ބާރުތަކަށް ފާޑުކިޔާފަ އެވެ.
ޔުނީފޯމް އަޅައިގެން ތިބި ފުލުހުންނަކީ "ގުންޑާއިން"ގެ ގޮތުގައި ސިފަކޮށް، އަރިޖީތު ކުރި ސޯޝަލް މީޑިއާ ޕޯސްޓަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް ވެސް އަމާޒުވި އެވެ.
ނަމަވެސް، އެކަމާ ގުޅިގެން އޭނާގެ ސަޕޯޓަރުން ނުވަތަ ފޭނުން މަދު ވެދާނެތީ އެއްވެސް ވަރަކަށް ކަންބޮޑު ނުވާ ކަމަށާއި، ބޭނުންނަމަ އޭނާގެ ލަވަތައް ޑިލީޓް ކޮށްލުމަށް އަރިޖީތު ވަނީ ގޮވާލާފަ އެވެ.
އަރިޖީތުއަކީ އާންމުކޮށް ސިޔާސީ ނުވަތަ އިޖުތިމާއީ ބޮޑެތި މައްސަލަތަކުގައި މީޑިއާގައި މާ ގިނައިން ވާހަކަދައްކާ އުޅޭ ތަރިއެއް ނޫނެވެ. ނަމަވެސް، ދިއްލީއާއި އެހެނިހެން ސިޓީތަކުގައި ދަރިވަރުން ކުރިއަށް ގެންދާ އިޙްތިޖާޖުތަކަށް ފުލުހުން ހުރަސްއަޅައި، ބާރުގެ ބޭނުންކުރި ގޮތް ފެނި އޭނާގެ ކެތްތެރިކަން ވަނީ ކޮޅުންލާފަ އެވެ.
އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޔުނީފޯމުގެ ނިވާފަތްގަނޑުގައި ތިބެގެން އާންމު ރައްޔިތުންނާއި ކިޔަވާ ކުދިންނަށް އަނިޔާކުރާ މީހުންނަކީ ގާނޫނު ނަގަހައްޓާ ބައެއް ނޫން ކަމަށާއި، އެއީ ހަމަ "ގުންޑާއިން" ކަމަށެވެ.
އަރިޖީތުގެ މި ވާހަކަތަކާ ގުޅިގެން ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުންނާއި، ފުލުހުންގެ ދިފާއުގައި ތިބި މީހުން ވަނީ އޭނާއަށް ފާޑުކިޔައި، އޭނާގެ ލަވަތައް ބޮއިކޮޓްކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ.
މި ފާޑުކިޔުންތަކަށް ރައްދު ދެމުން އަރިޖީތު ބުނީ އޭނާ ހުރީ އިންސާނިއްޔަތުކަމާއި އިންސާފުގެ ފަރާތުގައި ކަމަށާއި ދަރިވަރުންގެ ހައްގުގައި އަޑުއުފުލައިގެން އޭނާގެ ސަޕޯޓަރުން މަދުވި ނަމަވެސް އެކަމާ ދެރަ ނުވާނެ ކަމަށެވެ.
"މައިގަނޑު ޙައްގުތަކާއި އިންސާފަށްވުރެ ބޮޑަށް ފުލުހުންގެ އަނިޔާވެރިކަން ދިފާއުކުރަން ބޭނުންވާ މީހުން، މިހާރުން މިހާރަށްވެސް އަހަރެންގެ ލަވަތައް ފޯނުންނާއި ޕްލޭލިސްޓުން ޑިލީޓްކޮށްލާ! އަހަރެން ކިޔާ ލަވަތަކަށްވުރެ، މަގުމަތީގައި އިންސާފަށް އެދި އަޑުއުފުލާ ދަރިވަރުންގެ މުސްތަގުބަލު މާ މުހިންމު." އަރިޖީތު ބުންޏެވެ.
އަރިޖީތުގެ މި ވަރުގަދަ ރައްދާއެކު، އިންޑިއާގެ ގިނަ އަދަދެއްގެ ޒުވާނުންނާއި ދަރިވަރުން ވަނީ އޭނާގެ ހިތްވަރަށް ތައުރީފުކޮށް، ސޯޝަލް މީޑިއާގައި އޭނާއަށް ތާއީދުކޮށް ހޭޝްޓެގްތައް ހިންގަން ފަށާފަ އެވެ.
ބަންގްލަދޭޝްގެ ރައީސް އިސްތިއުފާދެއްވަން ނިންމަވައިފި
ރަތްކަނޑުގެ ހަމަލާތަކާ ގުޅިގެން އީރާނަށް އަދަބު ދޭނެކަމަށް ބުނެފި
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް މަގާމުން ވަކިކޮށްފި