މުހިންމު މަސައްކަތްތަކެއް ނިންމަން ހުރި ކަމަށް ވިދާޅުވެ، ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ވެސް ދަންމައިލަން ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މި ދައުރުގެ ފަހު ޖަލްސާ މާދަމާ ބާއްވަން ޖެހުނު ނަމަވެސް، މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ހުށަހެޅުއްވި ގޮތަށް ފާސްކޮށްފި ނަމަ، މި މަހުގެ 20ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދައުރު ދިގުވެގެންދާނެ އެވެ.
މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ވެސް ދަންމާލީ މުހިންމު މަސައްކަތްތަކެއް ހުރި ކަމަށް ބުނެ އެވެ.
ނަމަވެސް އެފަހަރު ހަމައެކަނި ތާވަލުކުރީ ނައިބު ރައީސް އަހްމަދު ނާޒިމް މަގާމުން ވަކިކުރުމުގެ މައްސަލަ އެވެ. މިފަހަރު ދައުރު ދަންމައިލަނީ ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ހިންގުމަށްޓަކައި ކައުންސިލުތަކުގެ އިހްތިސޯސުން ބިންތައް ވަކިކުރުމުގެ ފުރިހަމަ ބާރު ސަރުކާރަށް ދޭން ލާމަރުކަޒީ ގާނޫނަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި އިސްލާހު ފާސްކުރުމަށް ކަމަށް ބެލެވެ އެވެ.
އިދިކޮޅު އެމްޑީޕީން ތުހުމަތު ކުރާ ގޮތުގައި ސަރުކާރާ ގާތް ގުޅުމެއް އޮންނަ ހަންނާން މެދުވެރިކޮށް މިފަދަ ބިލްތައް ހުށަހަޅަނީ ސަރުކާރުންނެވެ. އެ ބިލު ފާސްކުރުމުގެ މަސައްކަތް ފަސް ދުވަހުން ނިންމަން ކޮމިޓީން ނިންމާފައި ވާއިރު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް އަންނަ ހަފްތާގައި ކުރިއަށްދާނެ ކަމަށް ބެލެވެ އެވެ.
ކަން އެހެން އޮއްވައި މެންބަރުންނަށް ބޮޑު މުސާރައާއި އިނާޔަތްތައް ދީގެން މަޖިލީހުގެ އިދާރާއަށް ބޮޑު ހަރަދެއް ކުރާއިރު، ޖަލްސާތަކާއި ކޮމިޓީތައް ގަވައިދުން ނުބޭއްވޭތީ މެންބަރުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ.
"ހަނގުރާމަ ނިންމަން ހުށަހެޅުންތަކެއް އެމެރިކާއަށް ފޮނުވައިފިން"
ދިރާގުގެ ހިއްސާދާރުންގެ ޓެކްސް ރެސިޑެންސީ ރަނގަޅު ކުރަން އެދެފި
އެމެރިކާއިން ޝަރުތުތަކަށް އެއްބަސްނުވާނަމަ ކަނޑުއޮޅި ނުހުޅުވާނެ