ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުލަތުން އުފުލާފައިވާ ދައުވާއާ ގުޅިގެން މިއަދު އޮތް ޝަރީޢަތުގެ އަޑުއެހުން ކުރުކޮށްލައި، އެހެން ދުވަހަކަށް ތާވާލުކޮށްފި އެވެ.

އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑަ ކުރުމަށް މަގުފަހިކޮށްދިނުމާއި، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އެވެ.

ކޮވިޑް-19ގެ ސަބަބުން މި މައްސަލައިގެ އަޑުއެހުންތައް ނުބޭއްވި ގިނަ ދުވަސްވުމަށްފަހު އަޑުއެހުމެއް ކޯޓުން ތާވަލުކޮށްފައިވެ އެވެ. މިހާރު ކުރިއަށްދަނީ އެ މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ޝަރީޢަތުގެ ކުރިން ހުށަހަޅާފައިވާ ކަންކަމާ ބެހޭ ގޮތުން ވާހަކަދެއްކުމުގެ މަރުހަލާ އެވެ. ނަމަވެސް، މިއަދުގެ އަޑުއެހުމުގެ ކުރިން އާޒިމާ ވަނީ މިއަދު އަޑުއެހުން ބޭއްވުމާ މެދު އުޒުރުވެރިވެވަޑައިގެންފަ އެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި މިއަދު މެންދުރު 2:00ގައި ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ވަޑައިގަންނަވަން ޖެހޭތީ އެވެ.

އާޒިމާ އެކަމަށް އެދިވަޑައިގަތުމުން ދައުލަތުން އެކަމަށް އިއުތިރާޒެއް ނުކުރެ އެވެ. އެހެންކަމުން މިއަދު ގާޒީ ހަސަން ސައީދު ނިންމެވީ އަޑުއެހުން ކުރުކޮށްލާށެވެ. އަދި ދެން އޮންނަ އަޑުއެހުން އަންނަ މަހުގެ 11އަށް ތާވަލުކުރެއްވި އެވެ.

ޢާޒިމާގެ މައްޗަށް ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތި ދިން ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އިސްލާމިކް ބޭންކު އެކައުންޓަށް އެސްއޯއެފުން ޖަމާކުރި ޑޮލަރު، އޭސީސީއާއި އެމަނިކުފާނާ މެދު ހެދި އެސްކްރޯ އެއްބަސްވުމުގެ ދަށުން ގާއިމުކުރި އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ބުނެ އޭސީސީއަށް އާޒިމާ ދޮގު މައުލޫމާތު ދެއްވި ކަމަށް ތުހުމަތުކޮށެވެ.

މަނީ ލޯންޑަރިންނަށް މަގުފަހިކޮށްދެއްވި ކަމުގައި ޢާޒިމާއަށް ތުހުމަތުކުރަނީ އެސްކްރޯ އެކައުންޓް އެއްބަސްވުމާ ޚިލާފަށް އެހެން ފައިސާއެއް ޖަމާކޮށް، ބޭންކް އޮފް މޯލްޑިވްސްއިން ވަކި ގޮތަކަށް ލިޔުމެއް ހޯއްދަވައި އެ ލިޔުން މެދުވެރިކޮށް އެސްކްރޯ އެކައުންޓަށް ރައީސް ޔާމީން ޖަމާކުރެއްވި ފައިސާގެ ޙަޤީޤަތް އޮޅުވައިލެއްވުމަށް މަގުފަހިކުރެއްވި ކަމަށް ތުހުމަތުކޮށެވެ.