ތަކެތީގެ އަގުތައް ހިފެހެއްޓުމެއް ނެތި އުފުލެމުން އަންނާތީ "ދަތިވެއްޖެ" ނަމުގައި އެމްޑީޕީ އިން މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާ ކުރިއަށްދާނީ ފުލުހުން ދީފައި އޮތް ޔަގީންކަމާ އެއްގޮތަށް މަޖީދީ މަގުން ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، މާލޭގެ މައި މަގުތައް މަރާމާތުކުރަމުންދާތީ މުޒާހަރާ ކުރެވޭނީ މަޖީދީ މަގުގައި ކަމަށާއި އެ ފުރުސަތު ދޭނެ ކަމުގެ ޔަގީންކަން ފުލުހުންގެ ގްރައުންޑް ކޮމާންޑަރުން ދީފައިވާ ކަމަށެވެ.

އެހެންކަމުން، ބާރުބޮޑު ގަޑިއަކަށް ވާތީ މަޖީދީ މަގުގައި މުޒާހަރާ ނުކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އިއްޔެ މަޖިލީހުގައި ވިދާޅުވި ވާހަކަ އެ ޕާޓީން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އެމްޑީޕީން ސިފަކުރި ގޮތުގައި މިނިސްޓަރުގެ އެ ވާހަކައަކީ ސަރުކާރުން ޑިމޮކްރެޓިކް އުސޫލުތަކަށް އިހުތިރާމް ނުކުރާކަން ހާމަވި ކަމެކެވެ.

އެހެން ނަމަވެސް މީގެ ކުރިން ފުލުހުން އަމަލުކޮށްފައިވާ ގޮތަށް ފަހު ވަގުތު އެ ފުރުސަތު ނުދީފާނެކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.

އަސާސީ ކާބޯތަކެތީގެ އަގު އަހަރެއްގެ ތެރޭގައި 8 ޕަސެންޓަށް އުފުލިފައިވާތީ ބާއްވާ މި އިހުތިޖާޖު ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ 20:30 ގައި ސޯޝަލް ސެންޓަރު ކުރިމަތިންނެވެ. އަދި މަޖީދީ މަގުގައި ބާއްވާ މި މުޒާހަރާގެ ބައިވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެމްޑީޕީން ވަނީ ފުލުހުންނަށް ގޮވާލާފަ އެވެ.