ރާއްޖޭގެ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވީ ސިޔާސީ ގޮތުން ސަރުކާރާ އިދިކޮޅު ފަރާތެއް ކަމަށާއި، އެހެންނަމަވެސް މިއީ ރާއްޖޭގެ ތާރީހުގައިވެސް އެންމެ ދެފުއް ފެންނަ ގޮތަށް މައުލޫމާތު ހާމަކުރާ ސަރުކާރު ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވީ ސިޔާސީ ގޮތުން ސަރުކާރާ ދެކޮޅު އޯޑަރު އަންނަ ބޭފުޅެއް ކަމަށެވެ. ނަމަވެސް، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސަރުކާރުގެ ވުޒާރާތަކުން 100 އިންސައްތަ މައުލޫމާތު ހާމަކުރަމުންދާކަން އިންފޮމޭޝަން ކޮމިޝަނަރުވެސް ގަބޫލުކުރައްވާފައިވާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، މި ސަރުކާރަކީ ރާއްޖޭގެ ތާރީހުގައިވެސް މިހާ ދެފުއް ފެންނަ ގޮތަކަށް ސަރުކާރުގެ މައުލޫމާތު ހާމަކުރާ ފުރަތަމަ ސަރުކާރެވެ. އަދި ސަރުކާރުގެ ކުންފުނިތަކުންވެސް ދަނީ މައުލޫމާތުތައް ހާމަކުރަމުން ކަމަށާއި، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން ހުށަހަޅާ އާރްޓީއައި ތަކަށް ޖަވާބު ދިނުމާއި، ނޫސްވެރިންނާ ގާތުން މަސައްކަތްކޮށް މީޑިއާއާ ރައްޓެހިކަން ބޭއްވުމުގައި މި ސަރުކާރުން މިސާލު ދައްކަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ޖަވާބުދާރީވާ ސަރުކާރެއް މިދަނީ ތަންފީޒުކުރަމުން. ކުރިއަށް އޮތް ތަނުގައި 'ޓައުން ހޯލް' ކޮންސެޕްޓަށް ވަޒީރުން ރައްޔިތުންނާ ބައްދަލުކޮށް، ސީދާ ރައްޔިތުންނަށް ޖަވާބުދާރީވާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް މި މޭރުމުން ވާހަކަފުޅު ދެއްކެވި ނަމަވެސް، މި ސަރުކާރު ފާހަގަވެގެން ގޮސްފައިވަނީ އާރްޓީއައި ތަކަށް ޖަވާބު ދިނުމަށް ދެކޮޅުހަދާ، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅާ ސަރުކާރެއްގެ ގޮތުގައި ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެގޮތުން، ކުރީގެ ސަރުކާރުތަކުން ހާމަކުރަމުންދިޔަ ސިޔާސީ ވަޒީފާތަކުގެ މައުލޫމާތު މި ސަރުކާރުން ސިއްރުކޮށްފައިވާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، ރައީސްއާ ސުވާލުކުރި ބައެއް ނޫސްވެރިން ހައްޔަރުކޮށް، ބައެއް މީޑިއާތަކަށް ފުލުހުން ފޮނުވާފައިވާ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ.
މައުލޫމާތު ހާމަކުރުމުގެ މައްސަލައިގައި ރައީސް އޮފީހުން މައުލޫމާތު ހާމަނުކޮށްގެން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން (އައިކޮމް) ވަނީ ރައީސް އޮފީސް ޖޫރިމަނާކޮށް، މައުލޫމާތު ހާމަކުރުމަށް އަމުރުކޮށްފަ އެވެ. މިހާރު އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވީ ކުރީގެ ސަރުކާރުގައި އެ މަގާމަށް އައްޔަންކުރެއްވި އަހުމަދު އާހިދު ރަޝީދެވެ.
ނުރައްކާތެރިކޮށް ސައިކަލު ދުއްވި ތިން މީހުން ޖޫރިމަނާކޮށްފި
ދުނިޔޭގެ ފަސް ގައުމަކުން މަތީ ތައުލީމުގެ ފުރުސަތު ހުޅުވާލައިފި
ސަލްމާންގެ އާ ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެ