ނޫސްވެރިންނާ ގާތް ގުޅުމެއް ބާއްވައި މައުލޫމާތު ހާމަކުރުމުގައި މި ސަރުކާރުން ނަމޫނާ ދައްކަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ހުށަހަޅާ ފޯމުތަކަށް ޖަވާބުދާރީވުމާއި، ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވުމުގެ އިތުރުން މީޑިއާތަކަށް އިންޓަވިއު ދިނުމުގައި ސަރުކާރުން ދަނީ ޖަވާބުދާރީވަނިވި ސިޔާސަތެއް ތަންފީޒުކުރަމުން ކަމަށެވެ. އަދި ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ފުޅާމިނުގައި ކަށަވަރުކޮށްދީފައިވާނެ ކަމަށާއި، ނަމަވެސް އެކަންކަން ކުރިއަށް ގެންދަންވާނީ އިސްލާމްދީނާއި ގާނޫނުއަސާސީގެ ހުދޫދުގެ ތެރެއިންކަމަށް ވިދާޅުވި އެވެ.
މީޑިއާތަކުގެ މާލީ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަން ފެށުމުން، ސްޕޮންސަރުންނަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރެވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން، ސަރުކާރުން ތަރައްގީކުރަމުން އަންނަ "މީޑިއާ ވިލެޖު" ގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށާއި، އެތަނުން ކުޑަ އަގެއްގައި މީޑިއާތަކަށް ޖާގަ ހަމަޖެހިގެންދާނެކަން އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، ސަރުކާރުން އޯޑަކުރާގޮތަކަށް އަމަލުކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފެއްދުމާއި، ބައެއް ނޫސްވެރިންނަށް ފިޔަވަޅު އެޅުމާ ގުޅިގެން ނޫސްވެރިންގެ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ދާދި ފަހުން 'އަދަދު' ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ފުލުހުން އެ ނޫހުގެ އޮފީހަށް ވަދެ ތަކެތި ބަލައިފާސްކޮށް، އެ ނޫހުގެ ސީއީއޯ އާއި އެޑިޓަރުގެ ޕާސްޕޯޓު ހިފަހައްޓައި ޖިނާއީ ދައުވާ އުފުލާފައިވާކަން ފާހަގަކުރެވެ އެވެ. އަދި މި މައްސަލައާ ގުޅިގެން މިދިޔަ މެއި މަހު އެ ނޫހުގެ ދެ ނޫސްވެރިއަކު ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި 15 ދުވަހަށް ޖަލަށް ލާފައިވާކަންވެސް ރެކޯޑުކުރެވިފައިވެ އެވެ.
މި ފިޔަވަޅުތަކާ ގުޅިގެން ބައިނަލްއަގްވާމީ ބައެއް ޖަމިއްޔާތަކުން ވަނީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މާލޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރައި ފެންބޮޑުވެއްޖެ
ތ. އަތޮޅުގައި 175 މިލިއަން ޑޮލަރުގެ ޓައުންޝިޕް މަޝްރޫއެއް
ދައުރު ނިމުމުގެ ކުރިން ހައުސިން މަޝްރޫއުތައް ނިންމާ ހަވާލުކުރަނީ
