އީރާނުގެ އަވަށްޓެރި ގައުމުތަކަށް ޑްރޯން ހަމަލާތަކެއް އަމާޒުވަމުންދާ ދަނޑިވަޅެއްގައި، އެމެރިކާއާއި ތެހެރާނާ ދެމެދު ރަނގަޅު މަޝްވަރާތަކެއް ކުރިއަށްދާކަމަށް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
މިކަމުގައި އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، މަޝްވަރާތަކުން ނަތީޖާއެއް ނުނިކުމެއްޖެނަމަ، އެމެރިކާއިން ދެމުންދިޔަ ހަމަލާތައް އަލުން ފަށާނެކަމުގެ އިންޒާރުވެސް އޭނާ ދެއްވި އެވެ.
ޓްރަމްޕް މިފަދަ އުންމީދީ ވާހަކަތަކެއް ދެއްކެވި ނަމަވެސް، އެމެރިކާގެ އަސްކަރީ ހަމަލާތައް މެދުކަނޑާލާފައިވާ ވަގުތެއްގައި އީރާނުން ދަނީ ސަރަހައްދުގައި ހުރި އެމެރިކާގެ ބައެއް މަރުކަޒުތަކަށް ހަމަލާދެމުންނެވެ. އެގޮތުން، ޔޫއޭއީ، ސައުދީ އަރަބިއްޔާ، އުރުދުން އަދި އިރާގަށް ހޯމަ ދުވަހު ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް އެ ގައުމުތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ފާއިތުވި ފަސް މަސްދުވަހުގެ ތެރޭގައި ހިނގަމުންދާ މި ހަމަނުޖެހުމުގައި ޓްރަމްޕް ނިންމެވި ކުއްލި ނިންމެވުމަކާއެކު، އީރާނަށް ދެމުންދިޔަ ދެ ހަފުތާގެ ވައިގެ ހަމަލާތައް މިދިޔަ ހޮނިހިރު ދުވަހު ވަނީ މެދުކަނޑާލާފަ އެވެ.
މިޝިގަންގައި ބޭއްވި ކެމްޕޭން ރެލީއެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އީރާނަކީ ރިޝްވަތު ދީގެން މައިތިރިކުރެވޭނެ ބައެއް ނޫން ކަމަށާއި، އެމީހުން ބަލިކުރަން ޖެހޭނެ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ވަރަށް ރަހުމަތްތެރި މަޝްވަރާތަކެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވި ގޮތުގައި، މެދުވެރިން މެދުވެރިކޮށް ދެފަރާތުގެ މެދުގައި މެސެޖުތައް ބަދަލުކުރެވެމުންދެއެވެ. އަދި އީރާނުން ޑިޕްލޮމެސީއަށް ފުރަގަސްނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، މަޝްވަރާއަށް އެދުނީ އީރާނުން ކަމަށް ބުނެ ފެތުރޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.
އީރާނުގެ އިސް އޮފިޝަލަކު ރޮއިޓާސްއަށް މައުލޫމާތު ދެއްވި ގޮތުގައި، ޓްރަމްޕް އަމިއްލައަށް އިއުލާންކުރައްވާފައިވާ ހަމަލާ ހުއްޓާލުމުގެ ނިންމެވުން ދެމިއޮތްހާ ހިނދަކު، އީރާނުންވެސް ހަމަލާ ދިނުން ހުއްޓާލާނެއެވެ.
ނަމަވެސް، އީރާނުގެ އަސްކަރިއްޔާއިން ހޯމަ ދުވަހު ވަނީ އެމެރިކާއިން އެ ގައުމުގެ ކަނޑުގެ ސަރަހައްދުގައި އުޅަނދުފަހަރަށް ބިރުދައްކައި، ގާނޫނާ ހިލާފަށް ކަނޑުގެ ސަރަހައްދު ބަންދުކުރަން އުޅޭކަމަށް ތުހުމަތުކޮށްފަ އެވެ. މިއީ ސަރަހައްދީ ހަމަނުޖެހުން އިތުރަށް ގޯސްވާނެ ކަމެއް ކަމަށްވެސް އީރާނުން ބުނެފައިވެއެވެ.
ސައުދީ އަރަބިއްޔާއިން ބުނި ގޮތުގައި، ރިޔާދު ހިމެނޭހެން ތެލުގެ މަރުކަޒުތަކަށް އަމާޒުކޮށް ފޮނުވާލި ޑްރޯންތަކެއް ވަނީ ވައްޓާލާފަ އެވެ. މި ޑްރޯންތަކަކީ އިރާގުގައި ތިބި އީރާނަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތްތަކުން ފޮނުވާލި އެއްޗެހި ކަމަށާއި، މިކަމަށް ރައްދު ދިނުމުގެ ހައްގު ސައުދީއަށް ލިބިގެންވާ ކަމަށް އެ ގައުމުން ބުނެފައިވެއެވެ. މީގެ އިތުރުން، ޔަމަނުގެ ހޫތީން ބުނެފައިވަނީ ސައުދީގެ ޑްރޯން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، ސައުދީގެ މުހިންމު ތެޔޮ ހޮޅިއަކަށް ހަމަލާދީފައިވާ ކަމަށެވެ.
އަދި ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އޮތީ އީރާނުގެ އަތްދަށުގައި ކަމަށްވެސް ތެހެރާނުން ވަނީ ބުނެފަ އެވެ.
ތެލުގެ އަގު ދަށަށް
އީރާނާއެކު ކުރަމުންދާ ހަނގުރާމައަށް އާންމުންގެ ފާޑުކިޔުން އަމާޒުވަމުންދިއުމަކީ ނޮވެމްބަރު މަހު އޮންނަ މިޑް-ޓާމް އިންތިހާބާ ކުރިމަތިލާއިރު ޓްރަމްޕަށާއި ރިޕަބްލިކަން ޕާޓީއަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ރޮއިޓާސް/އިޕްސޯސް އިން ކުރި ސާވޭއަކުން ދައްކާ ގޮތުގައި، ހަނގުރާމައަށް ތާއީދުކުރަނީ އެމެރިކާގެ ކޮންމެ ތިން މީހަކުން އެކަކެވެ.
އެމެރިކާގެ ހަމަލާތައް ހުއްޓާލުމާއި، ޓްރަމްޕް މަޝްވަރާއާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. އެގޮތުން އެމެރިކާގެ ސާފުނުކުރާ ތެލުގެ އަގު %8.21 ދަށަށް ގޮސްފައިވާއިރު، ބްރެންޓް ކުރޫޑްގެ އަގު ވަނީ %9.31 ދަށަށް ގޮސްފަ އެވެ.
އެމެރިކާގެ ބައެއް އޮފިޝަލުންނާއި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ހަމަލާތައް މެދުކަނޑާލަން ޓްރަމްޕް ނިންމެވީ އަސްކަރީ ކޮމާންޑަރުންގެ ލަފާގެ މަތިންނެވެ. އެއީ ބޮން އެޅުމުގެ ސަބަބުން ހާސިލްކުރަން ބޭނުންވި ކަންކަން އެންމެ ފުރިހަމައަށް ހާސިލްވެފައިވާތީ އާއި، ބައެއް ކަހަލަ ހަތިޔާރު މަދުވަމުންދާތީ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ޓްރަމްޕް ވަނީ ހަތިޔާރު މަދުވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާފަ އެވެ.
އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅިން ހުއްދަނެތި ވަންނަން އުޅުނު އެމެރިކާގެ ހަ އުޅަނދެއް އީރާނުން ވަނީ ހުއްޓުވައި ފޮނުވާލާފަ އެވެ.
ދެ ހަފުތާ ވަންދެން އެމެރިކާއިން ދިން ވައިގެ ހަމަލާތަކުގައި އީރާނުގެ ގިނަ ބަޔަކު މަރުވެ، ދެކުނުގެ ސަރަހައްދުތަކުގެ ބްރިޖްތަކާއި ޓަނަލްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. އަދި އީރާނުން ދިން ރައްދު ހަމަލާތަކުގައި އެމެރިކާގެ ހަތަރު ސިފައިން މަރުވެފައިވެއެވެ.
ސައޫދީއަށް ދިން ޑްރޯން ހަމަލާތަކެއް އެ ގައުމުން ދިފާއުކޮށްފި
ނިކްއާއި މަލްތީއާއެކު ޕްރިޔަންކާ އިންޑިއާއަށް!
ޝިލްޕާއަކީ "ސްމާޓް" ކުޅުންތެރިއެއް ކަމަށް ހީނާ އެއްބަސް ވެއްޖެ
