ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް ޖަރުމަން ސަރުކާރުން ކިބައިން އެދުމަކީ ދިވެހިންގެ އަގު ވައްޓައިލުން ކަމަށް ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސް ނަޝީދުގެ ބޭސްފަރުވާއަށް ޖަރުމަންއަށް ފުރިކަން މަޖިލީހުން އިއުލާން ކޮށްފައިވާ ބަޔާނާއެކު މަލީހު ކުރެއްވި ޓުވީޓްގައި ވިދާޅުވެފައި ވަނީ ކުރީގެ ރައީސް ނަޝީދުގެ ފަރުވާގެ ހަރަދު ޖަރުމަނުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސުލްއިން ދޭންޖެހުމަކީ ސަލާން ޖެއްސެވުން ކަމަށެވެ. އަދި ރައީސް ނަޝީދު ބޭސް ފަރުވާޔަށް ސަލާން ޖެހުމަކީ ދިވެހީންގެ އަގުވައްޓާލުން ކަމަށާއި އެކަމަކީ ކޮރަޕްޝަން ހުއްޓުވުމާއި ބެހޭ ގާނޫނުގެ އިޖްރައަތްތަކުގެ ތެރެއިން ކޮށްފައިވާ ކަމެއްތޯ ބަލަންޖެހޭ ކަމަށް ވެސް މަލީހު ވިދާޅުވި އެވެ.

މީގެ އިތުރުން މަލީހު ވަނީ ހުސްނުވާ އާސަންދަ ކާރޑު ރައީސް ނަޝީދު ބޭނުން ނުކުރެއްވީ ކީއްވެތޯ ސުވާލު އުފައްދާފަ އެވެ.

ރައްޔިތުން މަޖިލީހުން މިއަދު ނެރުއްވި ބަޔާނެއްގައި ވަނީ ރައީސް ނަޝީދު މިއަދު ފުރާ ވަޑައިގެންނެވި އެއާ އެމްބިއުލާންސްގެ ޚަރަދާއި, ޖަރުމަނުގައި ބޭސްފަރުވާ ކުރެއްވުމުގެ ޚަރަދުބަރަދު ހަމަޖައްސަވައިފައި ވަނީ އެ ގައުމުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސަލް ކްރިސްޓިއަން ވޮން ސްޓެޓެން މެދުވެރިކޮށް ކަމަށެވެ.

އޭގެ އިތުރުން ދަތުރުފުޅުގެ ހުރިހައި އިންތިޒާމުތަކެއް ހަމަޖައްސަވައިފައި ވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީއާއި، ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ޖަރުމަނުގެ ސަރުކާރުން ކަމަށެވެ.

ރައީސް ނަޝީދަށް މިމަހު ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާގައި އެ މަނިކުފާނަށް ވަނީ ފުރާނަފުޅަށް ނުރައްކާވާ ވަރަށް އަނިޔާ ލިބިފައިވާ ކަމަށާއި މިހާތަނަށް ހަތަރު އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. އަދި ރައީސް ނަޝީދުގެ ހަށިކޮޅަށް 10 ރޭޒަ ފުއް ވަދެފައިވާ ކަމަށާއި ހަށިކޮޅުގެ މުހިންމު ގުނަވަންތައް ފޫއަޅުވާލި ކަމަށް ވެސް އޭޑީކޭއިން ބުނެފައިވެ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހައިފަ އެވެ. މި ހަމަލާ އަމާޒުވި ސީދާ ސަބަބެއް އަދި ނޭނގުނަސް ބޮޑަށް ގުޅެނީ ހަރުކަށި ފިކުރާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.