ހދ. ކުރިނބީގައި ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީ ޓީޗަރަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ކުރިނބީ ކައުންސިލް މެމްބަރަކު ވިދާޅުވީ އެއީ އެ ސްކޫލްގައި ބަޔޮލޮޖީ ކިޔަވައިދޭ އިންޑިއާގެ އަންހެން ޓީޗަރެއް ކަމަށެވެ.

އެ ޓީޗަރު ގެއްލުމުގެ ކުރިން ގައިގައި ބެޑް ޝީޓެއް އޮޅާލައިގެން ގެއިން ނުކުމެގެން ދަނިކޮށް އާންމުންގެ ބަޔަކަށް ފެނިގެން އެކަން ކައުންސިލަށް އެންގި ކަމަށް ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

"އިޝާ ނަމާދު ގަޑީގައި ނުކުމެގެން ދިޔައީ. ދެން ކައުންސިލަށް ލިބުނު ރިޕޯޓާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ގޮނޑުދޮށުގައި މަރުވެފައި އޮއްވާ ފެނުނޫ 8:40 ހާއިރު،" ކައުންސިލަރު ވިދާޅުވި އެވެ.

އޭނާގެ ކޮޓަރިން ނޯޓެއް ފެނުނު ކަމަށާއި އޭގައި ލިޔެފައިވާ ލިޔުންތަކަށް ބަލާއިރު، އަމިއްލައަށް މަރުވީ ކަމަށް ބެލެވޭ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.

"އެ ނޯޓުގައި ލިޔެފައި ވަނީ އެމީހުންގެ ބަހުން. އެހެންވެ އެހާ ބޮޑަކަށް ނޭނގެ އޭގައި އޮތް އެއްޗެއް. އެކަމަކު އެ ނޯޓް ފެނުނު ބިދޭސީ ޓީޗަރުން ބުނަނީ ފިރިމީހާއާ މައްސަލަ ޖެހިފައިވާކަމާއި ނަފްސާނީ މައްސަލަ ހުންނަކަމާއި ފައިނޭންޝަލް ކަންތައްތަކެއް އުޅޭކަން ފާހަގަވާ ކަމަށް،" ކައުންސިލަރު ވިދާޅުވި އެވެ.