ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ނެރެފައިވާ ރީނދޫ ސަމާލުގެ ވަގުތު މިރޭ ދަންވަރު 12:30 އާ ހަމައަށް އިތުރުކޮށްފި އެވެ.

މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށެވެ. މިއަދު ހެނދުނާއި މެންދުރުވެސް އެ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވާއިރު، މޫސުން އިތުރަށް ގޯސްވަމުންދާތީ ސަމާލުގެ ވަގުތު މިހާރު ވަނީ މިރޭގެ ނިޔަލަށް ދަންމާލާފަ އެވެ.

އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ސަމާލު ނެރެފައިވާ ވަގުތުތަކުގައި އެ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި، ވައިގަދަވެ ކަނޑުތައް ގަދަވަމުންދާތީ ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފަ އެވެ. ވަކިން ހާއްސަކޮށް، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މިވަގުތު ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ނަސޭހަތްތެރިވެފަ އެވެ.