ރައީސް މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ ހިމެނިވަޑައިގަންނަވާހެން ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސުންގެ މަގާމަށް ވާދަކުރައްވާނެކަން ބައެއް ބޭފުޅުބް މިއަދު އިއުލާންކުރައްވައިފި އެވެ.
މި މަގާމަށް ވާދަކުރައްވާނެކަން އެންމެ ފުރަތަމަ އިއުލާން ކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ. އޭނާއަކީ ޕީއެންސީގައި މިހާރު ތިއްބެވި ހަތް ނައިބު ރައީސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭގެ ފަހުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވަނީ އެ މަގާމަށް ވާދަކުރައްވާނެކަން ހާމަކުރައްވާފަ އެވެ. މިހާރު ވެސް އެ މަގާމުގައި ހުންނެވި ސައީދު ވިދާޅުވީ އޭނާ ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ތާއީދާއި އިތުބާރާއެކު ކަމަށެވެ.
މީގެ އިތުރުން ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު ވެސް ވަނީ މި އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފަ އެވެ. ފާތިމަތު ސައުދާ އަކީ ރައީސް މުއިއްޒުގެ އެއްބަނޑު ކޮއްކޮ އެވެ. މީގެކުރިން ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދާކުރައްވާފައި ނުވާ ރާފިއުއަކީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ޕީއެންސީގެ ކެމްޕޭން މެނޭޖަރުގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ.
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވެސް ޕީއެންސީގެ އިސް މަގާމަކަށް ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާއިރު، އޭނާގެ އަމާޒަކީ ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހޯއްދަވައިދިނުމަށް އެހީތެރިވެދެއްވުން ކަމަށް ވިދާޅުވެފައިވެ އެވެ.
މިވަގުތު ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލާއި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް، މި މަގާމުތަކަށް އަލުން ވާދަކުރައްވާނެކަން މިހާތަނަށް އިއުލާން ކުރައްވާފައެއް ނުވެ އެވެ.
ޕީއެންސީގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ މެދުތެރޭގަ އެވެ. އެ ކޮންގްރެސްގައި ޕާޓީގެ އިސް މަގާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
"ލަފާދޭ ގައުމީ މަޖިލީހުގައި 100 ތަޖުރިބާކާރުން ތިބޭނެ"
އެމެރިކާގެ މިސައިލް ދިފާއީ ނިޒާމަށް ބުރޫ އެރުމުގެ ބިރު ބޮޑުވެއްޖެ
މާވެލްއިން އާ "ސްޕައިޑަމޭން"އެއް ހޯދާކަން ޔަގީން ކޮށްދީފި
