އިދިކޮޅު އެމްޑީޕީގެ ވެރިކަމުގައި ހެދި ގޯސްތަކާއި އިންތިހާއަށް ފައިސާ ޗާޕުކުރުމުގެ ސަބަބުން އިގްތިސާދު އަނދަވަޅަކަށް ވައްޓާލުމުން ޑޮލަރުގެ އަގު އުފުލިފައިވާތީ، އެކަމުގެ ތުހުމަތު މިހާރުގެ ސަރުކާރުގެ ބޮލުގައި އަޅުވަން އެމްޑީޕީން އުޅޭ ކަމަށް ބުނެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
މިރޭ ބާއްވާ މުޒާހަރާއަށް މީހުން ޖަމާކުރުމުގެ ސިޔާސީ ބޭނުމުގައި، ކުރިއަށް އޮތް 10 ދުވަހު ޑޮލަރުގެ ރޭޓު 19 ރުފިޔާއަށް ތިރިކުރަން ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ގޮވާލެއްވުމުން އެކަމަށް ރައްދު ދެއްވަމުން ސައީދު ވިދާޅުވީ، ކަޅުބާޒާރަށް ހިތްވަރުދީ މާކެޓުގައި ނުތަނަވަސްކަން އުފައްދަނީ އިދިކޮޅު ފަރާތްތަކުން ކަމަށެވެ. އަދި ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި އެއާޕޯޓު ޖީއެމްއާރަށް ވިއްކާލުމާއި ދައުލަތުގެ ހިއްސާ މާރުކުރުމުގެ އިތުރުން، ކޮވިޑްގެ ތެރޭގައި ޒިންމާދާރުކަން ކުޑަކޮށް 8 ބިލިއަން ރުފިޔާ ޗާޕުކޮށްގެން ފައިސާގެ އަގު ވައްޓާލީ ހަމަ އެމްޑީޕީން ކަމަށް ސައީދު ހަނދާންކޮށްދެއްވި އެވެ.
އޭރު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ވެސް ފައިސާ ޗާޕުކުރުމުން ރުފިޔާގެ އަގު ވެއްޓޭނެ ކަމަށް ވިދާޅުވިކަން ފާހަގަކުރައްވައި، ސައީދު ވަނީ ސިޔާސީ ވެރިން ހެނދުނާއި ހަވީރު ޑޮލަރުގެ ރޭޓު ކަނޑައަޅަން އުޅުއްވާ އުޅުއްވުން ހުއްޓާލުމަށް ގޮވާލައްވާފަ އެވެ.
އެމްޑީޕީން ނުބައި މައުލޫމާތު ފަތުރަމުންދިޔަ ނަމަވެސް، މިހާރު ބޭންކުތައް މެދުވެރިކޮށް ދޫކުރާ ޑޮލަރުގެ މިންވަރު އެމްޑީޕީގެ ވެރިކަމާ އަޅާބަލާއިރު އެތައް ގުނައެއް އިތުރުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން 2021 ވަނަ އަހަރު ކާޑުތަކަށް މަހަކު ދޫކުރި 10 މިލިއަން ޑޮލަރުގެ ބަދަލުގައި މިހާރު މަހަކު 39 މިލިއަން ޑޮލަރު، އަދި އިމްޕޯޓް ޓީޓީއަށް ދޫކުރި 6.7 މިލިއަންގެ ބަދަލުގައި 26.6 މިލިއަން ޑޮލަރު ދޫކުރާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ މިންވަރު 1.9 މިލިއަނުން 3.6 މިލިއަނަށް އަދި ބޭސްފަރުވާއަށް ދޫކުރާ މިންވަރު މަހަކު 3 ލައްކަ ޑޮލަރުން 3 މިލިއަން ޑޮލަރަށް އިތުރުކޮށްފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.
"ދަންނަވަން މިއުޅޭ ވާހަކައަކީ އެމްޑީޕީ ސަރުކާރުގައި އޭރުގަ އޮތް ހާލަތެއް ނޫން މިހާރު މިއޮތީ. މިހާރު ޑޮލަރު ދޫކުރާ ވިޔަފާރިވެރިންނަށް، ކިޔަވަމުންދާ ދަރިވަރުންނަށް، މެޑިކަލް އަށް، ބޭރަށް ވަޑައިގަންނަވާ ބޭފުޅުންނަށް ޑޮލަރު ބޭންކު މެދުވެރިކޮށް ދޭ އަދަދު މިހުރީ އެމްއެމްއޭ އިން ވެސް އަދި ބޭންކް އޮފް މޯލްޑިވްސް އިން ވެސް ދުވަހަކު ވެސް މީގެ ކުރިން ޑޮލަރު ދޫނުކުރާ އަދަދަށް މި ޑޮލަރު ދޫކުރަނީ،" ސައީދު ވިދާޅުވި އެވެ.
ސައީދު އިތުރަށް ވިދާޅުވީ، އެމްޑީޕީ ސަރުކާރުން ނަގާފައިވާ 1.2 ބިލިއަން ޑޮލަރުގެ ބޮޑު ލޯނު ދައްކައި، ރަހުނުކޮށްފައި ހުރި ސްކޫލްތަކާއި ހޮސްޕިޓަލްތައް ސަލާމަތްކޮށް، ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ނިންމުމުގެ މަސައްކަތް ކުރަމުންދަނީ މި ސަރުކާރުން ކަމަށެވެ. އަދި އިގްތިސާދު ކޮޅަށް ޖެހުމަށް 10 ބިލިއަން ޑޮލަރުގެ މަޝްރޫއުތައް ރާވަމުންދާ ދަނޑިވަޅެއްގައި، އިގްތިސާދަށް ނުރައްކާވާ ފަދަ ދޮގު ވާހަކަތައް ނުފެތުރުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ.
"ގައުމު ހަމަޖެހުމުގެ ނޭވާއެއްލައި، އަލުން ތެދުވަން މަސައްކަތް ކުރާ މި ދަނޑިވަޅުގައި، އިގްތިސާދަށް ނުރައްކާވާ ފަދަ ދޮގު ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކުރަން،" ނަޝީދަށް ރައްދު ދެއްވައި ސައީދު ވިދާޅުވި އެވެ.
ބަންގްލަދޭޝް މީހުންނަށް ރާއްޖެއިން އިތުރު ވަޒީފާއަށް އެދެފި
ބީއެމްއެލް އިން "ބޭންކް ފަންޑް" ލިބޭ ޖަމިއްޔާތައް ހޮވައިފި
ތުއްތު ދަރިފުޅަށް ހަކުރު ލީ ބާވަތްތައް ނުދޭންވީ އިތުރު ސަބަބެއް!