ހުޅުމާލޭގައި ގާއިމުކޮށްފައިވާ ޒަމާނީ ޕާކިން ނިޒާމުތައް ބޭނުންނުކޮށް ބެހެއްޓުމުގެ ސަބަބުން ދައުލަތަށް 83 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ވެފައިވާ ކަމަށް ބުނެ، އޭގެ ޒިންމާ ނަގާނީ ކޮން މުއައްސަސާއަކުންތޯ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ސުވާލު ކުރައްވައިފި އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ކުޑޫ ފޮނުއްވި ސިޓީއެއްގައި ފާހަގަކުރެއްވި ގޮތުގައި، ހުޅުމާލޭގެ އަށް ސަރަހައްދެއްގައި 300 އުޅަނދު ޕާކުކުރެވޭ ގޮތަށް ބަހައްޓާފައިވާ 10 މެކޭނިކަލް ޕާކިން ސިސްޓަމް 2019 ވަނަ އަހަރުން ފެށިގެން ބޭނުންކުރި ނަމަ، ޖާގައަކުން ދުވާލަކު 100 ރުފިޔާގެ މަގުން ވެސް މިއަދާ ހަމައަށް 83 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބުނީހެވެ.
ނަމަވެސް އެ ތަންތަން ބޭނުންނުކޮށް ހުރުމުން އެއީ އާންމުންނަށާއި ދައުލަތަށް އެއްވެސް ފައިދާއެއް ނުލިބި ވީ ބޮޑު އިސްރާފެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ. އަދި އެ ނިޒާމުތަކުގެ ބޮޑު ބައި އަދިވެސް ރަނގަޅަށް ހުރިއިރު، އެއް ސިސްޓަމް ރޫޅާލައިގެން ހުސްބިމެއްގައި ބަހައްޓާފައިވާކަން ފާހަގަކުރައްވައި ކުޑޫ ވަނީ އެ ނިޒާމުތައް އަލުން ބޭނުންކުރަން އެޗްޑީސީން ކުރާ މަސައްކަތްތަކާއި، ބޭނުންކުރަން ފަށާނެ ތާރީހަކާއި، އަދި ގެއްލުނު "އޮޕަޗުނިޓީ ކޮސްޓް" އަށް ސީދާ ޒިންމާވާނީ ކޮން މުއައްސަސާއަކުންތޯ ސުވާލުކުރައްވާފަ އެވެ.
މާލެ ސަރަހައްދުގެ ތޮއްޖެހުމަށް ހައްލެއް ހޯދުމަށް މެކޭނިކަލް ޕާކިން ސިސްޓަމް ގާއިމުކުރާނެކަން 2015 ވަނަ އަހަރު އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ރައީސް މުހައްމަދު މުއިއްޒު އިއުލާންކުރެއްވި ނަމަވެސް، އަމަލީ ގޮތުން އެ މަސައްކަތް ފެށުނީ 2018 ގަ އެވެ.
ނަމަވެސް މާލޭގައި ބެހެއްޓި ސިސްޓަމްތައް ބޭނުން ނުކުރެވި ރޫޅާލިއިރު، ހުޅުމާލޭގެ ސިސްޓަމްތައް ވެސް ބޭނުންނުކުރެވި އޮތީ މަސައްކަތް ނުނިމޭތީ ކަމަށް 2021 ގައި އެޗްޑީސީން ބުނެފައިވެ އެވެ. އޭރު އެޗްޑީސީން ބުނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ފެށި މި މަޝްރޫއު މަޑުޖެހުނީ މާލީ ދަތިތަކާ ހުރެ ކޮންޓްރެކްޓަރަށް ފައިސާ ނުދެއްކިގެން ކަމަށާއި، ފައިސާ ދެއްކުމުން ބޭނުންކުރަން ފެށޭނެ ކަމަށެވެ. ނަމަވެސް މި ސަރުކާރު އައިފަހުން ވެސް އެ ނިޒާމުތައް އޮޕަރޭޝަނަށް ގެނެސްފައެއް ނުވެ އެވެ.
ޕާކިން މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން މާލޭގައި ދެ ޕާކިން ބިލްޑިންގާއި ހުޅުމާލޭގައި ހަތް ޕާކިން ބިލްޑިން އެޅުމަށް ނިންމާފައި ވާއިރު، މާލެ ސަރަހައްދުގައި އުޅަނދުތައް ހުންނަންޖެހޭ މިންވަރަށް ވުރެ އިތުރަށް ރެޖިސްޓްރީކޮށްފައިވާކަން ދިރާސާއަކުން ދައްކަ އެވެ.
އައިޔޫއެމްއިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި މާލެ ސަރަހައްދަށް އެންމެ ގިނަވެގެން ރެޖިސްޓްރީ ކުރެވެންޖެހޭނީ 89,413 އުޅަނދު ކަމަށްވީ ނަމަވެސް، މިދިޔަ އަހަރު އެ ރިޕޯޓު ނެރުނުއިރު ވެސް 119,472 އުޅަނދު ރެޖިސްޓްރީކޮށްފައިވެ އެވެ. އެއީ އެކަށީގެންވާ މިންވަރަށްވުރެ 30,059 އުޅަނދު އިތުރު އަދަދެކެވެ.
އުއްމީދު ކުރި ވަރުގެ ކުރިއެރުމެއް ނުލިބުނު: ސަންޖޭ
ބީއެމްއެލް އިން "ބޭންކް ފަންޑް" ލިބޭ ޖަމިއްޔާތައް ހޮވައިފި