އާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް، ސިނަމާލޭ ބްރިޖުގެ ހައިވޭގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި ތިން މީހަކު ފުލުހުން ހޯދައި، ޖުމުލަ 8،000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ ހައިވޭ މަތީގައި ހަތަރު ސައިކަލެއް ބާރު ދުވެލީގައި ދުއްވާފައިދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވުމާ ގުޅިގެންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، އޭގެ ތެރެއިން ތިން ސައިކަލެއް ދުއްވަން ތިބި މީހުން ތިބީ ސައިކަލު މަތީގައި ބަނޑުއަޅައިގެން އޮށޯވެ، ފުރާނައަށް ނުރައްކާވާ ފަދަ ގޮތަކަށެވެ.
ފުލުހުން ރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މި ހާދިސާއާ ގުޅިގެން ތިން ސައިކަލެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި އެ އުޅަނދުތައް 30 ދުވަހުގެ މުއްދަތަށް ހިފަހައްޓާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ފިޔަވަޅު އެޅި ގޮތް ތަފްސީލުކޮށްދެމުން ފުލުހުން ބުނީ، ސައިކަލު ދުއްވި ތިން މީހުންގެ ތެރެއިން ދެ މީހަކު 2،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި ތިންވަނަ މީހާއަކީ ތަކުރާރުކޮށް ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތަކަށް ވާތީ، އެ މީހާ 4،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މީގެ އިތުރުން، މި މައްސަލައާ ގުޅޭ ރިޕޯޓެއް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މިފަދަ ނުރައްކާތެރި އަމަލުތަކުގެ ސަބަބުން މީގެ ކުރިންވެސް ބޮޑެތި އެކްސިޑެންޓުތައް ހިނގައި، މީހުންގެ ފުރާނަ ގޮސްފައިވާކަން ފާހަގަކުރެވެއެވެ. މިފަދަ ހާދިސާތަކުގައި ގިނައިން ޒުވާނުން ހިމެނޭއިރު، މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ގޮންޖެހުމެކެވެ.
އީރާނުގެ ހަނގުރާމަ ރަތްކަނޑާއި ކެސްޕިއަން ކަނޑަށް ފެތުރިއްޖެ
މުލޫ ނެޝަނަލް ޕާކް: ބޯނިއޯގެ ޖަންގަލިތަކާއި ހޮހޮޅަތަކުގެ ސިއްރު!
"ލޮކް އަޕް"ގައި ވެސް ހީނާއާއި ޝިލްޕާގެ ވަރުގަދަ ކުރިމަތިލުމެއް!