ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަން ހޯދުމުގެ މައްސަލަތައް ތަހުގީގުކޮށް، ދައުވާކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަސައްކަތް ނުނިމި މަޖިލީހުގައި "ޕާކްކުރެވިފައި" އޮންނަތާ ދެ އަހަރު ދުވަސް ވާން ކައިރިވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އޮކްޓޫބަރު 31، 2024 ގައި އިއުލާނު ކުރެއްވި މި އިސްލާހަކީ ދައުލަތުގެ ތެރޭގައި ހިންގާ ނުހައްގު މުއްސަނދިކަމުގެ މައްސަލަތައް ބެލުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވެ ހުށަހެޅުއްވި ބިލެކެވެ. ގާނޫނުލްއުގޫބާތުގެ 515 ވަނަ މާއްދާއަށް ގެންނަ މި އިސްލާހުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއާއި، ވަޒީރުންނާއި، މަޖިލިސް މެންބަރުންގެ އިތުރުން ފަނޑިޔާރުން ހިމެނޭހެން ދައުލަތުގެ އެކި ފެންވަރުގެ މުވައްޒަފުން ކުރާ މިފަދަ ކުށްތައް ޖިނާޔަތުގެ ދެވަނަ އަދި ތިންވަނަ ދަރަޖައިގެ ކުށުގެ ގޮތުގައި ކަނޑައެޅުމަށް ހަތަރު ކަމެއް ވަނީ ހުށަހަޅާފަ އެވެ.

ނޮވެމްބަރު 2024 ގެ ކުރީކޮޅު މަޖިލީހަށް އިއްވައި ބަހުސްކުރުމަށް ފަހު، އެ މަހުގެ 13 ވަނަ ދުވަހު މި ބިލު ވަނީ ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފަ އެވެ. ނަމަވެސް އެ ފަހުން މި ބިލުގެ މަސައްކަތް ކުރިއަށް ނުގޮސް އޮތީ 'ޕާކުކޮށްފަ' އެވެ.

ކޮރަޕްޝަން މައްސަލަތައް ބެއްލެވުމުގައި މޫނަކަށް ކަނދުރާއަކަށް ނުބައްލަވާނެ ކަމަށް ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ދާއިރު، ސަރުކާރުން އެންމެ މުހިންމު އިސްލާހުގެ ގޮތުގައި ސިފަކުރި މި ބިލުގެ މަސައްކަތް މިއަދާ ހަމައަށްވެސް ނުނިމި އޮތީ ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުގެ ކޮމިޓީ މަރުހަލާގަ އެވެ.

މަޖިލީހުގައި މިފަދަ މުހިންމު އިސްލާހުތަކުގެ މަސައްކަތް ހުއްޓައި، މިދިޔަ ހަފުތާގައި ވެސް ވަކި ސަބަބެއް އެންގުމެއް ނެތި މަޖިލީހުގެ ޖަލްސާތައް ވެސް ނުބާއްވައި ވަނީ ކެންސަލްކޮށްފަ އެވެ.