އިންޑިއާގެ އައްސާމް ސްޓޭޓުގައި ފެންބޮޑުވެ ލިބެމުންދާ ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް އެހީތެރި ވުމުގެ ގޮތުން، ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ކާތިކް އާރްޔަން އެއް ކުރޯޑު އިންޑިއަން ރުޕީސް (ގާތްގަނޑަކަށް 120,000 އެމެރިކާ ޑޮލަރު) ހަދިޔާ ކޮށްފި އެވެ.
ކާތިކް މި ފައިސާ ހަދިޔާކޮށްފައިވަނީ އާސާމްގެ ޗީފް މިނިސްޓަރުގެ ރިލީފް ފަންޑަށެވެ.
އާއްސާމްގެ ޗީފް މިނިސްޓަރުގެ އޮފީހުން އެކްސް (ކުރީގެ ޓްވިޓަރ) މެދުވެރިކޮށް އާއްމުކުރި ބަޔާނެއްގައި، ކާތިކް އާރްޔަން ވެދިން ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކޮށްފައިވެ އެވެ.
އެއާއެކު އެ ސްޓޭޓްގެ ޗީފް މިނިސްޓަރު ޑރ. ހިމަންތަ ބިސްވާ ސަރުމާވެސް ވަނީ އެކްޓަރުގެ މި ދީލަތި އެހީއަށް ސާބަސް ދެއްވައި، މިއީ ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އައްސާމްގެ ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ހިތްވަރެއްކަމަށް ވިދާޅުވެފަ އެވެ.
ކާތިކްގެ އިތުރުން ބޮލީވުޑްގެ އެހެން ބައެއް ތަރިންވެސް ދަނީ އާސާމަށް އެހީތެރިކަން ފޯރު ކޮށްދެމުންނެވެ. އެގޮތުން ސަލްމާން ޚާންގެ އެންޖީއޯ "ބީއިންގް ހިއުމަން" މެދުވެރިކޮށް، އައްސާމުގައި ހާލުގައި ޖެހިފައިވާ އާއިލާތަކަށް ކާބޯތަކެއްޗާއި ކޮންމެހެން ބޭނުންވާ އެހެނިހެން ތަކެތި ފޯރުކޮށްދިނުމުގެ ހަރަކާތްތަކެއް ވަނީ ފަށާފަ އެވެ.
މީގެ އިތުރުން އާލިއާ ބަޓް އަދި ބޫމީ ޕަޑްނޭކަރު ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އައްސާމުގެ ހާލަތާ ބެހޭ މައުލޫމާތު ހިއްސާކޮށް، އެހީތެރިކަން ފޯރު ކޮށްދެވޭނެ ވަސީލަތްތަކުގެ މައުލޫމާތު އާއްމުންނަށް ފޯރުކޮށްދީ ހޭލުންތެރިކަން އިތުރު ކުރަމުންނެވެ.
އައްސާމް ސްޓޭޓް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއިން ހާމަކޮށްފައިވާ ގޮތުގައި، މި އަހަރު އައްސާމުގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 80 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
މި ކާރިސާގެ އަސަރު 2.12 ލައްކައަށްވުރެ ގިނަ މީހުންނަށް ކޮށްފައިވާއިރު، އެންމެ ބޮޑަށް ގެއްލުންވެފައިވަނީ 'ޗަރައިޑިއޯ'، 'ސިވާސަގަރު'، އަދި 'ޖޯރްހާތު' އަވަށަށެވެ.
ސަރުކާރުން ދަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް 112 ރިލީފް ކޭމްޕު ގާއިމުކޮށް، އިންޑިއާގެ އަސްކަރިއްޔާއާއި، ނޭޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސް، އަދި ރެސްކިއު ޓީމުތައް މެދުވެރިކޮށް ސަލާމަތީ މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ.
ރީނދޫ ސަމާލުގެ ވަގުތު މިރޭ 12:30އަށް އިތުރުކޮށްފި
އުމުރުން ދުވަސްވީ މީހުންގެ މެދުގައި އެކަނިވެރިކަން އިތުރުވަނީ!
ޕެންޝަން ފަންޑުން ހައްޖަށް ދިއުމުގެ ޝަރުތު ހަމަވާ 23،000 މީހުން