އީރާނުގެ އިސްލާމިކް ރިވެލޫޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އަށް އެހީތެރިވެދޭކަމުގެ ތުހުމަތުގައި، ދުބާއީގައި ހިންގަމުންދިޔަ ކްރިޕްޓޯ އެކްސްޗޭންޖަކަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ. މި ފިޔަވަޅު އަޅާފައިވަނީ ރޮއިޓާސް ނިއުސް އެޖެންސީން މިކަމާ ގުޅޭގޮތުން ތައްޔާރުކުރި ރިޕޯޓަކަށް ފަހުގަ އެވެ.
އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ބުނާގޮތުގައި، ހުއްދަނެތި ހިންގަމުންދިޔަ މި ކްރިޕްޓޯ އެކްސްޗޭންޖުން ވަނީ އީރާނުގެ އަސްކަރިއްޔާގެ އިސް ގޮތްޕެއް ކަމަށްވާ އައިއާރުޖީސީ އާއި އީރާނު ދައުލަތާ ގުޅުންހުރި އެހެނިހެން ޖަމާއަތްތަކަށް އެތައް މިލިއަން ޑޮލަރެއްގެ ކްރިޕްޓޯ މުއާމަލާތްތައް ކޮށްދީފަ އެވެ.
ޖުލައި 31 ވަނަ ދުވަހު ރޮއިޓާސްއިން ކުރި ތަހުގީގަކުން ހާމަވިގޮތުގައި، ދުބާއީގައި ހުންނަ "ޝެލްބިޓް" ނަމަކަށް ކިޔާ މި އެކްސްޗޭންޖަކީ އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކުމަށްޓަކައި 4 ބިލިއަން ޑޮލަރުގެ މުއާމަލާތް ހިންގި މަރުކަޒެކެވެ. މި ތަހުގީގުން އެނގުނުގޮތުގައި، ޝެލްބިޓުން ވަނީ އީރާނުގެ ސެންޓްރަލް ބޭންކާއި، ދުނިޔޭގެ އެންމެ ބޮޑު އެއް ޣައިރުގާނޫނީ އޮންލައިން ޖޫގު ކުޅޭ ނެޓްވޯކްގެ އިތުރުން، އިޒްރޭލު ސަރުކާރުން އައިއާރުޖީސީ އާ ގުޅުންހުރި ކަމަށް ބުނާ އެކައުންޓްތަކަށް ފައިސާ ފޮނުވައިދީފަ އެވެ.
މީގެ އިތުރުން، އެމެރިކާގެ ޓްރެޜަރީން ވަނީ ޝެލްބިޓްގެ ބާނީ، އީރާނު ދަރިކޮޅުގެ ސިއާވަޝް ކައިވަންޕޫރާއި އޭނާއާ ގުޅުންހުރި އެހެން ކުންފުނިތަކަށްވެސް ފިޔަވަޅު އަޅާފަ އެވެ. އެއީ އައިއާރުޖީސީ އަށާއި އީރާނުގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް ކަމަށްވާ "ނޯބިޓެކްސް" އަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ސަބަބުންނެވެ. ނޯބިޓެކްސްއަކީ ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުން ރެކުމަށް އީރާނު ސަރުކާރަށް މަގުފަހިކޮށްދޭ ތަނެއް ކަމަށް ބުނެ، މިދިޔަ ޖޫން މަހު އެމެރިކާއިން ވަނީ އެތަނަށްވެސް ފިޔަވަޅު އަޅާފަ އެވެ.
އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އީރާނު ސަރުކާރު ދެމިއޮތުމަށް އެހީތެރިވެދޭ ޣައިރުގާނޫނީ މާލީ ނެޓްވޯކްތައް ހޯދައި، އެ ތަންތަން ނައްތާލުމުގެ މަސައްކަތް ޓްރެޜަރީން ކުރަމުންދާނެ ކަމަށެވެ. މީގެ އިތުރުން، އީރާނުގެ "އަބާން ޓެދާ" ކިޔާ އެކްސްޗޭންޖަކަށްވެސް މިދިޔަ ހުކުރު ދުވަހު ވަނީ ފިޔަވަޅު އަޅާފަ އެވެ.
ޝެލްބިޓްގެ ވެބްސައިޓް މަސްތަކެއް ވަންދެން ބަންދުކޮށްފައި އޮތް ނަމަވެސް، އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރޭގައިވެސް އެތަނުން ފައިސާގެ މުއާމަލާތްތައް ހިންގަމުންދިޔަ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޝެލްބިޓުން ނެރުނު ބަޔާނެއްގައި، މަނީ ލޯންޑްރިންގް ނުވަތަ ޓެރަރިޒަމަށް ފައިސާ ހޭދަކުރުން ފަދަ އެއްވެސް ޣައިރުގާނޫނީ ކަމެއްގައި ބައިވެރިވެފައި ނުވާނެ ކަމަށް ބުނެ، މި ހުރިހާ ތުހުމަތުތަކެއް ވަނީ ދޮގުކޮށްފަ އެވެ.
ޝެލްބިޓް މެދުވެރިކޮށް ދައުރުވި އެތައް މިލިއަން ޑޮލަރަކީ އީރާނުގެ "ބިޓްކޮއިން މައިނިންގް" މަސައްކަތްތަކުންނާއި، އީރާނުގެ މަޝްހޫރު ދެ ސޯޝަލް މީޑިއާ އިންފްލުއެންސަރުން ހިންގާ ޖޫގު ކުޅޭ ނެޓްވޯކަކުން އައި ފައިސާ ކަމަށް ރޮއިޓާސްއިން ބުނެއެވެ.
އެމެރިކާއިން މި ފިޔަވަޅު އެޅީ، ދުބާއީގެ "ވާޗުއަލް އެސެޓްސް ރެގިއުލޭޓަރީ އޮތޯރިޓީ" އިންވެސް ޝެލްބިޓުން މަނީ ލޯންޑްރިންގް ގާނޫނުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ އިންޒާރު ދީފައި ވަނިކޮށެވެ. ވީއޭއާރުއޭ އިން ބުނިގޮތުގައި ޝެލްބިޓްގެ އަމަލުތަކުގެ ސަބަބުން ޔޫއޭއީގެ މާލީ ނިޒާމުގެ އިތުބާރަށް ވަނީ ނުރައްކާވެފަ އެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ބީޗްތަކުގެ ތެރޭގައި އދ. ދިގުރަށް
އެކުވެރިން ހޯދަން އުނދަގޫވާ ކުދިންނަށް އެހީވާނީ ކިހިނެއް؟
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި
