ދިވެހިރާއްޖޭގެ ބްލޫ ސިނަޖީ އިންވެސްޓްމަންޓްސްއާއި ލަންޑަނުގެ އެމެރަލްޑް ކޯޕަރޭޓްސް ގުޅިގެން، 175 މިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ އިންވެސްޓްމަންޓަކާއެކު ތ. އަތޮޅުގައި "ތާ އައިލެންޑް ކްލަސްޓަރ ސަސްޓެއިނަބަލް ޓައުންޝިޕް" ގެ ނަމުގައި ދެމެހެއްޓެނިވި ޓައުންޝިޕް މަޝްރޫއެއް ކުރިއަށް ގެންދިއުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
ތިމާވެއްޓާ ރައްޓެހި އަދި ޒަމާނީ ވަސީލަތްތަކާއެކު ފަރުމާކުރާ މި މަޝްރޫއަކީ ރާއްޖޭގެ އަތޮޅެއްގައި އަމިއްލަ ފަރާތަކުން ހިންގާ އެންމެ ބޮޑު އެއް އިންވެސްޓްމަންޓަށް ވާނެ އެވެ.
މަލްޓި-އައިލެންޑް ކޮންސެޕްޓަށް ތަރައްގީކުރާ މި ޓައުންޝިޕުގައި ދިރިއުޅުމަށް ބޭނުންވާ އެކި ފެންވަރުގެ ވަސީލަތްތަކާއި، ވިޔަފާރި އަދި މުނިފޫހިފިލުވުމުގެ ހިދުމަތްތައް ހިމެނޭނެ އެވެ. އަދި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް މި މަޝްރޫއުގައި ހާއްސަ އިސްކަމެއްދިނުމަށް ވަނީ ނިންމާފަ އެވެ. ބްލޫ ސިނާޖީ އިންވެސްޓްމަންޓްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގެ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް އުފެދޭނެ އެވެ. މީގެ އިތުރުން، މިއީ ރާއްޖޭގެ ފަތުރުވެރިކަމާއި އިޖުތިމާއީ ތަރައްގީއަށް ލިބޭނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ފަރާތްތަކުން ފާހަގަކުރެ އެވެ.
މި ބިޔަ މަޝްރޫއު އަމަލީގޮތުން ހިންގައި ތަންފީޒު ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ، ބްލޫ ސިނަޖީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފަޔާޒުގެ ބެއްލެވުމުގެ ދަށުންނެވެ. މި މަޝްރޫއުގެ ހުރިހާ އޮޕަރޭޝަނަލް ކަންކަމެއް ރަސްމީކޮށް ހިންގާނީ އޭނާގެ ބެއްލެވުމުގެ ދަށުން ކަމަށްވާއިރު، މިއީ އަތޮޅުތަކުގެ ތަރައްގީއަށް ޕްރައިވެޓް ސެކްޓަރުން އިސްނަގައިގެން ކުރިއަށްގެންދާ ވަރަށް އުންމީދީ މަސައްކަތެކެވެ.
ތ. އަތޮޅުގައި މިފަދަ ޓައުންޝިޕް މަޝްރޫއެއް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، ނ. އަތޮޅުގައި ތަރައްގީކުރާ "އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް" ގެ މަސައްކަތްވެސް ބާރު ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް އިންވެސްޓް މޯލްޑިވްސްއިން ވަނީ ބުނެފަ އެވެ.
ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ ނ. އަތޮޅު މަޝްރޫއަކީ ޖުމްލަ 790 މިލިޔަން އެމެރިކާ ޑޮލަރު ނުވަތަ 12.2 ބިލިޔަން ރުފިޔާގެ ބިޔަ އިންވެސްޓްމެންޓެކެވެ. މިފަދަ މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ އިގުސާދީ ދާއިރާ ސިންދަފާތުވެ، މާލެ ފިޔަވައި އެހެން ސަރަހައްދުތަކުގައި ވެސް ޒަމާނީ ވަސީލަތްތަކާއެކު ދިރިއުޅުމުގެ ފުރުސަތުތައް ފަހިވާނެ އެވެ.
އިންސާނުންނަށް އުފާވެރިކަން ލިބެނީ ކޮން ކަމަކުން؟
މުޒާހަރާ ހުއްޓުވަން ޒުވާނުންނާއެކު ބޭއްވި މަޝްވަރާ ކާމިޔާބު ނުވި
