އިންޑިއާއަށް މިހާރު ކުރިމަތިވެފައިވާ މޫސުމީ ގަދަ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ އެކި ހާދިސާތަކުގައި 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ އެވެ. ޖުލައި މަހުން ފެށިގެން އެ ގައުމަށް ކުރަމުންދާ މި ވިއްސާރައިގައި އެތައް ހާސް ބައެއްގެ ގެދޮރުގައި ފެންބޮޑުވެ، ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިފައިވާ ކަމަށް ސަރުކާރުގެ ރަސްމީ މައުލޫމާތާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.
މި ގަދަ ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އިންޑިއާގެ އަސާމް ސްޓޭޓަށެވެ. އެ ސްޓޭޓުން އެކަނިވެސް މަދުވެގެން 87 މީހުން މަރުވެފައިވާއިރު، އޭގެ ތެރެއިން 47 މީހުން މަރުވީ ސިވަސާގަރު ސަރަހައްދުންނެވެ. މީގެ އިތުރުން، ކެރަލާ ސްޓޭޓުގައި ބޯކޮށް ވާރޭވެހި ހިނގި ހާދިސާތަކުގައި 15 މީހުން މަރުވެ 7 މީހަކު ވަނީ ގެއްލިފަ އެވެ. ކެރަލާގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ 300 އަށްވުރެ ގިނަ ރިލީފް ކޭމްޕްތަކުގައި މިހާރުވެސް 10،000 އަށްވުރެ ގިނަ މީހުން ވަގުތީ ހިޔާވަހިކަން ހޯދަމުންދެއެވެ.
އިންޑިއާގެ ދައުލަތުގެ މީޑިއާތަކުން ބުނާގޮތުގައި، ޖައްމޫ އެންޑް ކަޝްމީރު ސަރަހައްދުގައި 31 މީހުން މަރުވެފައިވަނީ ބޯކޮށް ވާރޭވެހުމުގެ ސަބަބުންނެވެ. އަދި ޖާރުކަންޑު ސްޓޭޓުގައި ހޮނުއެޅުމުގެ ސަބަބުން 14 މީހަކު މަރުވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ދަނޑުބިންތަކުގައި މަސައްކަތްކުރަން ތިބި މީހުންނެވެ.
ދެކުނު އޭޝިއާގެ ދަނޑުވެރިކަން މޫސުމީ ވިއްސާރައަށް ބަރޯސާވި ނަމަވެސް، ސައިންސްވެރިން ފާހަގަކުރާ ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މި ވިއްސާރައިގެ ނުރައްކާތެރިކަން ދަނީ އަހަރަކަށްވުރެ އަހަރެއް ބޮޑުވަމުންނެވެ. މިގޮތުން އިންޑިއާގެ އިތުރުން އަވަށްޓެރި ސްރީލަންކާއަށްވެސް މި ވިއްސާރައިގެ އަސަރުކޮށް، ފެންބޮޑުވުމުގެ ހާދިސާތަކުގައި 8 މީހުން މަރުވެ 12،000 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.
މޫސުމާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި، މި ދުވަސްވަރު ކުރިމަތިވަމުންދާ މި ނުރައްކާތެރި މޫސުމީ ހާލަތަކީ "އެލް ނީނޯ" ގެ ސަބަބުން ދުނިޔޭގެ ކަނޑުގެ ފިނިހޫނުމިނަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން މެދުވެރިވާ ކަމެކެވެ. އިންޑިއާގެ އިތުރުން ސޫދާން ފަދަ ގައުމުތަކަށްވެސް މި ވިއްސާރައިގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ދަނީ ކުރަމުންނެވެ.
ކަނޑުއޮޅި ހުޅުވާލުމުގެ އެއްބަސްވުމަކާ ގާތަށް އާދެވިއްޖެ: އެމެރިކާ
ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގެ ބާރު ރައީސަށް ދޭތީ ކަންބޮޑުވުން
އަމީތާބު ދެކިލަން އެއްވި މީހުން ފުލުހުންނަށް ވެސް ކޮންޓްރޯލް ނުވި
