މާލޭގެ ހުޅަނގު ފަރާތުގައި އޮންނަ ރަސްފަންނު ސަރަހައްދު އިތުރު ވަސީލަތްތަކާ އެކު އަލުން ތަރައްގީކުރުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.

މި ހުށަހެޅުން މިއަދު ބޭއްވި ކައުންސިލުގެ ރަސްމީ ޖަލްސާއަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހީމް ލަބާން ޝަރީފެވެ.

މީގެކުރިން ސިޓީ ކައުންސިލުން އެ ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން ދަނިކޮށް، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ އެންގެވުމަކަށް ހައުސިން މިނިސްޓްރީން ވަނީ އެތަން މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފަ އެވެ. އެ ނިންމުމާ ގުޅިގެން މަރާމާތުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދިއުމަށްޓަކައި އޭޕްރީލް މަހުގެ 9 ވަނަ ދުވަހުން ފެށިގެން ރަސްފަންނު ވަނީ އާންމުންނަށް ބަންދުކޮށްފަ އެވެ.

އެމްޓީސީސީން ކުރިއަށް ގެންދިޔަ މަރާމާތުގެ މަސައްކަތްތައް ނިންމައި، ދެ މަހެއްހާ ދުވަހުގެ މުއްދަތަށް ފަހު ޖޫން މަހުގެ 12 ވަނަ ދުވަހު ރަސްފަންނު ވަނީ އަލުން އާންމުންނަށް ހުޅުވާލާފަ އެވެ.

ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ މަރާމާތުގެ ތެރޭގައި މޫދުގެ ލޮނުގަނޑު ދައުރުވުން ރަނގަޅުކުރުމަށްޓަކައި ބޭރު ތޮށިގަނޑަށް ބައެއް ބަދަލުތައް ގެނައުމާއި، ބޯކޮށް ވާރޭވެހޭ ވަގުތުތަކުގައި ފެންބޮޑުވުން ހުއްޓުވުމަށްޓަކައި ފެން ހިންދާ ރަނގަޅު ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ. މީގެ އިތުރުން، ރަސްފަންނުގެ ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ގޮނޑުދޮށަށް ވެލިއެޅުމުގެ މަސައްކަތް ވެސް އެ މަޝްރޫއުގެ ދަށުން ކުރިއަށް ގެންގޮސްފައިވެ އެވެ.

ނަމަވެސް، ރަސްފަންނު އަލުން ހުޅުވައި އާންމުން ބޭނުންކުރަން ފެށި ނަމަވެސް، އެތަނުގައި ހިތްފަސޭހަކޮށްލައިގެން ވަގުތު ހޭދަކޮށްލުމަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމުވެފައި ނެތުމަކީ އެތަނަށް ޒިޔާރަތްކުރާ ރައްޔިތުންގެ މެދުގައި އޮތް ބޮޑު ޝަކުވާއެކެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ފާސްކުރި މި ހުށަހެޅުމާ އެކު، އާންމުންގެ އެ ޝަކުވާތަކަށް ހައްލެއް ގެނެސް، ރަސްފަންނަކީ އާއިލާތަކާއި ކުޑަކުދިންނަށް އެކަށީގެންވާ ފުރިހަމަ ވަސީލަތްތަކެއް ހިމެނޭ ހިތްގައިމު މައިޒާނަކަށް ހެދުމުގެ މަސައްކަތް ކައުންސިލުން ކުރިއަށް ގެންދާނެ އެވެ.