ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ވައިގަދަވުމުގެ ސަބަބުންނާއި އުދައެރުމުގެ ސަބަބުން އެކި ސަރަހައްދުތަކަށް ގެއްލުންތަކެއް ލިބިފައިވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފި އެވެ.
އެންޑީއެމްއޭއިން މައުލޫމާތު ދޭ ގޮތުގައި، ރޭގެ ވަގުތެއްގައި އައްޑޫ ސިޓީ ފޭދޫއަށް ކުރި ވިއްސާރައިގައި އެ ރަށުގެ ދެ ގެއަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފަ އެވެ. އެގޮތުން އެއް ގޭގެ ފުރާޅުން ބައެއް އެއްލާލާފައިވާއިރު، އަނެއް ގޭގެ ބަދިގެ ފުރާޅަށް ބަނބުކެޔޮ ގަހެއް ވެއްޓި ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
މި ހާދިސާތަކާ ގުޅިގެން އެންޑީއެމްއޭއާއި އެމްއެންޑީއެފް ގުޅިގެން ދަނީ އެ އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ފުރާޅު މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ކައުންސިލް މެދުވެރިކޮށް އެ އާއިލާތަކަށް ބޭނުންވާ އިތުރު އެހީތެރިކަން ދެނެގަތުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
ވައިގަދަވުމުގެ އިތުރުން، ރާއްޖޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުވެސް ވަނީ ކޮށްފަ އެވެ. އެގޮތުން އިއްޔެ ދ. ރިނބިދޫއަށް އާދަޔާ ހިލާފަށް އުދައެރުމާ ގުޅިގެން، ރަށުގެ މުއައްސަސާތަކާއި އާންމު ރައްޔިތުން ގުޅިގެން ވަނީ ގެތަކަށާއި މަގުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ވެލިބަސްތާ ޖަހާފަ އެވެ. މީގެ އިތުރުން ލ. އިސްދޫގެ ބަނދަރު ސަރަހައްދަށްވެސް އުދައިގެ އަސަރު ކޮށްފައިވާކަމުގެ ރިޕޯޓްތައް ލިބިފައިވާކަމަށް އެ އޮތޯރިޓީން ބުނެއެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވާތީ، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ރީނދޫ ސަމާލުގެ ވަގުތު މިރޭ 12:30އަށް އިތުރުކޮށްފި
ޑިޑީ ޖަލުން މިނިވަންވާ ތާރީހު އަވަސް ވެއްޖެ
އައްސާމް ކާރިސާ: އާއްމުންނަށް ކާތިކްގެ ދީލަތި އެހީއެއް!