މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހާއްސަ ދިދަ ނެގުމުގެ ރަސްމިއްޔާތު، ރައީސް މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގެން މިއަދު ހެނދުނު ބާއްވައިފި އެވެ.
ބޯކޮށް ވާރޭ ވެހެމުން ދަނިކޮށް ޖުމްހޫރީ މައިދާނުގައި މިއަދު ހެނދުނު 6:00 ޖެހިއިރު ބޭއްވި މި ރަސްމިއްޔާތަށް ރައީސްގެ ދެކަނބަލުން ވަޑައިގަތުމުން މަރުހަބާ ދެންނެވީ ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދާއި، ދިފާއީ އަދި ވަތަނީ ހިދުމަތާބެހޭ ވަޒީރު ހަސަން ރަޝީދު އެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި، ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ގައުމީ ދުވަހުގެ ރަސްމީ ހަރަކާތްތައް ބޭއްވުމަށް ސަރުކާރުން ކަނޑައަޅާފައިވާ ހއ. އުތީމުގައި ވެސް މިއަދު ވަނީ ރަސްމީ ހަރަކާތްތައް ފަށާފަ އެވެ. އުތީމުގެ ބަނދަރު ސަރަހައްދުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އެ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއި، މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ އާންމުން ބައިވެރިވި އެވެ.
އުތީމުގައި ކުރިއަށްގެންދާ ތިން ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މިއަދު ހަވީރު ކުޑަކުދިންނާއި އިސްރަށްވެހިންގެ ހަވީރެއް އޮންނާނެ އެވެ. އަދި މިރޭ ސަގާފީ ކުޅިވަރުތަކާއެކު ހަވާ އެރުވުމުގެ ހާއްސަ ހަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި އަހަރުގެ ގައުމީ ދުވަހުގެ އެންމެ މުހިންމު ހަރަކާތްތައް އޮންނާނީ މާދަމާ ހޮނިހިރު ދުވަހު އުތީމުގަ އެވެ. އެގޮތުން ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގެ އިތުރުން، ބޮޑުތަކުރުފާނުގެ ދޮރޯށި ހުޅުވުމާއި "ވާހަކަ ވައު" ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނެ އެވެ.
މި ހުރިހާ ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސްގެ ދެކަނބަލުން މާދަމާ ހެނދުނު އުތީމަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. ރަސްމީ ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދިނުން އޮންނާނެ އެވެ.
ރާއްޖޭގައި ގައުމީ ދުވަސް ފާހަގަކުރަނީ ޕޯޗުގީޒުންގެ އަޅުވެތިކަމުން އައްސުލްތާން ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް ރާއްޖެ މިނިވަންކޮށްދެއްވި ހަނދާނީ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުންނެވެ. އެއީ ހިޖުރީގޮތުން ކޮންމެ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ ފުރަތަމަ ދުވަހެވެ.
އޭ ލެވެލް އިމްތިޚާނުގެ ނަތީޖާ ދޫކުރަން ފަށައިފި
ޕްރައިމަރީގެ ކެމްޕެއިން ފެއްޓެވުމަށް ޝާހިދު މާދަމާ އައްޑުއަށް